ސީކުއެލްތަކުގެ ބަދަލުގައި އިންޑިއާގެ މުއްސަނދި ފޯކްލޯ އަދި ނުކިޔާ ހުރި އަސްލު ވާހަކަތައް ސްކްރީނަށް ގެނައުމަށް މޯނާ ގޮވާލައިފި

އިންޑިއާގެ ބަތަލާ މޯނާ ސިންގް--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގައި މިހާރު އާންމުވަމުންދާ ފިލްމުތަކުގެ ސީކުއެލް ނުވަތަ ދެވަނަ ބައި ހެދުމުގެ ޓްރެންޑާ މެދު ސުވާލު އުފައްދައި، އިންޑިއާގެ މުއްސަނދި ފޯކްލޯ އަދި ނުކިޔާ ހުރި އަސްލު ވާހަކަތައް ސްކްރީނަށް ގެނައުމަށް ފިލްމު އުފައްދާ ފަރާތްތަކަށް މަޝްހޫރު ބަތަލާ މޯނާ ސިންގް ގޮވާލައިފިއެވެ. އޭނާ މިހެން ބުނެފައިވަނީ "ސާހިތުޔާ އާޖްތާކް 2026"ގެ ދެވަނަ ދުވަހު ކުރިއަށްދިޔަ "އޯޓީޓީ ކީ އަސްލީ ކުއީން" ސެޝަންގައި ވާހަކަދައްކަމުންނެވެ.

މޯނާ ޤަބޫލުކުރާ ގޮތުގައި ކާމިޔާބު ކޮންމެ ފިލްމަކަށް އިތުރު ބައެއް ބޭނުމެއް ނުވެއެވެ. އެއް ފިލްމެއްގެ ފުރަތަމަ ބައެއް އަދި ދެވަނަ ބައެއް އުފެއްދުމުގެ ބަދަލުގައި ބެލުންތެރިން ޝައުޤުވެރިކުރުވޭނެ ފަދަ އާ ވާހަކަތަކާއި ފޯކްލޯ މުއްސަނދިކަން އިންޑިއާގައި އެބަހުރިކަން އޭނާ ފާހަގަކުރިއެވެ. ނިމިފައި އޮތް ކަމެއް އެގޮތުގައި ބޭއްވުމަށްފަހު އަބަދުވެސް އާ ކަންކަން ތަޖުރިބާކުރަން ޖެހޭނެ ކަމަށް މޯނާ ބުންޏެވެ.

އެހެންނަމަވެސް، އޯޓީޓީ ޝޯތަކަކީ ވާހަކަ ފުރިހަމަކުރުމަށް ނުވަތަ ސަސްޕެންސްއަކަށް ނިމޭ ބައިތައް ކުރިއަށް ގެންދިއުމަށް އިތުރު ސީޒަންތައް ބޭނުންވާ އެއްޗެއް ކަމުން، އެއީ ފިލްމުތަކާ ތަފާތު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ޝައުޤުވެރި ކަމަކީ ސީކުއެލްތަކާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، މޯނާ ވަނީ މި އަހަރު ރިލީޒްވި "ބޯޑާ 2"ގައި މަސައްކަތްކޮށް، އެ ތަޖުރިބާއާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

މޯނާ، ފިލްމު "ބޯޑާ 2"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ

އަމިއްލަ ކެރިއަރަށް އަލިއަޅުވާލަމުން މޯނާ ބުނީ 2013 ވަނަ އަހަރާ ހަމައަށް ޓީވީ ސިލްސިލާތަކާއި، ރިއަލިޓީ ޝޯތަކާއި، ނެށުމުގެ މުބާރާތްތަކުގެ އިތުރުން ޝޯތައް ހުށަހެޅުމުގެ ދާއިރާއިން ލިބެންހުރި ގިނަ ތަޖުރިބާތައް ހާސިލުކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. އެއަށްފަހު 2017 ވަނަ އަހަރު ޓީވީއެފް ފަދަ ޔޫޓިއުބް ޕްރޮޖެކްޓްތަކާ ގުޅި، ޑިޖިޓަލް ދާއިރާއަށް ނުކުތްކަން އޭނާ ފާހަގަކުރިއެވެ. މުމްބާއީއަށް ބަދަލުވެ އެކްޓަރަކަށް ވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް ބުނަމުން، އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން އިންޑަސްޓްރީގައި ކުރިން އޮތް "ހީރޯ އަދި ހީރޮއިން"ގެ ޒަމާންވީ ފޯމިއުލާ ބަދަލުވެ، ޙަޤީޤީ ފަންނާނުންނާއި ހުނަރުވެރި އެކްޓަރުންނަށް ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް މޯނާ ވަނީ ބުނެފައެވެ.

މަޝްހޫރުކަމާއި މަޤުބޫލުކަމަކީ ވަގުތީ ކަމެއްކަން ފާހަގަކުރަމުން މޯނާ ބުނީ ދާއިމީ އެއްޗަކީ ތިމާގެ މިޒާޖާއި މަސައްކަތާ މެދު ދެކޭ ގޮތް ކަމަށެވެ. އެހެން ހުރިހާ ކަމަކީ އައިސް ގޮސްވާ ކަންކަން ކަމަށް އޭނާ ބުންޏެވެ. މި އަހަރަކީ މޯނާއަށް ވަރަށް ކާމިޔާބު އަދި ބިޒީ އަހަރެކެވެ. މި އަހަރު އޭނާގެ ހަ ޕްރޮޖެކްޓެއް ވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ. އޭގެ ތެރޭގައި "ހެޕީ ޕަޓޭލް: ޚަތަރުނާކް ޖާސޫސް"، "ބޯޑާ 2"، "ކޯރާ 2"، "ސޫބޭދާރު"، "މާ ކާ ސަމް" އަދި "ޕްރީތަމް އެންޑް ޕެޑްރޯ" ހިމެނެއެވެ. މީގެ އިތުރުން މޯނާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޕާން ޕަރުދާ ޒަރުދާ" އާއި، ވިކްރާންތު މަސީއާ އެކު ކުޅޭ ރާޖްކުމާރު ހިރާނީގެ ސައިބަ ކްރައިމް ސީރީޒްގެ އިތުރުން ވިކާސް ބާލްގެ "ބޯލޯ ބޯލޯ ބޯލޯ" ހިމެނެއެވެ.

comment ކޮމެންޓް