ރޯދަ މަސް: ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް. ރޯދަމަހަކީ ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް --

ރޯދަމަހަކީ އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ނުކައި ރޯދައަށް ހުންނަ ހުރުމަކީ ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާއި، އަހަރެމެންގެ ކިބައިގައި އަށަގެންފައި ހުންނަ ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މާގިނައިން އެނާޖީ ޑްރިންކްސް ބޭނުންކުރުން ފަދަ ޞިއްޙީގޮތުން އެހާ ރަނގަޅު ނޫން އާދަތައް ބަދަލުކޮށްލުމަށް ލިބިގެންދާ ފުރުޞަތެކެވެ.

ރޯދައަށް ހުންނަ ހުރުމުގައި ގިނަ ވަގުތު ކާބޯއެއްޗެއް އަރުތެރެއިން އެތެރެނުވެ ހުންނަ ހުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ. ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަކީ މާ އުދަނގޫ ކަމެއް ނޫނެވެ. ރޯދަ މަހަކީ އަހަރުގެ ތެރޭގައި އަންނަ މިފަދަ ކަމަކަށް އެންމެ އެކަށޭނަ ދުވަސްވަރެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ހުއްޓާލާނެ ދުވަހެއް ކަނޑައެޅުމެވެ. އެއަށްފަހު ހުއްޓާލަން ނިންމިކަން އާއިލާގެ މެންބަރުންނާއި، ރަހުމަތްތެރިންގެ ގާތުގައި ބުނާށެވެ. އަދި މިކަމުގެ އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެ ކަމަށް ބުނާށެވެ. ހުއްޓާލުމުން ދިމާވާ އުނދަގޫތަކާ، ހުއްޓާލައިގެން ދެމިހުރުމަށް ނޫނީ ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތަށް ދިމާވެދާނެ ހުރަސްތަކާ މެދު ވިސްނާށެވެ. އަދި އެފަދަ ހާލަތްތައް ދިމާވުމުން އަމަލުކުރާނޭ ގޮތްތައް ދުރާލާ ރާވާލާފައި ބަހައްޓާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބާރުލިބޭފަދަ ހުރިހާ ކަމަކާ ދުރުހެލިވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހަދާންކޮށްދޭ ފަދަ ތަކެތި ފެންނަ ހިސާބުގައި ނުބަހައްޓާށެވެ. މިސާލަކަށް ގޭތެރޭގައި ސިގިރޭޓް ފޮށި، އަޅިކެނޑި، ލައިޓަރު، އަލިފާންފޮށި ފަދަ ތަކެތި ނުބަހައްޓާށެވެ. އަދި ގޭގައި އުޅޭ އެހެން މީހުން ވެސް އެފަދަ ތަކެތި ތިބާއަށް ފެންނަ ހިސާބުގައި ބެހެއްޓިޔަނުދޭށެވެ. ގޭގައި ޚާއްޞަކޮށް ތިބާއަށް ފެންނަ ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ.

ފާހަގަ ކުރެވިފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން ރޯދަ ވީއްލާގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންވެ އެވެ. މިފަދަ މީހުން ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާއިރު، ރޯދަ ވީއްލައިގެން ދުންފަތުގެ އިސްތިއުމާލުނުކޮށް ވާނޭ ގޮތެއް ނޫނީ ދުންފަތުގެ އިސްތިއުމާލުނުކޮށް ކުރެވިދާނެ އެހެން ކަންތައްތަކެއް ހޯދައި، އެކަންކަން ކުރުން މުހިއްމެވެ.

އެންމެ މުހިއްމު އެއްކަމަކީ ރޯދަ ވީއްލުމަށް ފަހު ދުންފަތުގެ އިސްތިއުމާލުނުކޮށް ފަސްކޮށްލުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަސްކޮށްލުމަށްޓަކައި، ރޯދަ ވީއްލާގޮތަށް މިސްކިތަށް މަޣްރިބް ނަމާދުކުރުމަށް ދެވިދާނެއެވެ. އަދި ނަމާދަށްދާއިރު އެކުގައި ތިމާގެ ދަރިން ނޫނީ ގޭގައި އުޅޭ ކުޑަކުއްޖަކު ގެންދެވިދާނެއެވެ. ތިމާގެ އުފަން ދަރިން ނޫނީ ކުޑަކުއްޖަކު އެކުގައި ނަމާދަށް ގެންދާނަމަ، ނަމާދަށް ދާ މަގުމަތީގައި ދުންފަތުގެ އިސްތިމާލުކުރުމަށް ފަސްޖެހޭނެއެވެ. ނޫނީ ކުޑަކުދިން ތިބުން ދުންފަތުގެ އިސްތިއުމާލުކުރުމަށް އެޅޭ ހުރަހަކަށް ވާނެއެވެ. އެކުގައި ގެންދާނެ ކުޑަކުއްޖަކު ނެތްނަމަ، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހަކާ އެކުގައި މިސްކިތަށް ދެވިދާނެ އެވެ. ގިނަފަހަރު އެކުގައި ދާމީހަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހާއަށް އެކުގައި ދާމީހާ ދުންފަތުގެ އިސްތިއުމާލުކުރާ ތަން ފެނުމުން، އެކަންކުރާހިތްވާ ގޮތް ވެއެވެ.

ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހަކަށް ކުރެވިދާނެ އަނެއް ކަމަކީ މިސްކިތުން ރޯދަ ވީއްލުމެވެ. މިސްކިތުން ރޯދަ ވީއްލުމުން ލިބޭ ފައިދާ އަކީ ދުންފަތުގެ އިސްތިއުމާލުކުރާހިތް ވިޔަސް މިސްކިތުގެ ގޯތިތެރޭގައި ނަމާދަށްދާ އެހެން މީހުންގެ ކުރިމަތީގައި ފަސްޖެހޭ ގޮތް ވުމެވެ. އަދި ގިނަ ފަހަރު މިސްކިތުން ރޯދަ ވީއްލައި، ނަމާދުކޮށް ނިމޭއިރު ހުންނާނީ ރޯދަވީއްލާ ވަގުތު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އުޅޭ މީހަކަށް އަންނަ "ސިގިރޭޓް ބޯހިތްވުން" ނުވަތަ އެގަޑީގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުންނަ ޝައުގުވެރިކަން ކުޑަވެގެން ގޮސްފަ އެވެ. އަދި ރޯދަ ވީއްލާ ގޮތަށް ނަމާދުކޮށްގެން ކޮންމެވެސް ކަހަލަ ހެޔޮ އަމަލެއްގައި މަސްޣޫލުވުމަކީ ވެސް މިކަމަށް އެހީތެރިކަން ލިބިދޭނެ ކަމެކެވެ.

ރޯދަ ވީއްލާ ގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ހިތްވެއްޖެނަމަ އޭގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ މޭވާއެއް ހިޔާރު ކުރާށެވެ. ރޯދަ މަހު ގޭގައި އުޅޭ އެހެން ފަރާތްތަކަށް ގޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމަށް ބާރު އަޅާށެވެ. އަދި ތިބާގެ ކުރިމަތީގައި އެކަން ނުކުރުމަށް އެބައެއްގެ ކިބައިން އެދޭށެވެ.

ވަރަށް ގިނަ ފަހަރު ކޮފީ މޭޒަކީ ދުންފަތުގެ އިސްތިއުމާލުކުރާ މާލަމަކަށް އޮންނަނީ ވެފައެވެ. ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ހުއްޓާލަން އުޅޭ މީހާއަށް ފެނި އެކަމަށް ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ. އެހެން ކަމުން ރޯދަ މަހު ކޮފީބުއިން ފަދަ އަމަލުތަކާ ދުރުހެލިވާށެވެ. ޞިއްޙީ ގޮތުން ބެލިނަމަވެސް ޚާއްޞަކޮށް ރޯދަމަހުގައި މާގިނައިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ތަރާވީސް ދަމުގައި ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމުގެ ބަދަލުގައި ގޭގައި އާއިލޭގެ މެންބަރުންނާއެކު ތަރާވީސް ދަމުގެ ނާސްތާ ފުރިހަމަކުރުމަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތިބާގެ ރަހުމަތްތެރިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަހުމަތްތެރިއެއް ނެތްނަމަ، ނޫނީ ގިނަ ރަހުމަތްތެރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމުގައިވާނަމަ، ދުންފަތުގެ އިސްތިއުމާލުކުރާ އެންމެން އެކީގައި ހުއްޓާލަން މަސައްކަތް ކުރެވިދާނެއެވެ. އެންމެން އެކުއެކީގައި ގުޅިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމެކެވެ. ވީމާ މި ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނޭދެވޭ އާދަޔާ ދުރުހެލިވުމަށް މަސައްކަތްކުރަމާތޯއެވެ.

comment ކޮމެންޓް