ރާޅާއެޅުމަށް މިހާރު ބޭނުންކުރެވެމުންދާ ކ. ތަނބުރުދުއަށް ރާޅާއަޅަން ދަތުރުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އެމްޓީސީސީގެ ފެރީއެއްގައި ތަނބުރުދުއަށް ރާޅާއަޅަން ޒުވާނުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިއަދު މެންދުރު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު އަދި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކޫ)އެވެ. އެ އެއްބަސްވުމަކީ ހަ މަސް ދުވަހުގެ އެއްބަސްވުމެކެވެ.
އެ ރަސްމިއްޔާތުގައި މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ، އެއްބަސްވުމާއެކު ހަފްތާއެއްގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ރާޅާއެޅުމަށް ތަނބުރުދުއަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި މި ހަފްތާއިން ފެށިގެން އެއްވެސް އުނދަގުލެއްނެތި އެ ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.
ތަނބުރުދުއަށް ރާޅާއެޅުމަށް ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ދަތުރުކުރަނީ ވަކި ގަޑިތަކެއްގައެވެ. ބަންދު ދުވަސްތަކުގައި ހެނދުނު 6 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ރަސްމީ ދުވަސްތަކުގައި 1 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ކޮންމެ ދުވަހަކު ވެސް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަ ނަންބަރު ޖެޓީއިންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ވިދާޅުވީ، ރާޅާއަޅާ ޒުވާނުން ތަނބުރުދުއަށް ގެންދިއުމުގެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އެމްބީބީއޭއާ މަޝްވަރާކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ އެއްބަސްވުމަކީ ހަ މަސް ދުވަހުގެ އެއްބަސްވުމެއް ކަމަށްވިޔަސް ފަހުން މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި 50 މީހުންގެ ޖާގަ ކަމުގައި ބަޔާން ކޮށްފައި އޮތަސް، ދަތުރުކުރުމަށް ބޭނުންކުރެވޭނީ 81 މީހުންގެ ޖާގައިގެ ފެރީއެއް ކަމުން 50 މީހުންނަށްވުރެ އިތުރަށް ވެސް ދަތުރުގައި ބައިވެރިވެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.