ހަނދުވެނިފާންކަން ދުނިޔެއާއި އަލްވަދާޢު ކިޔަމުން ދިޔައީ އާދުވަހަކަށް މަރުޙަބާ ކިޔަމުން އަރަމުން އައި އިރަށް ތަންދެމުންނެވެ. އެހިތްފަސޭހަ ވަގުތު ފ.ބިލެތްދޫގެ މަލަމަތިން ފެންނަމުން ދިޔައީ އަމާންކަމާއި ރައްކާތެރިކަމެވެ. މުޅި ރަށަށް ގުގުމަމުން ދިޔައީ ދޫނިތަކުގެ ރީތިނަލަނަލަ އަޑުން ކިޔަމުންދާ ރީތި ހިތްގައިމު މިޔުޒިކީ ރާގުތަކެވެ. އެހެންނަމަވެސް އެހެންދުވަސްތަކާއި ޚިލާފަށް މިއަދު ދޫނިތައް އެކިޔަމުން ދަނީ މުޅިން ތަފާތު ރާގެކެވެ. ލޯބީގެ އުފާވެރި އަމިއްލަ ރާގަކަށް ފާތުމަ އާއި ރާވެރިއަލީގެ ލޯބީގެ އަގުމާތް ގުޅުމުގައި ގޮށްޖެހިގެންދާނެ ޚަބަރު މުޅިރަށަށް ފަތުރަމުންދިޔައެވެ. އާނއެކެވެ. މިއަދަކީ ފާތުމަ އާއި ރާވެރިއަލީ އެތަކެއް ދުވަހަކު ދެކެމުންއައި ފޮނި ހުވަފެން ހަޤީޤަތަކަށްވާނެ ދުވަހެވެ. ދެމީހުން ހަލާލު ޙުރުމަތްތެރި ގުޅުމަކުން ގުޅި މާތް މަތިވެރި ލޯތްބެއްގެ މަތީގައި ބިންގާ އެޅިގެންދާނެ ދުވަހެވެ.
ރާވެރިއަލީގެ ގޭގައި ތައްޔާރުކުރަމުންދާ ކައިވެނީގެ ބޮޑު ޖާފަތަށް ކައްކަން އެހީތެރިވުމަށް ރަށުގެ ގިނަ އަންހެންވެރިން އެ ގޭދޮށަށް ޖަމާވަމުންދިޔައެވެ. ރައިވަރާއި ފަރިއްސާއި އަންބާގެ ޖޯޝާއިއެކު އަންހެންވެރިން ކެއްކުމުގައި ފޯރި ނަގަމުންދާއިރު ފިރިހެންވެރިންވެސް އެމީހުންނާއި ޝާމިލުވަމުންދެއެވެ.
އެދުވަހުގެ ހަވީރުގެ މަރިޔާދު ވަގުތު މުޅިރަށުތެރެއަށް ހަނާއަޅަމުންދާ ފިނިފިނި ވައިރޯޅި ފާތުމަ އާއި ރާވެރިއަލީ ގައިގައި ފިރުމާލީ އާދަޔާ ޚިލާފު އުފާވެރިކަމެއް އެދެމީހުންނަށް ގެނުވަމުންނެވެ. އުޑުމަތީގައި ފެތުރެމުންދާ ރަތްދަނބުކުލައިގެ ވިލާތަށް އެމީހުންގެ އުފަލުގައި ބައިވެރިވަމުން ދިޔައެވެ. ފާތުމައާއި ރާވެރިއަލީގެ ކައިވެނި ކުރެވިއްޖެއެވެ. ދެމީހުންގެ ލޯބީގެ މާބަގީޗާގައި މާތައް ފޮޅިފަރިވެ މުޖުރާކުރަންފަށައިފިއެވެ.
"އޭ މަގޭ ލޭފަވެތި އަނބި ފާތުމާ.."
ރާވެރިއަލީގެ ފިރިހެންވަންތަ އަޑު ކަންފަތްދޮށަށް ބީއްސާލުމާއިއެކު ފާތުމަގެ ހިތް އުފަލުން ފޮޅިގެންދިޔައެވެ. ވަރަށް ލަދުރަކި ހިނިތުންވުމަކާއިއެކު ފާތުމަ ރާވެރިއަލީއާއި ދިމާއަށް ބަލާލިއެވެ. ރަތްކުލައިގެ ލިބާހެއްގައި ވަރަށް ނަލަހެދިގެން ހުރި ފާތުމަ ފެނުމާއިއެކު ރާވެރިއަލީ ގެ ތަޢުރީފުތައް ފާތުމައަށް އޮއްސަންފެށިއެވެ. މިއީ އޭނާގެ އާދައެވެ. އަބަދުވެސް ފާތުމައަށް ތަޢުރީފުކުރާނެއެވެ. ސަނާކިޔާނެއެވެ. ފާތުމައަށް ރާވެރިއަލީގެ އެންމެ ހަހަރުވެތި އެއް ސިފައަކީވެސް އެއީއެވެ. ރާވެރިއަލީ މަޑުމަޑުން ފާތުމަ އާއި ގާތްވެލަމުން އޭނާގެ ގިއުޅު އަތުކުރީގައި ހިފާ ދެމީހުން ހިނގައިގަތީ ކައިވެނީގެ އުފަލުގައި ތައްޔާރުކޮށްފައިވާ ޖާފަތަށް އިންސާފުކުރުމަށެވެ.
