ފާރިސް މައުމޫންގެ ބޮޑުދައިތަ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބޮޑުދައިތަ ފަރީޝާ އިބްރާހީމް މިރޭ އަވަހާރަވެއްޖެއެވެ.

ފަރީޝާ އަކީ ފާރިޝްގެ މަންމާފުޅު ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅެއެވެ. އަދި އޭނާ އަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކުގެ އަނބިކަނބަލުންނެވެ.

އޭނާ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންް ދަނިކޮށް މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ.

ބޮޑުތައިދަ އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފާރިސް ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ ފުރޭގޮތެއް ވަނީ ނުވެފައެވެ.

ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާރިސް އާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް، ތަހުގީގަށް އެންމެ އެކަށީގެންވާ އެއްބާރުލުން ފާރިސްގެ ފަރާތުން ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ފާރިސްގެ އާއިލާއާ ގުޅުމެއް އޮންނަ އަހުމަދު ޞަފްވާން ވެސް ފުލުހަށް ހާޒިރު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކޮށްވެސް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުނުވެ، ރާއްޖެއިން ބޭރުގައި "ފިއްލަވައިގެން" ހުންނެވީވެސް ފާރިސްގެ އާއިލާގެ އެހީތެރިކަމެއް އޮވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް