ބީއެލްޓީ ސޭންޑްވިޗު

ބޭކަން ލެޓިއުސް ޓޮމާޓޯ ސޭންޑްވިޗް --

މިއަދު ސަން ބަދިގޭގައި ތައްޔާރުކޮށްލާނީ، ބޭކަން ލެޓިއުސް ޓޮމާޓޯ (ބީއެލްޓީ) ސޭންޑްވިޗު. މިއީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ރަނގަޅު ޑިޝްއަކަށް ވާނެ.

ބޭނުންވާ ތަކެތި

  • 10 ގްރާމް މަޔޮނައިޒް
  • 80 ގްރާމް ބީފް ބޭކަން (ދެ ފޮތި)
  • 15 ގްރާމް އައިސްބަރގް ލެޓިއުސް
  • 15 ގްރާމް ޓޮމާޓޯ
  • 100 ގްރާމް ގާކިންސް
  • ބަގެޓް ބްރެޑް

ތައްޔާރުކުރާނޭ ގޮތް

ސޭންޑްވިޗު ތައްޔާރުކުރުމަށް ބަގެޓް ބްރެޑް ދެފަޅިއަށް ފަޅާލާފައި، ދެފަޅި ވަކިން ޓޯސްޓްކޮށްލުމަށް ޓަކައި ތަވަލުގައި ހޫނުކޮށްލާނީ.

ބްރެޑް ދެފަޅިއަށް ފަޅާލުމަށް ފަހު ލަވަލުގައި ހޫނުކޮށްލަނީ --

އެއަށްފަހު ކިއުކަމްބާ ތުނިކޮށް ފޮތިފޮތި ކޮށްލާނީ. ދެން ޓޮމާޓޯވެސް ތުނިކޮށް ފޮތިފޮތިކޮށްލާނީ. އަދި ގާކިންސްކޮޅު ވެސް ތުނިކޮށް ފޮތިކޮށްލާނީ.

ކިއުކަމްބާ، ޓޮމާޓޯ އަދި ގާރކިންސް ތުނިކޮށް ފޮތިކޮށްފައި--

ބްރެޑް ހޫނުކޮށްލުމަށް ފަހު، ދެފަޅީގައި ވެސް ރަނގަޅަށް މައޮނައިޒް އުނގުޅާލާނީ. އެއަށް ފަހު، ލެޓިއުސްކޮޅު ބައިބަޔަށް ބްރެޑްގައި އަތުރާލާނީ. ދެން އޭގެ މަތީގައި ފޮތިކޮށްފައި ހުރި ކިއުކަމްބާތައް އަތުރާލާނީ. އަދި އޭގެ މަތިން ޓޮމާޓޯ ފޮތިތައް އަތުރާލާނީ. ދެން އޭގެ މަތިން ގާކިންސްކޮޅު އަތުރާލާނީ.

ބްރެޑް ފޮތީގައި ލެޓިއުސް، ކިއުކަމްބާ، ޓޮމާޓޯ އަދި ގާކިންސް އަތުރަނީ --

އެއަށް ފަހު، ބީފް ބޭކަންކޮޅު ތަވަލުގައި ރަނގަޅަށް ފްރައިކޮށްލާނީ. ފްރައިކޮށްލުމަށް ފަހު، ސޭންޑްވިޗްގެ އެންމެ ފަހު ލޭޔަރަކަށް ދެފޮތި ބޭކަން ބާއްވާފައި، އޭގެ މަތީގައި ބްރެޑްގެ އަނެއްފަޅި ބާވާލީމަ އެއޮތީ ސޭންޑްވިޗް ތައްޔާރުކުރެވިފައި.

ބީއެލްޓީ ސޭންޑްވިޗް، ފްރެންޗްފްރައިޒާއެކު--

މި ސޭންޑްވިޗާ އެކު ފްރެންޗް ފްރައިސް ކޮޅެއް ތައްޔާރުކޮށްލުމުން މި ޑިޝް އިތުރަށް ފުރިހަމަވެގެން ދާނެ.

comment ކޮމެންޓް