ހުއްދަނެތި އޭއައި ބޭނުންކުރުމާ ދެކޮޅަށް ތެދުވަންޖެހޭ: އަނަންޔާ ޕާންޑޭ

އިންޑިއާގެ ބަތަލާ އަނަންޔާ ޕާންޑޭ--ފޮޓޯ/ބޮލީވުޑްހަންގާމާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނަހަމަ ގޮތުގައި ބޭނުންކޮށް، ފަރުދުންގެ އަމިއްލަވަންތަކަމާއި ޝަޚްޞިއްޔަތަށް އަރައިގަންނަމުންދާތީ ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭއައި އަކީ މިއަދު ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެ، ފިލްމު އުފެއްދުމުގެ ބައެއް މަސައްކަތްތަކަށް ފަސޭހަތަކެއް ގެނެސްދޭ ޓެކްނޮލޮޖީއެއްކަމަށް އޭނާ ޤަބޫލުކުރި ނަމަވެސް، އިންސާނީ ހުނަރުގެ ބަދަލުގައި ނުވަތަ މީހުންގެ ރުހުމާ ނުލައި އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުވާނެ ކަމަށް އަނަންޔާ ބުނެއެވެ.

"އެޗްޓީ ސިޓީ"އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި 28 އަހަރުގެ ބަތަލާ ވަނީ އޭއައި ފުޅާވަމުންދާ މިންވަރާއި، އެ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހަރުދަނާ އިމެއް ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަނަންޔާގެ ޝަޚްޞިއްޔަތާއި ސިފަ ހުއްދަނެތި ބޭނުންކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި އޭނާ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މި މަހުގެ ކުރީކޮޅު ބޮމްބޭ ހައިކޯޓުން ވަނީ އޭނާގެ ޕާސަނަލިޓީ ރައިޓްސް ނުވަތަ ޝަޚްޞީ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ވަގުތީ އަމުރެއްވެސް ނެރެދީފައެވެ. އޭނާ ކޯޓަށް ދާންޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އޭއައި މެދުވެރިކޮށް އުފައްދާފައިވާ ބަރަހަނާ ޑީޕްފޭކް ފޮޓޯތަކާއި، އޭނާގެ ނަމުގައި ފަތުރާ ވަގު އިޝްތިހާރުތަކުގެ އިތުރުން، އޭނާގެ ނަމުގައި މީހުންނާ މުޢާމަލާތްކުރާ އޭއައި ޗެޓްބޮޓްތަކުގެ މައްސަލަ ހިމެނެއެވެ.

އޭއައިގެ ނުފޫޒު ގަދަވަމުންދާ ގޮތާ ބެހޭގޮތުން ވާހަކަދައްކަމުން އަނަންޔާ ފާހަގަކުރި ގޮތުގައި، 'އާޓިފިޝަލް' ނުވަތަ މަސްނޫއީ އެއްޗަކަށް ވީނަމަވެސް، އޭއައި އަކީ މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ޙަޤީޤަތެކެވެ. އަދި އެއީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އެންމެންވެސް ޤަބޫލުކުރަންޖެހިފައިވާ މުހިންމު ވަޞީލަތެއް ކަމަށް އޭނާ ބުންޏެވެ.

ފިލްމު "ޗާންދް މޭރަ ދިލް"ގެ މަންޒަރެއްގައި އަނަންޔާ އަދި ލަކްޝް--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ އިތުރުން، ފިލްމު ސެޓުތަކުގައި ކުރަންޖެހޭ ބައެއް ފަންނީ މަސައްކަތްތަކަށް، ޚާއްޞަކޮށް ސައުންޑް އެޑިޓިންގް ފަދަ ކަންކަމަށް އޭއައިގެ ސަބަބުން ބޮޑު ލުޔެއް ލިބިފައިވާކަން އަނަންޔާ ފާހަގަކުރިއެވެ. ކުރިން އަޑުގެ މައްސަލަތައް ހުރެގެން ތަކުރާރުކޮށް ނަގަންޖެހޭ ޓޭކްތައް މިހާރު އޭއައިގެ އެހީގައި ވަރަށް އަވަހަށް ސާފުކޮށް ރަނގަޅުކޮށްލެވޭ ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް، އިންސާނުންގެ ބަދަލުގައި އޭއައި ބޭނުންކުރަން ފަށާ ހިސާބުން އެކަން ބިރުވެރި ކަމަކަށް ބަދަލުވާ ކަމަށާއި، އިންސާނީ އިހުސާސްތަކުގެ މައްޗަށް އޭއައިއަށް ދުވަހަކުވެސް ކުރިނުހޯދޭނެ ކަމަށް ޤަބޫލުކުރާ ކަމަށް އަނަންޔާ ވަނީ ބުނެފައެވެ.

ޓެކްނޮލޮޖީގެ ބޭނުން އިތުރުވަމުންދާ ވަރަކަށް ޒިންމާދާރުކަންވެސް ބޮޑުވާންޖެހޭ ކަން ފާހަގަކުރަމުން އަނަންޔާ ބުނީ، މީހުންގެ ހުއްދައާ ނުލައި އެމީހުންގެ އަގުވައްޓާލުމަށާއި ޙަޤީޤަތާ ޚިލާފު ކަންކަން ދެއްކުމަށް އޭއައި ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. މުސްތަޤުބަލުގައި ވާނެ ގޮތެއް ނޭނގުނު ނަމަވެސް، ޚާއްޞަކޮށް މީހެއްގެ ރުހުމާ ނުލައި އެމީހަކާ ދެކޮޅަށް އޭއައި ބޭނުންކުރާ ހާލަތްތަކުގައި އެކަމާ ދެކޮޅަށް ހަރުކަށިކޮށް ތެދުވަންޖެހޭ ކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

އަނަންޔާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާގެ މަގުބޫލު ސީރީޒް "ކޯލް މީ ބޭ"ގެ ދެވަނަ ސީޒަން ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ. މި ކެރެކްޓާއާ ބެހޭގޮތުން ވާހަކަދައްކަމުން އަނަންޔާ ބުނީ، ވަގުތު ފާއިތުވަމުންދާ ވަރަކަށް ބެލާގެ ޝަޚްޞިއްޔަތަށް އަންނަ ކުރިއެރުމާއި ބަދަލުތައް މި ސީޒަނުން ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށެވެ. އަނަންޔާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މި އަހަރުގެ ކުރީކޮޅު ސިނަމާތަކުގައި ރިލީޒްކުރި، ލަކްޝްޔާއާއެކު ކުޅުނު ރޮމޭންޓިކް ޑްރާމާ "ޗާންދު މޭރާ ދިލް"އިންނެވެ.

comment ކޮމެންޓް