ރޭ ފަތިހު ލ. ފޮނަދޫއަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޑިޒާސްޓާރ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ ޗީފް އެގްޒެކްޓިވް އޮފިސާރ އުމަރު މޫސާ ވިދާޅުވީ، ރޭ ފަތިހު ލ ފޮނަދުއަށާއި އެއަތޮޅު ހިތަދޫއަށް ނަގޫރޯޅި އެއް އަރައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ނަގޫރޯޅި އަރައި ހިތަދޫގެ އެއް ގޭގެ ފުރާޅު އެއްލާލި އިރު ފޮނަދޫގެ 12 ގެއެއްގެ ފުރާޅު އެއްލާލި ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ހިތަދޫގެ ފުރާޅު އެއްލާލި ގޭގެ ފުރާޅު އަލުން މަރާމަތުކޮށް މީހުނަށް އުޅެވޭވަރު ކޮށްފައިވާ ކަން އުމަރު ފާހަގަކުރެއްވި އެވެ.
"އެންމެ ބޮޑަށް ގެއްލުން މި ލިބުނީ ލ. ފޮނަދޫއަށް. މިކޮޅިގަނޑުގައި 12 ގެއަކަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް އަޅުގަނޑުމެނަށް މިހާތަނަށް މައުލޫމާތު ލިބިފައިވަނީ އެއީ ފުރާޅު އެއްލާލައިގެން،" އުމަރު ވިދާޅުވި އެވެ.
ފުރާޅު އެއްލައިލި 12 ގޭގެ ތެރެއިން ހަ ގޭގައި މިވަގުތު މީހުން ނޫޅެވޭ ވަރުވެފައިވާ ކަމަށާއި އެ ހަ ގޭގެ މީހުން އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައިވާކަން އުމަރު ފާހަގަ ކުރެއްވި އެވެ. އަދި އަނެއް ހަ ގޭގެ މީހުން އެ ގެތަކުގެ އެހެން ކޮޓެރިތަކަށް ބަދަލުވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ފުރާޅު އެއްލައިލި 12 ގޭއަށް ލިބިފައިވާ ގެއްލުމުގެ އެސިސްމެންޓްތައް ހެދުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެހީގައި ކުރަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިއަދު އިރު އޮއްސުމުގެ ކުރިން އެ ހަ ގޭގައި ވެސް މީހުނަށް ދިރިއުޅެވޭ ވަރުވާނެ ކަން އުމަރު ފާހަގަކުރެއްވި އެވެ.
ފުރާޅޫ އެއްލާލުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓް ކެނޑިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ފޮނަދޫގައި ހުރި ބައެއް ބޮޑިތި ގަސްތައް ވެސް ވެއްޓިފައިވާ ކަން އުމަރު ފާހަގަކުރެއްވި އެވެ.
"މީގެ އިތުރުން ގަސް އެއްޗިހި ވެއްޓިގެން ސާފުކުރުމަށް ހުރި ހާއްސަކޮށް މަގު ފަދަ ތަންތަނަށް ސާފުކުރުމުގެ މަސައްކަތް ވެސް މިހާރު އެބަ ކުރިއަށް ދޭ، އުމަރު ވިދާޅުވި އެވެ.