ޒަކާތު ފަންޑުގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އޮގަސްޓު މަހަށް އިތުރުކޮށްފި

ރާއްޖޭގައި ދެވަނައަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2025ގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ ޒަކާތު ފަންޑުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ފަސްކޮށްފައެވެ.

މިއީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ފުރަތަމަ ހުޅުވައިލި ފުރުސަތެކެވެ. ކުރިން އޮތް ގޮތުން މުއްދަތު ހަމަވަނީ މިއަދަށެވެ.

https://www.sun.mv/222118

މި ސްކީމްގެ ދަށުން ޖުމްލަ 30 ސްކޮލާޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

މި ސްކޮލާޝިޕްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީޢާއާއި، ޤުރްއާނާ ބެހޭ ޢިލްމާއި، އިސްލާމީ ތަޢުލީމާއި، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުމާއި، އިސްލާމީ ނޫސްވެރިކަމާއި ޢަޤީދާ ހިމެނެއެވެ. އަދި ފިޤުހާއި އުޞޫލުލް ފިޤުހުގެ އިތުރުން އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދިވެހި އިސްލާމީ މުޖުތަމަޢު ތަރައްޤީކުރުމަށް މުހިންމު އެހެން ދާއިރާތަކުން ކިޔެވުމަށް ވެސް ހުށަހެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ޢާންމު ސްކޮލާޝިޕްތަކުގެ އިތުރުން، ޚާއްޞަ ސްކީމްތަކެއް ވެސް ޒަކާތު ހައުސްއިން ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ސަޢުދީ ޢަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ފަސް ފުރުސަތެއް ދިނުމަށާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ފަސް ޚާއްޞަ ސްކޮލާޝިޕެއް ދިނުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އައިޔޫއެމް، އެމްއެންޔޫ، ވިލާ ކޮލެޖު، އެވިޑް ކޮލެޖު އަދި ޒިކުރާ ކޮލެޖުން ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. ރާއްޖެއިން ބޭރުން ފުރުސަތު ދީފައިވަނީ އަލް އަޒްހަރު ޔުނިވާސިޓީ، އައިއައިޔޫއެމް، އިންސިފް، ޔޫއެސްއައިއެމް، ޔޫބީޑީ އަދި އައިއައިޔޫއައި ފަދަ މުއައްސަސާތަކުންނެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ ދިވެހި ރައްޔިތުންނަށެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި، އެޕްލިކޭޝަން ހުށަހަޅާ ދަރިވަރަކީ އެމްކިއުއޭއިން ކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ އަދި ސަރުކާރުގެ އެހެން މުއައްސަސާއަކުން މާލީ އެހީތެރިކަން ނުލިބޭ ފަރާތަކަށް ވާންޖެހޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތްތަކުން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވުމަށް ވަނީ އެދިފައެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ ކޮމިޓީއަކުންނެވެ.

comment ކޮމެންޓް