އޭލެވެލް އިމްތިޙާނަށް އަމިއްލަ ގޮތުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

ދަރިވަރަކު އިމްތިހާނެއްގައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި އިމްތިޙާނުގައި ބައިވެރިވުމަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް އެދިފައިވަނީ އޮންލައިންކޮށެވެ.

ޑީޕީއީން ބުނި ގޮތުގައި އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. އަދި އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ސަރުކާރުގެ ފައިސާ ބަލައިގަންނަ ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށްވެސް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއެވެ.

މި އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތުތަކާއި، ޓައިމްޓޭބަލް އަދި ފީ ޝީޓު ފަދަ ލިޔެކިޔުންތައް ޑީޕީއީގެ ރަސްމީ ލިންކްޓްރީ ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން، އިމްތިޙާނުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް ވަނީ އެދިފައެވެ.

ކެމްބްރިޖް އޭލެވެލްގެ އިތުރުން، މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައިއޭއެލް އަދި އެޗްއެސްސީ އިމްތިޙާނާއި، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނާ ގުޅޭ މަޢުލޫމާތުވެސް ޑީޕީއީގެ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ.

comment ކޮމެންޓް