ހަޑާސްފީލްޑުން 45 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެ

ޗެމްޕިއަންޝިޕްގެ ޕްލޭއޯފް ކާމިޔާބުކުރި ހަޑާސްފީލްޑް ޓައުން: އެ ޓީމު އެންމެ ފަހުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވަނީ 1972 ވަނަ އަހަރު --

ލީގު ޗެމްޕިއަންޝިޕްގެ ޕްލޭއޯފްގައި ރެޑިންގެ މައްޗަށް ކުރި ހޯދައި، ހަޑާސްފީލްޑް ޓައުންއިން 45 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންޝިޕް ޕްލޭއޯފް މެޗުގައި ޕެނަލްޓީ ޖަހައިގެން ރެޑިންގެ މައްޗަށް ހަޑަސްފީލްޑް ކުރި ހޯދީ 4-3 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗު ޕެނަލްޓީއަށް ދާން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުންނެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ޖަރުމަނަށް އުފަން އެމެރިކާ ކޯޗު ޑޭވިޑް ވެގްނާގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ހަޑަސްޕީލްޑަށް ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ ޝިންޑްލާއެވެ.

ހަޑާސްފީލްޑަކީ 1924 އިން ފެށިގެން 1926ގެ ނިޔަލަށް އެއިން ކޮންމެ އަހަރަކު ވެސް ފުރަތަމަ ޑިވިޝަންގެ ލީގު ޗެމްޕިއަންކަން ހޯދި ޓީމެކެވެ. ފުރަތަމަ ޑިވިޝަނުން ހަޑާސްފީލްޑް އެންމެ ފަހުން ރެލިގޭޓްވެފައި ވަނީ 1972 ވަނަ އަހަރެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުން އެ ކްލަބަށް އެންމެ މަދުވެގެން 290 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ.

comment ކޮމެންޓް