ސަން ޕްލޭއަށް ''ފިނި ވީޑިއޯ'' ފޮނުވައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު!

މި އަހަރު ސަން ޓީވީން ކުރިޔަށް ގެންދާ ފިނިއަށި ޕްރޮގްރާމްގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒް މޫސާ

ރޯދަމަހަށް ހާއްސަކޮށްގެން ސަން ޓީވީން ގެނެސްދޭ، ''ފިނިއަށި'' ޕްރޮގްރާމަށް "ހެއްވާ، މަޖާ ވީޑިއޯ" ފޮނުވައިގެން އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަން ޓީވީން މައުލޫމާތުދޭ ގޮތުގައި، ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ވެސް ހަވީރު، އެޓީވީން ފޮނުވާ، ފިނިއަށި ޕްރޮގްރާމްގައި، "ފިނި ވީޑިއޯ"ގެ ނަމުގައި ހެއްވާ މަޖާ ވީޑިއޯ ފޮނުވުމަށް ކޮންމެވެސް މައުޟޫއެއް ދިނުމަށް ފަހު، ފުރުސަތު ހުޅުވައިލާނެއެވެ.

ފިނިއަށި ޕްރޮގްރާމަށް ވީޑިއޯ ފޮނުވަން ހަދަން ޖެހޭ ގޮތަކީ، އެއް މިނިޓަށްވުރެ ދިގު ނޫން ވީޑިއޯއެއް ތައްޔާރުކޮށްލުމަށް ފަހު، ވީޑިއޯގެ ޓައިޓަލްގައި، ''Finiashi#'' ލިޔުމަަށްފަހު "sunplay.mv" އަށް އަޕްލޯޑު ކުރާނީއެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް، ފިނިއަށި ޕްރޮގްރާމުގައި ވަކި މައުޟޫއަކަށް، ހެއްވާ މަޖާ ވީޑިއޯ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާނަން. ދެން ބެލުންތެރީން ހައްދަވަންވީ ގޮތަކީ، އެގޮތަށް ކަނޑައެޅޭ މައުޟޫއަކާ ގުޅޭ ވީޑިއޯ ތައްޔާރު ކުރެއްވުމަށް ފަހު، އަޅުގަނޑުމެންގެ އޮންލައިން ވީޑިއޯ ޕްލެޓްފޯމް، 'ސަން ޕްލޭ'އަށް، އެ ވީޑިއޯ އަޕްލޯޑްކޮށްލައްވާނީ،" ފިނިވީޑިއޯއާ ގުޅޭ ގޮތުން ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒް (މިންނު) ވިދާޅުވިއެވެ.

ކޮންމެ ދުވަހަކުވެސް ފިނިވީޑިއޯ ފޮނުވުމަށް ފުރުސަތު ހުޅުވާލުމާއެކު، ޖެހިގެން އަންނަ ދުވަހުގެ މެންދުރު ފަހު 15:00އާ ހަމައަށް އެފުރުސަތު އޮންނާނެއެވެ.

"އަޅުގަނޑުމެން ބަލާނަން، ކޮންމެ ދުވަހަކުވެސް ސަން ޕްލޭއަށް ލިބޭ ފިނިވީޑިއޯތައް. އަޅުގަނޑުމެން ކަނޑައަޅާ ފަނޑިޔާރުން އެ ވީޑިއޯތަކަށް އިންސާފުކުރެއްވުމުން، އޭގެ ތޭރޭން ހޮވާލެވޭ އެންމެ ރަނގަޅު ތިން ވީޑިއޯ، ޖެހިގެން އަންނަ ދުވަހުގެ ފިނިއަށި ޕްރޮގްރާމްގައި ދައްކާނަން، އަދި އެއަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލާނަން،" މިންނު ވިދާޅުވިއެވެ.

ފިނިއަށި ޕްރޮގްރާމަށް ހުށަހަޅާ ފިނިވީޑީއޯގެ ތެރެއިން އެއްވަނައަށް އަންނަ ވީޑިއޯއެއް ހޮވާނީ، ފަނޑިޔާރުން ހޮވާ އެންމެ ރަނގަޅު ތިން ވީޑިއޯއަށް އެސްއެމްއެސް ފޮނުވުމަށް ހުޅުވާލުމުން އެންމެ ގިނަ އެސްއެމްއެސް ލިބޭ ވީޑިއޯއެކެވެ.

މިއަދު ވަނީ، "ރޯދަ ބާޒާރު"ގެ ނަމުގައި، ފިނިވީޑިއޯ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެހެންކަމުން، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބާޒާރުމަތީގައި ހިނގާ މަޖާ ކަންތައްތައް ވީޑިއޯ ކުރެއްވުމަށްފަހު ނުވަތަ ބާޒާރުކޮށްލުމުގެ މަޖާ ގޮތެއް ވީޑިއޯ ކޮށްލުމަށް ފަހު ސަން ޕްލޭއަށް އަޕްލޯޑުކުރުމަށް މާދަމާ މެންދުރުފަހު 15:00އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

comment ކޮމެންޓް