ސަނީ ލިއޯން ދަތުރުކުރި ޖެޓް ނުވެއްޓި ސަލާމަތްވީ ކިރިޔާ!

އިންޑިއާގެ އެކްޓްރެސް ސަނީ ލިއޯން ދަތުރުކުރި ޕްރައިވެޓް ޖެޓެއް މޫސުން ގޯސްވުމުގެ ސަބަބުން ނުވެއްޓި ސަލާމަތްވީ ކިރިޔާ ކަަމަށް ބުނެ އޭނާ ޓްވީޓުކޮށްފައިވޭ -- ޓްވިޓަރ ފޮޓޯ

މުމްބާއީ - (31 މޭ 2017): ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއި އޭނޭގެ ފިރިމިހާ ޑެނިއެލް ވެބަރގެ އިތުރުން ބައެއް ރަހްމަތްތެރީންނާއެކު ދަތުރުކުރި ޕްރައިވެޓް ޖެޓް، ނުވެއްޓި ސަލާމަތްވީ ކިރިޔާކަަމަށް އޭނާ ބުނެފިއެވެ.

އުމުރުން 36 އަހަރުގެ އެކްޓްރެސް ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި، މަހަރާސްތުރަ ސްޓޭޓްގެ އެކަހެރި ހިސާބުގަނޑަކުން ދަތުރުކުރަމުން ދިޔަ ފްލައިޓް ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާކަމަށެވެ.

"އަހަރެމެން ސަލާމަތްވިކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުކުރަން. މޫސުން ގޯސްވުމުގެ ސަބަބުން އަހަރެމެންގެ ޕްރައިވެޓް ޕްލޭން ނުވެއްޓުނީ ހަމަކިރިޔާ،" ފުރާނަ ސަލާމަތްވި ކަމަށްޓަކައި ހެއްދެވިފަރާތަށް ފަށްފަށުން ޝުކުރުއަދާކޮށް، ސަނީ ލިއޯން ކުރި ޓްވީޓެއްގައި ވެއެވެ.

"ރާގިނީ އެމްއެމްއެސް 2"ގެ ބަޠަލާ ވަނީ، އޭނައާއި އަދި އެކުގައި ދަތުރުކުރި އެއްވެސް މީހަކަށް އެހާދިސާގައި ގެއްލުމެއް ނުވާކަން ފޭނުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ވީޑިއޯއެއްވެސް ޝެއާކޮށްފައެވެ.

ސަނީ ބުނީ، އެމީހުން މިހާރު ތިބީ މަހަރާޝްތުރާގެ އެކަހެރި ހިސާބުގަނޑެއްގައި ކަމަށާއި، އެނބުރި ގެއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ހާދިސާ ހިނގިވަގުތު، އެއާކްރާފްޓް ވެއްޓެނީކަމަށް ހީކޮށް އެންމެންވެސް ތިބީ ވަރަށް ބޮޑަށް ބިރު ގަނެފައިކަމަށް ސަނީ ބުންޏެވެ. އަދި އެ ހާދިސާއިން ސަލާމަތްވުމުގައި އެއާކްރާފްޓްގެ ޕައިލެޓުންގެ ކުޅަދާނަކަށް ފާހަގަކޮށް ޕައިލެޓުންނަށް ވެސް ސަނި ޝުކުރުއަދާކުރިއެވެ.

comment ކޮމެންޓް