ކުކުޅުރިިހައާއި ބަތާއި ކަނޑުކުކުޅެވެ. ބޯކިބަލާއި ތަފާތު ހެދިކާތަކެވެ. ސޫޖީ އާއި ތަފާތު ބުއިންތަކެވެ. މުޅި ރަށުގެ އެކި ފަންތީގެ މީހުން ކައިވެނީގެ އުފަލުގައި ބައިވެރިވަމުން ދިޔައެވެ. ފާތުމައަށް އެއެންމެންގެ ތެރެއިން ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުސޭނެވެ. އެވަގުތު ހުސޭނުގެ ނަޒަރު މުޅިންހެން ހުއްޓިފައި ހުރީ ސީދާ ފާތުމައަށެވެ. ފާތުމަ ވަގުތުން މޭޖެހޭ ގޮތްވިއެވެ. މޫނު މަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. ހުސޭނު ފާތުމައަށް ބަލަން ހުރީ ވަރަށް ބިރުވެރި ގޮތަކަށެވެ. ހީވަނީ އިފުރީތެއްހެންނެވެ. ހުސޭނު ސުފުރާމަތިން ދޮންކެޔޮވަކެއް ނަގާ ދެފަޅި ކޮށްލުމާއިއެކު ބިންމައްޗަށް ވައްޓާލިއެވެ. އަދި ފައިން އަރާ ޗިސްޗިސް ކޮށްލިއެވެ.
"ފާތުމާ" ރާވެރިއަލީގެ އަޑަށް ފާތުމަ ސިހުނެވެ.
"ކިހިނެއްވެފަ ތިހުރީ؟އަވަހަށް ކާންފަށަމާ ބަހީ..." ފާތުމަގެ މޫނަށް ބަލާލަމުން ރާވެރިއަލީ އެހިއެވެ.
"ކަމެއް ނުވޭ...އާނ...ފަށަމާ...." ފާތުމަ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނުވަމުން ތައްޓަށް ބަތްއަޅަން ފެށިއެވެ.
ފާތުމަގެ ނަޒަރު ހުސޭނު ހުރި ދިމާއަށް މަޑުމަޑުން އަނެއްކާވެސް ހިންގާލިއެވެ. މިހާރު އެތާކު ހުސޭނެއް ނެތެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފާތުމަ ކާންފެށިއެވެ. ކައިވެނީގެ ޙަފުލާ ނިމިގެން ދިޔައީ ގިނަބައެއްގެ މޫނުމަތިން އުޖާލާކަން ގެނުވަމުންނެވެ.
ރޭޑިއޯއިން އިވެމުން ދިޔަ ފަތިސްނަމާދުގެ ބަންގީގެ އަޑަށް ފާތުމައަށް ހޭލެވުނެވެ. އޭރު ކައިރީގައި އޮށޯވެގެން އޮތް އޭނާގެ ފިރިމީހާ ފެނުމުން ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. ރާވެރިއަލީގެ އަތް އޮތީ ފާތުމަގެ ހަށިގަނޑު ވަށާލާފައެވެ. ފާތުމަ އޭނާގެ ފިރިމީހާ އާއި އިތުރަށް ގައިވެލަމުން އޭނާގެ ކޮލަށް ބޮސްދިނުމަށްފަހު މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ފަތިސްނަމާދަށް ދާން އޭނާއަށް ގޮވިއެވެ.
ރާވެރިއަލީ ފަތިސްނަމާދުން ގެއަށް އައިސް ވަތްއިރު ފާތުމަ ހުރީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. ބޯތައްޓަށް އަޅާފައިވާ ކަޅުސައި އަނގަޖަހާ ބޯލުމަށްފަހު ރާވެރިއަލީ މިސްރާބު ޖެހީ ރާދަޑަށެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދު ކޮށްލައިގެން ރާވެރިއަލީ ރާއެރުމުގެ މަސައްކަތަށްދެއެވެ. ފާތުމަވެސް އިލޮށިފަތި ހިފައިގެން ނިކުތީ ގޭގެ އިމާއި ގުޅިފައިވާ މަގުތައް ކުނިކަހާ ސާފުކުރުމަށެވެ.
"ފާތުމާ.." ކުނިކަހަން އޮތް ފާތުމައަށް އެއަޑު ކަންފަތުގައި ޖެހުމާއިއެކު އެއީ ކާކުކަން ހަމަރަނގަޅަށްވެސް އެނގުނެވެ. ފާތުމަ ޖެހިލުންވެހުރެ ކޮޅަށް ތެދުވިއެވެ.
"ފާތުމައަށް މަ ކަމުނުދިޔައީ މަ ސޮކަށްހުރީމަތަ...؟ނޫނީ މަށަކީ ރަށްމެދަށް ފޫޅުކަނޑާފައި ހުރި މީހަކަށް ވީމަތަ....؟މަ ފަގީރު ވެފައި ދެރަ ނިކަމެއްޗަކަށް ވީމަތަ...؟އާން...މަށަކީ ނިކަމެއްޗެއް...އެކަމަކު މިހިތުގައި ފާތުމައަށް އޮތް މަޤާމާއި ލޯބި ދުވަހަކުވެސް ނިކަމެއްޗެއް ނުވާނެ..ފާތުމަ ކައިވެނި ކުރިރޭ މަގޭ ހިތް ރޫޅި ފުޑުފުޑުވެއްޖެ.." ހުސޭނުގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ.
ފާތުމަ މަގުގެ ދެފަރާތަށް ބަލާލަމުން ބުނެލިއެވެ.
"ދަރުމަވާނެ ހުސޭނު...ތިއުޅުން ދޫކޮށްލާ...މިހާރު މިއީ މީހެއްގެ އަންބެއް....މަ ދުވަހަކުވެސް ހުސޭނު ދެކެ ލޯތްބެއް ނުވަން....ނުވެސްވާނަން.." ފާތުމަ އިލޮށިފަތި ހިފައިގެން އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.
ދުވަސްތައް އޭގެ އާދައިގެ ދުވެލީގައި ދައުރުވަމުންގޮސް ފާތުމައާއި ރާވެރިއަލީގެ ކައިވެންޏަށް 4އަހަރު ފުރުނުއިރު އެދެމީހުންގެ ދަރިފުޅު ޔޫސުފަށް 1 އަހަރުވަނީއެވެ. ފާތުމަ ގޭގެ ކަނާއަތްފަރާތުގައި ހަދާފައިވާ އުނދޯލީގައި ޔޫސުފު ގޮވައިގެންއިނެވެ.
"ފާތުމާ....ބަނޑު ހައިވެގެން ލޯމަތިން ރަންކޮކާ ބުރާވަރުވެއްޖެ.....ކުޑަސޮރު މަގޭ އަތަށް ދީފައި ދޭބަލަ ކާއެއްޗެއް ގެންނަން..." ގޭތެރެއަށް ވަދެގެންއައި ރާވެރިއަލީ އަތަށް ޔޫސުފު ދެމުން ފާތުމަ ވަނީ ބަދިގެއަށެވެ.
"އަން....މިއޮތީ މިއަދު ފިހެފަ އޮތް ރާފޮޅިއެއް.....ކާލަބަލަ..ވަރަށް މީރުވާނެ..." އުނދޯލީގައި ރާވެރިއަލީއާއި ޖެހިގެން ފާތުމަ އިށީނަމުން ޔޫސުފު އުރާލިއެވެ.
ރޭގަނޑުގެ އަރާމު ވަގުތެވެ. ޔޫސުފު ނިންދެވުމަށްފަހު ފާތުމަ ބަލާލީ އެނދުމަތީގައި އޮށޯވެގެން އޮތް ރާވެރިއަލީއަށެވެ. އޭރު އޭނާ ކަޅިޖަހާ ނުލާ ފާތުމައަށް ބަލަހައްޓައިގެން އޮތެވެ.
"ކިހިނެއްވީ...؟މާވަރަކަށް ތި ބަލަނީ...؟" ފާތުމަ ލަދުގަންނަ ގޮތްވިއެވެ.
"ފާތުމަ ހާދަ ގިންތީލަ އޭ....ފާތުމަ ތިއީ މަގޭ ނަސީބު....މަ ފާތުމަދެކެ ވަރަށް ލޯބިވޭ..." ރާވެރިއަލީ އެނދުން ތެދުވެ ފާތުމަ އުރާލައިގެން ގެނެސް އެނދުމަތީގައި ބާއްވާލިއެވެ. އަދި ފާތުމަ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ.
