އޮސްލޯ ފްރީޑަމް ފޯރަމްގައި ނަޝީދު ވާހަކަފުޅު ދެއްކެވުމުން އާރިފު ފާޑުވިދާޅުވެއްޖެ

ސަރުކާރު ކޯލިޝަންގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އާރިފް ވާހަކަފުޅު ދައްކަވަނީ --- ފައިލް ފޮޓޯ

ނޯވޭގެ ވެރިރަށް އޮސްލޯގައި ބޭއްވި "އޮސްލޯ ފްރީޑޮމް ފޯރަމް"ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން ރޭ އެމްޑީއޭގެ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާރިފު ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އޮސްލޯ ފްރީޑަމް ފޯރަމްއަށް ވަޑައިގަތް ރާއްޖެ އާއި ދުނިޔޭގެ ޑިމޮކްރަސީ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވި ކަމަށެވެ.

އަދި ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިންސު ބަދަލުކޮށް ނުވަތަ އެލްޖީބީޓީ ރަމްޒު ކޮށްދޭ ކަންތައްތަކެއް ޕްރޮމޯޓްކުރުމަށް ޓަކައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ކުރީގެ ރައީސަކު ވަޑައިގެން ވާހަކަފުޅު ދެއްކެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ފްރީޑަމް ފޯރަމްގައި ބަހުސް ކުރެވުނު އެއްކަމާ ބެހޭ ގޮތުން އަޅުނގަޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެލްޖީބީޓީ. އެ ހަތަރު އަކުރުން ރަމްޒު ކޮށްދޭ ކަންކަން ޕްރޮމޯޓްކުރުމަށް ޓަކައި ދިވެހި ރާއްޖޭގެ މި ސައްތައިން ސައްތަ މުސްލިމް ގައުމުގައި ރައީސްކަން ކުރެއްވި ބޭފުޅަކު ވަޑައިގެންނެވިއޭ. އެވާހަކަ މި ރާއްޖޭގެ މީޑިއާތަކުން ނުގެނެސްދޭކަމީ ދިވެއްސަކަށްވެ ހުރެ ހިތާމަ ކުރާކަމެއް،" އާރިފް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފައުންޑޭޝަނެއް ކަމަށްވާ ހިއުމަން ރައިޓްސް ފައުންޑޭޝަނުން މި ހަފްތާ ތެރޭގައި ބޭއްވި އޮސްލޯ ފްރީޑަމް ފޯރަމް އަކީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ.

އެ ފޯރަމްގެ މަގްސަދަކީ ކުރީގެ ރައީސުންނާއި ނޯބަލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ މީހުންގެ އިތުރުން ސިޔާސީ ކުށްވެރިންގެ އިތުރުން މަޝްހޫރު މީހުން އެއްތަނަކަށް ގެނެސް އިންސާނީ ހައްގުތަކާއި ޑިކްޓޭޓާޝިޕް އާ ގުޅޭ ގޮތުން މައުލޫމާތާއި ހިޔާލު ހިއްސާ ކުރުމެވެ.

އެގޮތުން އެ ފޯރަމްގެ މައުޟޫތަކުގެ ތެރޭގައި އަޅުވެތިކަމާއި ދީނީ މިނިވަންކަމާއި އެލްޖީބީޓީ (ލެސްބިއަން، ގޭ، ބައި ސެކްސުއަލް، ޓްރާންސްޖެންޑާ)ގެ ހައްގުތަކާއި އިންސާނީ އަދި ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން މީޑިއާ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހަނގުރާމަ ފަދަ މައުޟޫތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެ އެވެ.

ފޯރަމްގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވާފައި ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާއި އެއަށް ފަހު ރާއްޖޭގައި ކަންތައް ވެގެންދިޔަ ގޮތާ ބެހޭ ގޮތުންނެވެ.

އަދި މި އަހަރުގެ ފޯރަމްގައި ނަޝީދުގެ އިތުރުން ނޯވޭގެ ބޮޑުވަޒީރާއި ސީރިއާ ހަނގުރާމައިގާ ހަރަކާތްތެރިވާ ރެސްކިއު ގްރޫޕެއް ކަމަށްވާ ވައިޓް ހެލްމެޓްސްގެ އިސް ވެރިޔާއާއި އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރެއްގެ އިތުރުން ވެނަޒުއޭލާގެ ސިޔާސީ ކުށްވެރިއެއް ކަމަށްވާ އެންޓޯނިއޯ ލެޑެޒްމާގެ ދަރިކަނބަލުންގެ އިތުރުން ބައެއް ގައުމުތަކުގެ ވިޔަފާރިވެރިންނާއި ނޫސްވެރިން ވެސް ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް