ރާއްޖެއަށް ޓަރަރިސްޓް ހަމަލާއެއް ދީފާނެތީ ސަމާލުވާން ޔޫކޭއިން އަންގައިފި

ފަތުރުވެރިން ތަކެއް ހިންމަފުށީ މަގެއްގައި ހިނގާފައި ދަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮބައޮތް ކަމަށް ބުނެ ރާއްޖެއަށް ދަތުރުކުރާ ޔޫކޭގެ ރައްޔިތުން ސަމާލުވުމަށް އިނގިރޭސިވުިލާތުގެ ފޮރިން މިނިސްޓްރީން އިލްތިމާކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިސްއެއްގައި ބުނެފައިވަނީ ރާއްޖެއަށް ޓެރަރިސްޓް ހަމަލާ ދޭއިރު އާންމުކޮށް ފަތުރުވެރިން ގޮސްއުޅޭ ތަންތަނަށް ހަމަލާ ދޭނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ޓްރެވަލް އެޑްވައިސްގައި އިތުރަށް ބުނެފައިވަނީ އިރާގާއި އަދި ސީރިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިންނަށް ހަމަލާތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ސަމާލުވެ ތިބެން ޖެހޭ ކަމަށްވެސް އިނގިރޭސިންނަށް ނެރުނު ޓްރެވަލް އެލާޓްގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ޔޫކޭގެ ހެލްތް އޮތޯރިޓީ އާ ހަވާލާދީ ޓެރްވަލް އެޑްވައިސްގައި ބުނެފައިވަނީ ރާއްޖޭގައި ޒިކާ ވައިރަސްވެސް ފެތުރެމުންދާ ކަމަށެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޒިކާ ވައިރަސްގެ ކޭސްތަކެއް ރާއްޖޭން ރިޕޯޓުކޮށްފައިވާ ކަމަށް ޓްރެވަލް ހެލްތް ޕްރޮގެ ވެބްސައިޓުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ މާބަނޑު އަންހެނުން ހާއްސަކޮށް އެކަމަށް ސަމާލުވުމަށް އެ ވެބްސައިޓުގައި ވަނީ އަންގާފަ އެވެ.

އޮސްޓޭރޭލިއާއިން ވެސް ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް އަންގާފައިވާ އިރު ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވަނީ އެފަދަ ހަމަލާތަކާ ދެކޮޅަށް އެ ސެންޓަރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

comment ކޮމެންޓް