އިސާހިތަކު ދެމީހުން އޮތް އެނދު ލޯބީގެ މަސްތީ ދާނަކަށް ބަދަލުވެގެން ދިޔައެވެ. ދެމީހުންގެ ޖިސްމުގެ ހޫނުން ދެމީހުންވެސް ފިހެމުންދަނީއެވެ. އެހެންނަމަވެސް ދެހަށިގަނޑުވެސް އެދެނީ އެ ހޫނުން ހިތަށާއި މެޔަށް ލިބެމުންދާ އަރާމާއި އުފާ ލިބިގަންނާށެވެ. އެހޫނުން ހިތާއި މޭޭ ފިހި ހަނާވިޔަސް ހެޔޮކަމަށެވެ.
ފާތުމައާއި ރާވެރިއަލީގެ ހަޔާތުގެ ކޮންމެ ދުވަހެއްވެސް ނުހަނު އުފަލާއި ހިތްހަމަޖެހުމާއިއެކު ވޭތުވަމުންދާއިރު އެދެމީހުންގެ ހަންހާރަވެތި ގުޅުމަށް އަންނަން އުޅޭ ބާރުގަދަ ކޮޅިގަނޑުގެ ހިލަމެއްވެސް އެދެމީހުންނަށް ނުވާފަދައެވެ. އާދައިގެމަތިން ފާތުމަ އިނީ ގޭގެ އުނދޯލީގައި ޔޫސުފު ގޮވައިގެންނެވެ. ފާތުމައަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ގޭތެރެއަށް ވަދެގެންއައި ހުސޭނު ފެނުމާއިއެކުގައެވެ.
"ފާތުމާ..." ހުސޭނު ފާތުމައަށް ބަލާލިއެވެ. އެވަގުތު ފާތުމަގެ މޫނު އަނެއް ފަރާތަށް އަބުރާލަމުން ވަރަށް ފޫހި ގޮތަކަށް ތުން އަބުރާލިއެވެ.
"ފާތުމާ...2 އަހަރު ފަހުން އަނެއްކާވެސް މަ މިއައީ ފާތުމަގެ ހަޔާތައް....ފާތުމަ ބޭނުންވާނެ މީހަކަށް ވެގެން... ރާވެރިއަލީއަކަށް މިހާރު މަށަށްވުރެ ކުރިއަކަށް ނޭރޭނެ...މަގޭ އަތުގަ ވެސް މިހާރު ލާރި އެބަހުރި...ފާތުމަގެ ހަނދާނުގައި....ފާތުމައަށްޓަކަައި މަ ރަތްދަކައަވީގައި ކުރީ މަސައްކަތް...ލާރި ހޯދަން...ފާތުމަގެ ހިތް ހޯދަން..... ފާތުމާ....ފާތުމަ މަށާ ދެން އިންނަންވީނު..." ހުސޭނުގެ ވާހަކަ މިހާ ހިސާބަށް ދިޔައިރަށް ފާތުމަގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ބޭއިޚުތިޔާރުގައި ފާތުމަގެ އަތުގައި ހުރި ބާރެއް ލާފައި ހުސޭނުގެ މޫނުމައްޗަށް އެތިފަހަރެއް އަޅާލިއެވެ.
"ކަލޭ ލަދެއް ނުގަނޭތަ މަގޭ އިމުގައި ހުރެ ތިކަހަލަ ގޮތްކުޑަ ވާހަކަ ދައްކަން...؟ރޭދުވާމަގުން ކަލޭ މަށަށް ކުރަމުން އައި ދުއްތުރާތައް ހުއްޓުނީމަ މަހީކޮށްގެން މިހުރީ މަށަށް ދަރިއަކު ލިބުނީމަ ކަލެއަށް ވިސްނުނީކަމަށް... ހުސޭނު މަ ދެކެ ތިވަނީ ލޯތްބެއް ނޫން....މަގޭ ދިރިއުޅުމަށް ތި ހަސަދަވެރި ވަނީ...ހަމަ މިހާރު މިގެއިން ނިކުމޭ..." ފާތުމަ ރުޅިގަދަވެގެން ރޫރޫ އަޅަންފެށިއެވެ.
ހުސޭނު ވަރަށް ރުޅި އައިސްގެން ހުރެ އެގެއިން ނިކުތެވެ. ޔޫސުފު ކިހިލިޖަހައިގެން ފާތުމަ ވަނީ ގޭތެރެއަށެވެ.
