ރޯދަ ވީއްލުމުގައި ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް، ރޯދަމަހުވެސް ތިމާގެ ކެއުންބުއިން ވަކި ގޮތަކަށް ބައްޓަންކުރަން ޖެހޭ --

ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. އެންމެ އިސްކަމެއް ދޭންޖެހޭނީ ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށެވެ. ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވޭނީ ރޯދަ މަހުގެ ކެއުން ބުއިން ވެސް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރެވިގެންނެވެ.

ރޯދަ މަހުގެ ރޯދަ ވީއްލާ ވަގުތަކީ ވެސް ދުޅަހެޔޮ ގޮތެއްގައި ތައްޔާރުކުރެވިފައިވާ ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރެވޭ ވަގުތަކަށް ހަދަންޖެހެއެވެ. އެގޮތުން ރޯދަ ވީއްލުމަށް ބޭނުންކުރަން އެންމެ ރަނގަޅީ ކަދުރު، ފެން، އަދި ތާޒާ މޭވާ ޖޫސް ފަދަ އެއްޗެކެވެ. ރޯދަ ވީއްލާ ވަގުތު ކަދުރު، ފެން، ޖޫސް ފަދަ ތަކެތި ބޭނުންކުރުމަކީ ރޯދައަށް ހުންނައިރު ހަށިގަނޑުން އުނިވެގެންދިޔަ، ދިޔަ ފެނާއި، ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑުގައި ވަރުޖެހި، ރޯދަ ވަރުބަލިކަން ފިލުވައިދީ، މީހާއަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ އާދަކާދަ އޮންނަ ގޮތުން އާންމުކޮށް ވެސް ރޯދަ ވީއްލާގަޑީގައި މިބާވަތްތައް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ރޯދަ ވީއްލުމަށްފަހު އެގަޑީގައި ކާ މައިގަނޑު ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބާވަތްތަކެއް ލިއްބައިދޭ ކެއުމަކަށް ހެދުން މުހިއްމެވެ. އެގޮތުން ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކާއި، ޕްރޮޓީން ހިމެނޭ ބާވަތްތައް، އަދި ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަން ދެވިދާނެ އެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ހިމެނުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް އޯޓު، އާޓާ ފުށު ރޮށި، ބާސްމަތީ ހަނޑުލުގެ ބަތް، ފިހުނު މަސް، ހޫނުކަންމަތީ ހުރި ސުރުވާ، ފަތު ސަޓަނި، އަދި ފަދަ ބާވަތްތައް ހިމެނިދާނެ އެވެ. މީގެ އިތުރުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ހިމެނިދާނެ އެވެ.

ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ އޭގެ ސަބަބުން ޞިއްޙީ އެތައް ފައިދާ ތަކެއް ލިބިދޭ ކަމެކެވެ. ކަދުރު ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދީ، ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައިދީ، އަދި ކާނާގައި ހިމެނޭ ނަރުގެ ބައި ނުވަތަ ފައިބަރު ހަށިގަނޑަށް ލިއްބައިދެއެވެ. ކަދުރުގައި ކެލްސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، ދަގަނޑު، މެގްނީޒިއަމް، ކޮޕަރ، މެންގަނީޒް،ސަލްފަރ، އަދި ފޮސްފަރަސް ފަދަ މައުދަންތައް ހުރެއެވެ.

ރޯދަ ވީއްލުމަށް ކަދުރު ގެ ބަދަލުގައި ބޭނުންވެއްޖެ ހާލަތެއްގައި ހިއްކާފައި ހުންނަ އެޕްރިކޮޓް، ވައްތީނި، ޕްރޫން، އަދި ހިކި މޭބިސްކަދުރު ފަދަ ތަކެތި ވެސް ކަދުރެކޭ އެއްގޮތަށް ބޭނުންކުރެވިދާނެ އެވެ. މިތަކެއްޗަކީ ވެސް ފައިބަރުން މުއްސަދި ބާވަތްތައް ކަން ފާހަގަ ކުރެވެއެވެ.

ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މާގިނައިން އެއްފަހަރާ ކެއުމަކީ އެކަމުގެ ސަބަބުން މަތިންއެރުމާއި، މޭނުބައިކުރުން ފަދަ ގޭހުގެ އުދަނގޫތަކަށް މަގުފަހިކުރާ ކަމަކަށްވާތީ އެވެ.

ރޯދަ ވީއްލާ ގަޑީގައި ދުރުހެލިވާންޖެހޭ ކާބޯތަކެތީގެ ތެރޭގައި ހަވާދުލީ ބިސް، ކުޅިމަސް، ފަދަ މާގިނައިން ހަވާދުލާފައި ހުންނަ ކުޅި ކާނާގެ ބާވަތްތަކާއި، އަދި ތެލުލި ހެދިކާގެ ވައްތަރުތައް ފަދަ މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ތެލާއި ސަރުބީ ގިނަ ކާނާގެ ބާވަތްތައް ހިމެނެއެވެ. މިފަދަ ކާނާގެ ބާވަތްތަކުގެ ސަބަބުން މަތިންއެރުމާއި، މެއިން ދިލަނެގުން، މޭނުބައިކުރުން، ބަނޑަށް ތަދުވުން ފަދަ ގޭހުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. މިކަންކަމުގެ ސަބަބުން ރޭގަނޑުގެ އަޅުކަންތައް އެންމެ އެދެވޭގޮތުގައި ފުރިހަމަކުރުމަށް ވެސް އުނދަގޫވެގެން ދިއުމަކީ ގާތް ކަމެކެވެ.

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮފީ، ކޯލާ އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ ވަރަށް ބޮޑަށް ދޯޅުވެފައިވާ ބައެކެވެ. ނަމަވެސް ރޯދަ ވީއްލާގަޑީގައި މިފަދަ ބުއިންތަކާ ދުރުހެލިވާން ޖެހެއެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވެ ބީވެގެންދާތީ އެވެ. އަދި އެކަމުގެ ސަބަބުން ވަރުބަލިވުން، ބޮލުގައި ރިހުން، ގެސްޓްރައިޓިސް ފަދަ ޞިއްޙީ މައްސަލަތަކަށް މަގުފަހިކުރާތީ އެވެ.

comment ކޮމެންޓް