ޒޯން 7ގެ ޗެމްޕިއަންކަން ހޯދައި، ތިނަދޫ ފައިނަލް ބުރަށް

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 7ގެ ޗެމްޕިއަންކަން ހޯދި ގދ. ތިނަދޫ: އެޓީމުން ޗެމްޕިއަންކަން ހޯދީ 7-2 ލަނޑުގެ އެގްރިގޭޓުން ގއ. ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 7ގެ ޗެމްޕިއަންކަން ހޯދައި، ގދ. ތިނަދޫން ފައިނަލް ބުރުގެ ޖާގައެއް ހޯދައިފިއެވެ.

މިއަދު ރަށުން ބޭރުގައި ކުޅުނު މެޗުން ތިނަދޫ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. ތިނަދޫން ޒޯން 7ގެ ޗެމްޕިއަންކަން ހޯދީ 7-2 ލަނޑުގެ އެގްރިގޭޓުން ގއ. ނިލަނދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަދު ހަވީރު ނިލަންދޫގައި ކުޅުނު މެޗުގެ ލަނޑުތައް ފެނިގެން ދިޔައީ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ނިލަންދުއަށް ޗަންނަ ލީޑު ހޯދައިދިން ނަމަވެސް، އިބްރާހިމް ޝަރޫގް ވަނީ ދެ ލަނޑު ޖަހައި ތިނަދުއަށް ލީޑު ހޯދައިދީފައެވެ. ޝަރޫގުގެ ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ އޭގެ ތިން މިނެޓް ފަހުންނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ތިނަދޫން ނުކުތީ ވަރުގަދަ ޓީމެކެވެ. އެ ޓީމަށް ސްޕެއިންގެ ކޯޗެއް ކަމަށްވާ އަލްވަރޭޒް ސަންޗޭޒް މިގެލް އިރުޝާރުދެމުންދާއިރު، ސްޕެއިންގެ ތިން ކުޅުންތެރިންނާއި ސްރީ ލަންކާގެ ގޯލްކީޕަރެއް ހިމެނެއެވެ. އެ ޓީމުގައި ހިމެނޭ ސްޕެއިންގެ ތިން ކުޅުންތެރިންނަކީ ޕެޗަރޯމަން އޭޒަގޫރޭ އެލައިން އާއި، ރޮޑްރިގޭޒް ކަރަސްކޯ މިކޭލް އަދި ރެނޯލަވޭސް މާޓިނޭޒް އިގްނާސިއޯއެވެ. ތިނަދޫގެ ގޯލް ބަލަހައްޓަމުންދަނީ ލަންކާ ކީޕަރު ޑޮން ދަސުން ޕްރަދީޕާ ޕަރަނަވިތަނައެވެ.

comment ކޮމެންޓް