ހުސޭނު ރަށަށް އައުމުން އޭނާގެ ތުރާތައް ފާތުމައަށް ކުރިމަތި ވާނެކަން އެނގޭތީ ފާތުމަ ބޭނުންވީ ރާވެރިއަލީއަށް މިވާހަކަތައް ހިއްސާކުރާށެވެ. އެހެންނަމަވެސް އެހާހިތްވަރެއް ފާތުމައަކަށް ނުލިބުނެވެ. ރާވެރިއަލީގެ އަތުން ފައިން ގޯހެއް ހަދާފާނެތީއެވެ. ގޭގެ ފެންޑާގައި ފުން ޚިޔާލެއްގެ ކަނޑުގައި ފީނަމުން ދިޔަ ފާތުމައަށް ހޭވެރިކަންވީ އޭނާގެ ބޮލުގެ އިސްތަށިތަކާއި މީހަކު ކުޅެމުން ދާކަން އިޙުސާސް ކުރެވިގެންނެވެ. އޭރު ފާތުމަގެ ބޮލުގެ އިސްތަށިގަނޑު ތެރޭގައި ރާވެރިއަލީގެ އިނގިލިތައް ދުއްވަމުން ދިޔައެވެ. ފާތުމަގެ މަސްތީ ނަޒަރު ސީދާ ރާވެރިއަލީގެ ލޮލާއި އަމާޒު ކޮށްލުމާއިއެކު އޭނާ ފާތުމަގެ ލޮލުގެ ޖާދޫގައި ޖެހިގެންދިޔައެވެ.
"ފެނި ތިކަޅިރަވަތޫނުކަން
ހީވޭ މަށަށް ސަހަރޯ އެކޭ
ގަންދީބުނާހަމަ މިއީ ތެދެއް
ތިއީ އެންމެ ފަރިފަަތްމިންޏެކޭ
ޝުކުރު ކުރަމޭ ޙަޟްރަތަށް
ލެއްވީތި ފާތުމަ އަންބަކަށް"
ރާވެރިއަލީގެ އިޝްޤީ ބަސްތަކުން ގަތާފައިވާ ރައިވަރު އިވި ފާތުމަ ގާތަށް ހިނިއައެވެ.
"ރާވެރިއަލީއެއް ނޫން ކިޔަންވީ...ރައިވަރުއަލީ..." ރަކި ހިނިޖަހަމުން ފާތުމަ ވަނީ ގޭތެރެއަށެވެ.
ރާވެރިއަލީގެ ލޯބި އެސިފަތަކުން ފާތުމަ ސިއްރުން ހިތާމައެއް ކުރިއަސް އެހިތާމަ ފިލާދާން ކުޑަވަގުތު ކޮޅެއްވެސް ނުނަގައެވެ.
ދުވަސްތައް މާޒީވަަމުންދެއެވެ. ފާތުމަ ފެންވަރާލައިގެން ގިފިލިން ނިކުތް ވަގުތު އޭނާގެ ބޮލުގައި އާދަޔާ ޚިލާފަށް ރިއްސަންފެށިއެވެ. މޭނުބައި ކޮށްގެން ގައިން ވަރުދޫވެގެން ހުރިތަނަށް ފާތުމަ ވެއްޓިއްޖެއެވެ. ހޭއެރީ އުފާވެރިކަމެއްގެ ތެރެއަށެވެ. ފާތުމަ ދެވަަނަ ދަރިއަކަށް ބަލިވެއިނީއެވެ. ކައިރީގައި ހުރި ރާވެރިއަލީގެ ބައްތިރީސް ދަތް ދިއްލައިގެން ހިނިތުންވުން މޫނުމަތިން ފިލާ ނުގޮސްހުއްޓެވެ.
"ފާތުމާ...މި ރާތަށި ބޯލާ....މަ އެބައަންނަން ރާދަޑަށް ގޮސްސަ" ރާތަށި ދިއްކޮށްލަމުން ރާވެރިއަލީ ގެއިން ނިކުތުމަށް ހިނގައިގަތެވެ. ފާތުމަ ބަލިވެ އިންފަހުން އޭނާގެ އެހީތެރިކަން އެތައްގުނައެއް އިތުރުވިއެވެ. ރާވެރިއަލީގެ ގޭ ދޮށުގައި މުގޯޅި އަޅަމުންދިޔަ ހުސޭނު އޭނާ އެގެއިން ނިކުތުމުން ރާވެރިއަލީއަށް ލޯއެޅުމަށްފަހު ދަނޑިވަޅުގެ ބޭނުން ހިފައި ގޭ ތެރެއަށް ދެމިގަތެވެ.
"ފާތުމާ" ހުސޭނުގެ އަޑުގައިވަނީ ހަރުކަށިކަމާއި އިންތިހާއަށް ރުޅިވެރިކަމެވެ.
"ފާތުމައަށް ތަނަވަސް ދިރިއުޅުމެއް ލިބުނީމަ ފާތުމައަށް ފާތުމަ އޮޅުނީ....ފާތުމަ ހަނދާންކުރާތި...މަގޭ މޫނުމައްޗަށް މަ ވީ ތެދުވެރި ލޯބި ހިމުން ކޮށްފަ އުފަލުގައި ނޫޅެވޭނެ....ރާވެރިއަލީ މަގޭ ދިރިއުޅުން ނަރަކައަކަށް ހަދައިފި...އެއީ ހަމަ ހުސް އެއްކަހަލަ ބައެއް...އޭނާއާއި ގުޅުންހުރި ކޮންމެއެއްޗަކަށް މަ ނަފުރަތު ކުރަން...ދުޢާ ކުރަން ތި ދިރިއުޅުން ނެތި ކުރެއްވުމަށް...އަދި އެއް ވާހަކަ އެބައޮތް...މަށަކީ ހިތް ދާތާކަށް ހަށި ފޮނުވާނެމީހެއްކަން ވިސްނާތި..." ފާތުމައަށް އިންޒާރު ދިނުމަށްފަހު ހުސޭނު އަވަސް ހިނގުމެއްގައި އެގެއިން ނިކުތެވެ.
ހުސޭނުގެ ވިހަގަދަ ބަސްތައް އިވި ފާތުމައަށް ރޮވޭގޮތްވިއެވެ. އަދި އޭނާގެ ވާހަކަތައް ރާވެރިއަލީ ގާތުގައި ދައްކަން ޢަޒުމް ކަނޑައެޅިއެވެ.
އާދުވަހަކަށް އިރު މަރުޙަބާ ކިޔައިފިއެވެ. ރާވެރިއަލީ ތައްޔާރުވަމުން ދިޔައީ ޔޫސުފު ގޮވައިގެން މޫދަށް ދިޔުމަށެވެ. ޔޫސުފު ހިތްހަމަ ޖައްސާލުމަށްޓަކައެވެ.
"ދަރިފުޅާ ޔޫސުފު...މިއީ އަމާ ގެ ރަންދަރި ދޯ..އަވަހަށް މޫދަށް ގޮސްސަ އަންނާތި...އިނގޭ ދަރިފުޅާ..." ޔޫސުފުގެ ކޮލުގައި ލޯބިން ހިފާލަމުން ރާވެރިއަލީ ގައިގައި ފާތުމަ ބައްދާލިއެވެ.
ގަނޑިއިރެއްހާއިރު ފަހެވެ. ފާތުމަ އިނީ ގޭގެ އުނދޯލީގައި ރާވެރިއަލީގެ އިންތިޒާރުގައެވެ. އޭނާ އައިހާ އަވަހަކަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ނިންމައިގެންނެވެ. ފާތުމަ ތެހިފޮޑަށްއަރައިގެން އުނދޯލިން ތެދުވީ ގޭތެރެއަށް ދުވެފައި އައިސް ވަތް ރަށުގެ ދެކުނުގޭ އާދަމްފުޅުބެ ފެނުމުންނެވެ. އޭރު އާދަމްފުޅުބެގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލައިފައި ބިންމައްޗަށް ވެއްޓިދާނެހެންނެވެ.
"ރާ....ރާވެރިއަލީ...ޔޫ.....ޔޫ...ޔޫސުފު....ފާތުމާ..." އާދަމްފުޅުބެގެ ހުވާސް ހީވަނީ އުފުރައިގެންް ދަނީހެންނެވެ.
"ކިހިނެއްވީ މަގޭ ޔޫސުފާއި ރާވެރިއަލީއަށް..." ފާތުމަގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.
ފާތުމަގެ ކަންފަތުގެ ހިނދުރި ތޮރުފާލީ އިންތިހާއަށް ހިތްދަތި ޚަބަރަކުންނެވެ.
"ނޫން....ނޫން...މަގޭ ރާވެރިއަލީ މަރެއްނުވާނެ...މަގޭ ޔޫސުފު އަމާ ދޫކޮށްފައެއް ނުދާނެ..." ފާތުމަ ދުއްވައިގަތީ ރަށުގެ އަތިރިއާއި ދިމާއަށެވެ.
ރޮމުން ހޭރެމުން އެހިސާބަށް ދެވުނުއިރު އެފަކީރުގެ ލަގޮނޑި ފަޅައިގެން ދާވަރުވެއްޖެއެވެ. ރަށުގެ ގިނަ ރައްޔިތުން އެތަނަށް ޖަމާވެފަ އޮތެވެ. ރާޅުދޫފަށުގައި މަރުވެފައި އޮތް ޔޫސުފާއި ރާވެރިއަލީ ފެނުމާއިއެކު ފާތުމަގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ހިތްމަތީގައި އަތް އަޅައިގެން ގައިން ބާރުދޫވެ ހުދުކުލައިގެ ސާލެއްހެން ފެތުރިފައި އޮތް ދޮންވެލިގަނޑުގެ ތެރެއަށް ފާތުމައަށް ޖެހެގަނެވުނެވެ.
