ރޯދަމަހު ކަސްރަތުކުރުމާއި ކުޅިވަރުކުޅުން

މައިލޯ 5K ޓީމް ރަންގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯދަމަހަކީ އަޅުކަމުގެ މައްސަރެކެވެ. ނަމަވެސް ރޯދަ މަހުގައި ވެސް އަހަރެމެންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެ އެވެ. އެގޮތުން ކަސްރަތުކޮށް، އެކި ކުޅިވަރުތައް ކުޅެ އުޅުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރަން ޖެހޭ ކަންކަމެވެ. ރޯދަމަހަކީ ގިނައިރުތަކެއް ވަންދެން ނުކައި ހައިބަނޑާ ރޯދަށް ހުންނަ ދުވަސްވަރަކަށް ވުމުން، ރޯދަ މަހުގެ ތެރޭގައި ކަސްރަތުކުރުމާއި، ކުޅިވަރުކުޅެ ހެދުމުގައި ސަމާލުވާން ޖެހޭ ކަންކަމަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ރޯދަމަހު ކަސްރަތުކޮށް ހަދަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލުމަށް ފަހު ގައެވެ. ސަބަބަކީ ރޯދަމަހު ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ހަށިގަނޑު އެންމެ ބޮޑަށް ތާޒާވެގެންދާ އެއްވަގުތަކީ ރޯދަވީއްލުމަށް ފަހު އަންނަ ވަގުތުކަމަށްވާތީ އެވެ. އަދި ރޯދަ ވީއްލުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރާއި، ބުންވަރު ލިބިގެންދާތީ އެވެ. ރޯދަ ވީއްލުމަށް ފަހު ލުއި ކެއުމެއް ބޭނުންކުރެވިދާނެ އެވެ. އެއަށް ފަހު މަޣްރިބު ނަމާދުކޮށްގެން، ބައިގަޑިއެއްހާއިރު ކަސްރަތުކޮށްލުމަށް ފަހު، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ޚިޔާރު ކުރެވިދާނެ އެވެ.

ރޯދަ ވީއްލައިގެން ކަސްރަތުކުރަން އުނދަގޫ ނަމަ، ރޯދަ ވީއްލުމުގެ ގަޑިއެއް ނޫނީ ބައިގަޑިއެއްހާއިރު ކުރިން ކަސްރަތު ކޮށްލެވިދާނެ އެވެ. ނޫނީ ކޮންމެ ވެސް ކަހަލަ ކުޅިވަރެއް ކުޅެވިދާނެ އެވެ. މިވަގުތު ކަސްރަތުކުރުމުން ނޫނީ ކުޅިވަރެއް ކުޅެހެދުމުން، އެކަމެއް ކޮށްނިމޭގޮތަށް ރޯދަ ވީއްލައިގެން ކޮންމެ ވެސް އެއްޗެއް ކެއުމުގެ ފުރުޞަތު ލިބިގެންދެ އެވެ. މާނައަކީ ކުޅިވަރުކުޅެ، ކަސްރަތުކުރުން ފަދަ ކަންކަމުގެ ތެރެއިން ހަށިގަނޑުން ބީވެގެންދިޔަ، ހަކަތަ ރޯދަވީއްލުމާ އެކު ހަށިގަނޑަށް އިއާދަވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ކަސްރަތުކޮށް، ކުޅިވަރު ކުޅެހަދާނަމަ އެންމެ އެދެވިގެންވަނީ ހިނގާލުން، ބައިސްކަލް ދުއްވުން، ސްޓްރެޗިން ފަދަ ލުއި ކަސްރަތެއް ކޮށްލުމެވެ. މާގަދަޔަށް ކުރަންޖެހޭ ކަހަލަ ކަސްރަތުތައް ނޫނީ ވަރަށް ބޮޑަށް މީހާ ވަރުބަލިކޮށް، ނޭވާކުރުވާ ފަދަ ކަސްރަތުތައް ރޯދައަށްހުރެ ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ސަބަބަކީ ރޯދައަށް ހުރެ މިފަދަ ކަސްރަތުތައް ކޮށްފިނަމަ، ފަހަރުގައި ހަށިގަނޑުން މާބޮޑަށް ހަކަތަ މަދުވެ، ފެނާއި ލޮނުގެ ބައިތައް މަދުވެ، ޞިއްޙީ ނުރައްކަލަކާ ކުރިމަތިވެދާނެތީއެވެ. ބައެއް ފަހަރު ލޭގެ ޕްރެޝަރު ދަށްވެ، ލޭގައި ހަކުރުގެ މިންވަރު ދަށްވެ، ބޯއަނބުރައި، ނޫނީ އަނބުރައިގަތުމަކީ ވެދާނެ ކަމެކެވެ.

އާންމުކޮށް ކަސްރަތުކޮށް ކުޅިވަރުކޮށް އުޅޭ މީހެއް ނަމަ ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން ކޮންމެ ރެޔަކު މަދުވެގެން 8-12 ތަށްޓާއި ދެމެދުގެ އަދަދަކަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެއީ ރޯދަޔަށް ހުންނަ ވަގުތުތަކުގައި ކަރުހިއްކައި، ފެންބޮވާ މިންވަރު ކުޑަކުރުމަށްޓަކައެވެ. އަދި މިއީ ވަރުބަލިވުމާއި، ލޮޑުކަން ކުޑަކޮށްދޭނެ ކަމެއް ވެސް މެއެވެ.

ތިބާގެ ކިބައިގައި ޞިއްޙީ ވަކި މައްސަލައެއް ހުރިނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދައްކައިގެން ކަސްރަތުކުރުމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ލަފަޔާ އިރުޝާދު ލިބިގަތުމެވެ. އެހެނީ މީހެއްގެ ކިބައިގައި ހުންނަ ބަލިމަޑުކަމެއްގެ ސަބަބުން ކުރެވިދާނެ ކަސްރަތުތަކާއި، ކުޅިވަރުތައް، އެކަންކަން ކުރެވިދާނެ މިންވަރު ތަފާތުވެގެން ދިއުމަކީ ގާތް ކަމެކެވެ.

comment ކޮމެންޓް