ލޯންޗު އެކްސިޑެންޓް ހާދިސާގެ ތަހުގީގެއް ޓްރާންސްޕޯޓުން ފަށައިފި

ރޭގެ އެކްސިޑެންޓުގައި ޒަހަމްވި މީހަކު އޭޑީކޭއަށް ވައްދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ ...

ރޭ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓް ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ތަހުގީގެއް ފަށައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުލްނާސިރު މިއަދު ވިދާޅުވީ، ރޭ ހިނގި ހާދިސާ، މެރިން ޕޮލިހުން ތަހުގީގު ކުރަމުންދާ އިރު، ޓްރާންސްޕޯޓު އޮތޯރިޓީން ވެސް ތަހުގީގެއް ވެސް ފަށާފައިވާ ކަމަށެވެ.

އަބްދުލްނާސިރު ވިދާޅުވީ ފުލުހުން ކުރާ ތަހުގީގު ނިމުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތެއް ފާހަގަވެއްޖެ ނަމަ، ފިޔަވަޅު ވެސް އަޅާނެ ކަަމަށެވެ.

"ތަހުގީގު ނިމުމުން، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވާ ނަމަ ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ވެސް ގާނޫނީ ފިޔަވަޅު އަޅާނެކަން ދަންނަވަން. ފާއިތުވި ތަނުގައި ވެސް އެފަދައިން ހިނގި ހާދިސާތަކުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ވާނީ،" ނާސިރު ވިދާޅުވި އެވެ.

ރޭގެ އެކްސިޑެންޓްގައި 14 މީހަކަށް ޒަހަމްވެފައިވާ އިރު، 11 މީހަކަށް މިހާރު ވެސް އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

އޭގެ ތެރެއިން ދެ މީހެއް ތިބީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އެ ދެމީހުންގެ ތެރެއިން އެކަކުގެ އެތެރެހަށީގެ ގުނަވަންތަކަށް ލޭ އެޅިފައިވާ އިރު، ދެވަނަ މީހާގެ ބޮލަށް ލިބުނު ގެއްލުމަށް މިހާރު ވަނީ ސާޖަރީވެސް ހަދާފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ރޭގެ އެކްސިޑެންޓްވި ލޯންޗު ދުއްވަން އިން ކައްޕިއާއި އޭގައި ތިބި ހަތަރު ބިދޭސީ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ލޯންޗުގެ ކައްޕި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 10 ދުވަހަށް މުއްދަތު ޖަހާފައިވާ އިރު، ހަތަރު ބިދޭސީ ފަޅުވެރީންގެ ވީސާގައި މައްސަލަ އުޅޭތީ އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް