އަރަބި މީޑިއަމުން އެއްވަނަ ހޯދާ ދަރިވަރުންނަށް ވެސް ރައީސްގެ ސްކޮލަޝިޕް ދެނީ

އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަރަބި މީޑިއަމުން އޭ ލެވެލް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހަދާ ދަރިވަރުންގެ ތެރެއިން އެއްވަނައަށް އަންނަ ދަރިވަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ޝަހާދާ ސާނަވީ ހަދަމުން އަންނަނީ ހަމައެކަނި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނެވެ. އަދި މީގެ ކުރިން ވެސް ޝަހާދާ ސާނަވީއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް އަންނަނީ ދެމުންނެވެ. ނަމަވެސް ކުރިން އެ ސްކޮލަޝިޕް ދެނީ އެންމެ ދަރިވަރަކަށެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގެޒެޓްކުރި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދިނުމުގެ އުސޫލުގައިވާ ގޮތުން ޝަހާދާ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާ ހުރިހާ ދަރިވަރުންނަށް ވެސް އެ ސްކޮލަޝިޕް ލިބޭނެ އެވެ.

އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދެނީ އޭލެވެލް އިމްތިހާނުން ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން އޭ ސްޓާ ހާސިލްކުރާ ދަރިވަރުންނަށެވެ.

ނަމަވެސް ޝަހާދާ ސާނަވީގައި ސްކޮލަޝިޕް ދޭނީ އެ އިމްތިހާންގެ ހުރިހާ މާއްދާއަކުން "އިމްތިޔާޒު"ގެ ދަރަޖަ ލިބިފައިވާ ދަރިވަރަކަށެވެ. ނުވަތަ ހުރިހާ މާއްދާއަކުން ފާސްވުމާއެކު ގްރޭޑް ޕޮއިންޓް އެވްރެޖް 85 ޕަސެންޓަށްވުރެ މަތިން ފާސްވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ގްރޭޑް ޕޮއިންޓް އެވްރެޖް ލިބޭ ދަރިވަރަކަށެވެ.

އޭގެ އިތުރުން އެ ސްކޮލަޝިޕް ލިބުމަށް ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނަކުން އަރަބި މާއްދާއިން ދަށް ވެގެން ސީ ގްރޭޑް ލިބިފައިވާ ދަރިވަރެއް ކަމުގައި ވާންޖެހެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ޝަހާދާ ސާނަވީ ހަދަނީ ހަމައެކަނި އަރަބިއްޔާ ސްކޫލްގައި ނަމަވެސް، ކުޅުދުއްފުށި އަދި އައްޑޫ ފަދަ ރަށްރަށުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްތައް ހިންގާ ކަމަށެވެ.

އެހެންކަމުން އެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޝަހާދާ ސާނަވީ ހަދާ ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ފަށާނީ އަންނަ އަހަރުން ފަށައިގެން ކަމަށެވެ.

comment ކޮމެންޓް