މުޅި ރަށުތެރެއަށް ވެރިވެފައި އޮތީ ހިތާމައާއި ހިތްދަތިކަމެވެ. ޔޫސުފާއި ރާވެރިއަލީގެ ކަށުކަމާކެމީގެ ކަންތަކުގައި ފިރިހެންވެރިން އުޅެމުންދާއިރު ފާތުމަ ރަމަތަ ކުރުމުގައި އަންހެންވެރިން އުޅުނެވެ. ފާތުމަގެ ހިތް ހީވަނީ މިހާރު ވިރިވިރިގެން ފައިބަނީހެންނެވެ. އެކި ގޮތްގޮތުން ފާތުމަ ހަމައަކަށް އެޅުވުމަށް އަންހެންވެރިން ހުއްޓާނުލައި މަސައްކަތް ކުރަމުން ދިޔައެވެ. ރަށުގެ އެންމެންވެސް ޤަބޫލުކުރީ އެދެބަފައިން ގެބިގެން މަރުވީކަމަށެވެ.
ހަފުތާއެއް ފަހެވެ. ފާތުމަގެ މޫނުމަތީގައި އަދިވެސް އެއްވެސް ތާޒާކަމެއް ނެތެވެ. ދެލޮލުން ކަރުނަ ހުސްވާ ހަމައެންމެ ވަގުތު ކޮޅެއްވެސް ނާދެއެވެ. ވަރަށް ލޯބިން އުޅުނު ދިރިއުޅުން ބަރުބާދުވެގެން ދިޔައީ ހީވެސް ނުކޮށް ހުއްޓައެވެ. ފާތުމަ އެނދުމަތީގައި ކުރުއަތްމައްޗަށް އޮށޯތެވެ. ރާވެރިއަލީ އާއި ޔޫސުފުގެ ހަނދާންތައް ހިތާކުޅެމުން ދެއެވެ. ވަގުތުން އޭނާގެ ދެލޯ ކަރުނައިން ފުރި ބާރުވިއެވެ. ގިސްލަ ގިސްލާފައި ރޮއިގަނެވުނެވެ. ކެއްކުރަންވެސް ފާތުމަ ބޭނުންވެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ހައްޤުގައެވެ.
"ފާތުމާ....ނުރޮއި....މަ މިއަދު ވަރަށް ދެރަވެއްޖެ...ފާތުމަ އުޅޭ ހާލު ފެނިފައި........ފާތުމަ މަށަށް އާނބަސް ބުނޭ....މަ ފާތުމައަށް އުފާވެރިކަން ދޭނަން...." ހުސޭނުގެ ވާހަކައިގައި މިފަހަރު ހިތާމައިގެ އަސަރު ހުއްޓެވެ.
ފާތުމަ ލޮލުން ކަރުނަ ފޮހެލަމުން އެނދުން ތެދުވާން މަސައްކަތްކުރިއެވެ.
"ހުސޭނު ކުރި ދުޢާ އިޖާބަކުރައްވައިފި...މިއަދު މަގޭ އުފާވެރި ދިރިއުޅުން ނެތިގެން ގޮސްސި...އެކަމު އެކަލާނގެ އެގޮތަށް މިންވަރު ކުރެއްވީ މަ ހިތްހަމަޖެހޭނެ އައްސޭރިފަށަކަށް ދެވޭނެ ގޮތް ދައްކަވާފައި....މަ މިހުރީ ރާވެރިއަލީގެ ދަރިއަކަށް ބަލިވެ...މަށަށް މިދަރިފުޅާއިއެކު މާޒީގެއުފާތައް ހަނދާންކޮށްގެން އުފަލުގައި އުޅެވޭނެ.......އެހެންވީމަ ކަލޭ މަގޭ ދިރިއުޅުމުން ދުރަށްދޭ...މުޅި އުމުރަށް ދުރަށް ދޭ..." ފާތުމައަށް ވަރަށް ބާރަށް ރޯންފެށުނެވެ.
ކަރުނައިން ފުރިފައިވާ ލޮލަކުން ފާތުމައަށް ބަލަމުން ހުސޭނު ގެއިން ނިކުންނަން ހިނގައިގަތެވެ. އޭނާއަށް ރޮއިގަނެވުނީ ގެއިން ނިކުމެވުމާއިއެކުގައެވެ.
ފަތިހުގެ އަލިކަން ރަށުތެރެއަށް ވެރިވެގެންފިއެވެ. މީހަކު ސަލާމު ގޮވިއަޑަށް ފާތުމައަށް ބަލާލެވުނީ ގޭގެ މައިދޮރަށެވެ. ފާތުމަގެ ދެލޯ ބޮޑުވިއެވެ. ދޮރުމަތީގައި ވަރަށް ދެރަވެފައި ހުސޭނުގެ މަންމަ ހުއްޓެވެ.
"ކި..ކިހިނެއްވީ...ދަލޭކާ..." ވަރަށް ޖެހިލުންވެހުރެ ފާތުމަ އެހިއެވެ.
"މަގޭ ހުސޭނު......މަގޭ ހުސޭނު އަމިއްލައަށް މަރުވެއްޖެ....." ދަލޭކަގެ އަޑު ބެދުނެވެ.
"ހުސޭނުގެ އަމައެއްގެ ހައިސިއްޔަތުން މަ ފާތުމައަށް މަޢާފަށް އެދެން...އަން...މިއޮތީ ފާތުމައަށް އޮތް ސިޓީއެއް... މަ ދެން މިދަނީ..." ދަލޭކާ ރޮމުން ފާތުމައާއި ފުރަގަސްދީ ހިނގައިގަތެވެ.
ދަލޭކާ ދިން ސިޓީ ހުޅުވާލަމުން ފާތުމަ އެސިޓީ ކިޔަންފެށިއެވެ. އޭގައިވެއެވެ.
"އޭނާ މަގޭ އަމާގެ ދިރިއުޅުން ބިކަ ކޮށްލިއެވެ. އޭނާގެ ލޭ މަގޭ ދިރިއުޅުން ނާއުއްމީދުކުރުވިއެވެ. ތަޤުދީރުގައި ޤުދުރަތުުން މަށަށް ލިބެންނެތް ނަސީބު ދެއްވީ އޭނާގެ ލެއިން އުފެދުނު އެހެން ނިޝާނަކަށެވެ. އެހެންނަމަވެސް އެ ނަސީބަށް މަ ދަހިވެތިވީމެވެ. މަށަށް ނުލިބުނު އުފަލެއް އޭނާގެ ލޭގެ އެހެން ނިޝާނަކަށް ލިބެން މަ ހިތެއްނޭދުނެވެ. އޭނާއަކީ ކާކުކަން އެނގޭހެއްޔެވެ..؟ އެއީ މީގެ އެތަކެއް އަހަރުތަކެއް ކުރިން މަރުވި ރާވެރިއަލީގެ ބަފާއެވެ. މަގޭވެސް ބަފާއެވެ. މަގޭ އަމާގެ އިއްފަތްތެރިކަން އޭނާ ނަގާލީއެވެ. އަމާގެ ހައްޤުގައި މަ މިކަން ސިއްރުކުރީމެވެ. ރާވެރިއަލީ ފާތުމަ އާއި އެކު ލޯބިން އުޅޭތަން ބަލަން މަށަށް ފަސޭހައެއްނުވިއެވެ. އެހެންކަމުން މަ ފާތުމާ ހޯދަން އެއްކުރި ހުރިހާ ފައިސާއެއް ސިޙުރުވެރިއަކަށްދީ ސިޙުރުން ފާތުމަގެ އުފާވެރި ދިރިއުޅުން ނެތިކުރީމެވެ. މިކަމުގައި ރާވެރިއަލީގެ ކުށެއްނެތެވެ. މިކަމުގެ ހަޤީޤަތެއްވެސް އޭނާއަކަށް ނޭނގޭނެއެވެ. ކުށްވެރިއަކީވެސް މަށެވެ. ފާތުމަ ބުނީ ހަަމަ ރަނގަޅަށެވެ. މަ ތި ދިރިއުޅުމަށް ހަސަދަވެރިވަނީއެވެ. ހަސަދައިގެ އަލިފާނުގައި މަ ރޯކޮށްލީ ފާތުމަ އާއި މަގޭ ބޭބެގެ ދިރިއުޅުމެވެ. އެ ހަސަދައިގެ އަލިފާން ނިވިގެން ދިޔައީ ޚުދު މަގޭ ގައިގައި ވެސް އަލިފާން ހިފައިގެންނެވެ. މަށަށް ކުރެވުނު ކަންތަކުގެ އިޙުސާސްވުމުން މި މަގު އިޚްތިޔާރު ކުރަން މަ ނިންމީމެވެ. ޤަބޫލުކުރަމެވެ. މިއީ ތި ދިރިއުޅުމަށް އައި ހަހުރަޔާއެވެ. ޔަޢުނީ ހަސަދަވެރިޔާއެވެ."
ފާތުމަ ހިތަށް ކުރި އަސަރުން ބިންމައްޗަށް ތިރިވިއެވެ. މޫނު މަތީގައި އަތްއަޅާ ރޯންފެށުނެވެ. ރާވެރިއަލީގެ ބައްޕަގެ ފާފައިގެ ނިޝާނުން އިންދިރާސްވެގެން މިދިޔައީ ކުށެއްނެތް ބައެއްގެ ދިރިއުޅުމެވެ. ފާތުމަ ވަރަށް ހިތްވަރުކޮށް ތެދުވެ ބަނޑުގައި އަތުން ފިރުމާލަމުން ގޭތެރެއަށް ވަންނަން މަޑުމަޑުން ހިނގައިގަތެވެ.
ނިމުނީ