ބެލުންތެރިންގެ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އަންނަ ދެކުނު އިންޑިއާގެ ސުޕަ ސްޓާ ރަޖިނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ"ގެ ދެވަނަ ބައި މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ އެ ފިލްމުގެ ޓީޒާއަކާ ވެސް އެކުއެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ޖެއިލާ 2" އަކީ 2023ގައި ރިލީޒްކުރި ރަޖިނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ"ގެ ސީކްއެލްއެކެވެ. މި ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއް ސިނަމާތަކަށް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރު ނެލްސަންއެވެ.

ފިލްމު "ޖެއިލާ 2"ގެ ޑައިރެކްޓަރު ނެލްސަން އަދި އެ ފިލްމުގެ ލީޑް އެކްޓަރު ރަޖިނީކާންތު--ފޮޓޯ/ފިލްމުފެއަ
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު 2023ގެ އެ ފިލްމު ސިނަމާތަކުން ނެގިއިރު 650 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ފިލްމަށް ވަނީ ލިބިފައެވެ.
ފިލްމު "ޖެއިލާ 2"އިން ރަޖިނީކާންތުއާ އެކު ފެންނާނެ މުހިއްމު ތަރިންގެތެރޭ، ވިދިއާ ބަލަން، ރާމިއާ ކްރިޝްނަން، ޔޯގީ ބާބޫ، އެސްޖޭ ސޫރިއާ، މިރްނާ، އަންނާ ރަޖަން އަދި ޖަތިން ސަރުނާ ހިމެނެއެވެ.
މީގެއިތުރުން މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީގެ އިތުރުން މިތުން ޗަކްރަބަތީ އާއި ރިތިކް ރޯޝަން ފިލްމުގެ ހާއްސަ ފެނިލުންތަކެއް ބެލުންތެރިންނާ ބައްދަލުކުރާނެއެވެ.
ރަޖިނީކާންތު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ކޫލީ"އެވެ. ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް ގެނެސްދިން އެ ފިލްމަށް ބޮކްސް އޮފީހުގައި 675 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.