ތިމަރަފުށީ އިންޖީނާ ކުޅެ، ކަރަންޓު ދިނުމަށް ހުރީ ހުރަސްއަޅާފައި، ފިޔަވަޅު އަޅާނަން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަރީފް --- ސަން ފައިލް ފޮޓޯ

ތިމަރަފުށީގެ ބޮޑުބައެއްގައި ކަރަންޓު ނެތި 24 ގަޑިއިރު ވެގެންދިޔައީ މީހަކު އިންޖީނަކާ ކުޅެ ކަރަންޓުދިނުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެކަން އެނގުނީ ތ. އަތޮޅުގެ ރީޖިނަލް ޓެކްނީޝަނުން ތިމަފުއްޓަށްގޮސް ބެލިބެލުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ދެނެގަތުމަށްވެސް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މިހާރު ވަނީ ކަރަންޓުދީފައެވެ.

"ދެން ރޭގަ އަޅުގަނޑުމެން ރީޖިނަލް އިންޖިނިއަރުން އައިސް ޗެކްކޮށްލީމަ މި އެނގުނީ ކޮންމެވެސް މީހަކު އިންޖީނާ ކުޅެފަ މި ހުންނަނީ. ދެން އެއީ އޭގެ އަމިއްލައަށް ކަމެއްވާގޮތެއް ނޫން. ނަރެއް އިންނަތަން ނޫން އެހެންތަނަކަށް ޖަހާފަ، އެތާގަ އިންނަ ނަރު އެހެންތަނަކަށް ބަދަލުކޮށްފަ. ވާހަކައަކީ އިންޖީނާ ކުޅެފަ ކަރަންޓު ދިނުމަށް ހުރަސްއަޅާފަކަން ފާހަގަކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ކަމަކީ އިންޖީނުގޭގެ މުވައްޒަފަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެއަށްފަހު އެމީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެކަމަކީ ސިޔާސީގޮތުން ރަށުތެރޭގައި ހަލަބޮލިކަން އުފެއްދައި، ސަރުކާރު ބަދުނާމުކުރުމަށް ސަރުކާރާ އިދިކޮޅު ބަޔަކު ކުރުވި ކަމެއް ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު ދިމާވި މައްސަލައެއް މިއީ. އެ މައްސަލަ މިހާހިސާބަށް ދިގުދެމިގެން ދިޔައީ ބަޔަކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހުރަސްއަޅާތީ ދެއްތޯ. އެއީ ވަރަށް ސީރިސް ކަމެއްގެ ގޮތުގައި އަޅުގަނޑު ބަލަނީ،" ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް