ކުޅުންތެރިޔަކު މަދުކޮށް، ނިއު ކައިރީ ގްރީނުން ފެންވަރު ދައްކާލައިފި

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ އައްމަޑޭ، ބޯޅަ ހިފައިގެން ކުރިއަށްދަނީ: މިރޭ ނިއުއާ ދެކޮޅަށް ކުޅެ 3-0 ލަނޑުން މޮޅުވި މެޗުގައި އައްމަޑޭ ވަނީ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށް، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށް މަގުފަހުކޮށްދީފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި އެއް ކުޅުންތެރިޔަކު މަދުކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރީ ގްރީން ސްޓްރީޓްސްގެ ފެންވަރު ދައްކާލައިފިއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ނިއުގެ މައްޗަށް ގްރީނުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ނިއު އަތުން މޮޅުވެ ގްރީނުން ވަނީ ނުވަ މެޗުން ހޯދި 17 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ގްރީނާއި ތާވަލުގެ ދެވަނައިގައި އޮތް ނިއުއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އަށް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޒާޑަނޯވް ޑިމީޓްރޯ ދިން ބޯޅައަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ގްރީނުން ލީޑު ހޯދިތާ ފަސް މިނެޓް ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ޑިމިޓްރޯ ނަގައިދިން ހުރަހަކުން ގްރީނަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އައްމަޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ގްރީން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ދެވަނަ ރީނދޫ ކާޑަކާއެކު އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފަށް ރަތް ކާޑެއް ދެއްކި ނަމަވެސް، އެއް ކުޅުންތެރިޔަކު މަދުކޮށް ވެސް ގްރީނުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ގްރީނުން ލީޑު އިތުރަށް ފުޅާކުރިއެވެ. އައްމަޑޭ ދިން ބޯޅައަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ހަސަނެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނިއުއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)އަށް ލިބުނު ފުރުސަތު ވެސް ގްރީންގެ ކީޕަރު ޔުން ކޮޗީ ވަނީ މަތަކޮށްފައެވެ.

މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ، ރަށުން ބޭރުގައި ބޫޓާނާ ދެކޮޅަށް އަންނަ މަހު 13 ވަނަ ދުވަހު ރާއްޖެ ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށްފަހު، އަންނަ މަހުގެ 19 ވަނަ ދުވަހެވެ. އެ ދުވަހުގެ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ކްލަބު އީގަލްސްއެވެ.

comment ކޮމެންޓް