ވިއްސާރަ ވިލާގަނޑަށް ވުރެ "އަސްކަނި ވިލާގަނޑު" ބޯ!

މިހާރު މާލެ އަށް ކުރަމުންދާ ވިއްސާރައިގަ އަންހެނަކު ޕޭމަންޓުމަތީ މަޑުކޮށްލައިގެން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ މެންދުރު ވަގުތެވެ. ވާރޭ ވެހުމަށް ފަހު އުޑުމަތިވަނީ ރީތިވެފަ އެވެ. ބައެއް ބެލެނިވެރިން ކުދިން ގޮވައިގެން ސްކޫލަށް ދަނީ އެވެ. އަނެއް ބަޔަކު އޮފީސްތަކަށެވެ. އެފަދަ ޒަރޫރީ ބޭނުންތަކުގައި އެތައް ބަޔަކު މަގުތަކުގައި އުޅެމުންދިޔަ އެވެ. ސައިކަލް ދުއްވާފައި ދަނިކޮށް ސަބުދެރިޔާ މަގުމެދެއްހާ ހިސާބުން ހުއްޓެންޖެހުނެވެ. ބޯ ވިލާގަނޑަކުން ވެހޭވަރަށް ފެން މަގުމެދަށް އޮހެމުންދިޔައީ ހަދާފައިވާ އިމާރާތަކުންނެވެ. އެކަން ހުއްޓުވާނެ މީހަކުނެތެވެ. އެތައް ބަޔަކު ދާންޖެހުނީ ތެމި ފޯވެގެންނެވެ.

މާލޭ މަގެއްގެ މެދަށް އިމާރާތަކުން ފެން އޮހެނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އިސްވެ ފާހަގަ ކުރި މައްސަލައަކީ ވަރަށް ގިނައިން ދިމާވަމުން އަންނަ ކަމެކެވެ. ވާރޭވެހެމުން އަންނައިރު ވެސް އުޑުން ވެހޭ ވާރެއަށް ވުރެ އިމާރާތްތަކުން "ހޯސްލައިފައި" އެއަންނަ ފެންތަކުގެ ސަބަބުން މަގުން ދުއްވަން ވެސް ހިންގަން ވެސް އޮންނަނީ ދަތިވެފަ އެވެ. އަދި ވާރޭ ހުއްޓާލާތާ އެތައް އިރެއްވާއިރު ވެސް އިމާރާތުން އެއޮހޭފެން އޮހުން ހުއްޓުމެއް ނާދެ އެވެ.

"ކިތައް ޔުނީފޯމް ބާވަނީ، އިމާރާތްތަކުން އެބަފައިބާ ފެނާ އެކު ދަބަރު ކުލަ އެބައަރާ، ކޮންމެ ބެލެނިވެރިއަކަށް ނުލިބޭނެ ދެއްތޯ އަބަދު އާ ޔުނީފޯމް ގަންނާކަށް ވެސް،" ބެލެނިވެރިއަކު އެކަންބޮޑުވުން ހިއްސާކުރަމުން ބުންޏެވެ.

ގިނަ އިމާރާތްތަކަކުން ޕޭމަންޓް މެދަށް އެތައް ފެނެއް އޮހޭގޮތަށް ހުންނަތާ އެތައް ޒަމާންތަކެއް ވާއިރު ވެސް އެކަން ހައްލު ކުރަން އެއްވެސް ބަޔަކު އުޅޭ ތަނެއް ނުފެނެ އެވެ. ކުޑައެއް އަޅައިގެން ދާމީހަކު ވެސް އެފަދަ ތަނެއް ހުރަސްކޮށްފި ނަމަ މުޅި އެސަރަހައްދަށް ފެންތައް ބުރައިގެންދެ އެވެ.

އެއީ ދިޔަދޮވީގެ މައްސަލައެއް

ސިވިލް އިންޖީނިއަރެއް ކަމަށްވާ މުހައްމަދު ހައިކަލް އިބްރާހިމް ވިދާޅުވި ގޮތުގައި ބޮޑަށް އެހެން ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ އެއީ ދިޔަދޮވި ސާފު ނުކުރުން ނުވަތަ ދިޔަދޮވި އިންނަންޖެހޭ ގޮތަށް ނީނުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށެވެ.

"ދިޔަދޮވި ސާފުނުކޮށް ބެހެއްޓުމުން ހޮޅި ބެދި މަގު މައްޗަށް ފެން ފައިބާނެ، ބައެއް އިމާރާތްތަކުގައި ހުރޭ ނޫންތޯ ދިޔަދޮވި ނުލާ ވެސް،" ހައިކަލް ވިދާޅުވި އެވެ.

ދަގަނޑުގެ އެކިއެކި މެޓީރިއަލްތަކުން ދިޔަދޮވި ހަދާ އިރު ރާއްޖޭގެ މާހައުލަކީ ލޮނުގެ އަސަރު ވައިގައި ގަދަ މާހައުލަކަށްވުމުން ދިޔަދޮވިތައް އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަންކަން ރަނގަޅު ނުކުރުމަކީ ވެސް މަގުތަކަށް ފެން އޮހެން ދިމާވާ ސަބަބެއް ކަމަށް ސިވިލް އިންޖީނިއަރުން ވިދާޅުވެ އެވެ.

ހަމައެހެންމެ ދިޔަދޮވި ބޭނުން ނުކުރެވޭ ގޮތަށް ފުރާޅު ނުވަތަ ޓެރަސްއަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ވެސް އެފަދަ މައްސަލަތައް ދިމާވެ އެވެ.

ދިޔަދޮވި އިންނަންޖެހޭ ގޮތުގެ ޑައިގުރަމްއެއް--

އެފަދަ ކަންކަން ހައްލުކުރަން ހައުސިން މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެމިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްނުވެފަ އެވެ.

މިފަދަ ކަންކަން ހައްލުކުރުމަށް ފަރުދީ ޒިންމާ ނަގަންޖެހެ އެވެ. ބަރާބަރަށް ދިޔަދޮވި ސާފުކުރަންޖެހެ އެވެ. ހަމައެހެންމެ ކޮންމެ އިމާރާތެއް ހަދާއިރުވެސް ފުރާޅަށް ނުވަތަ ޓެރަހަށް އެޅޭ ފެން ދިޔަދިވިން ސީދާ ޖަންގްޝަނަށް ދާގޮތަށް ބަދަލު ގެންނަންޖެހެއެވެ. އެންމެނަށް އެއުނދަގޫ ފޯރާތީ އެވެ. އެފަދަ ކަންކަން ހައްލުކުރެވެން އޮތީ ފަރުދީ ޒިންމާ ނަގައިގެންނެވެ. މިއީ މިއަދު މާލެއަށް ބޮޑުވެފައިވާ މައްސަލައެކެވެ.

comment ކޮމެންޓް