އެލްވިސް ޕްރެސްލީގެ ޖެޓެއް އަޅާނުލާ އޮންނަތާ 30 އަހަރުފަހުން ނީލަމުގައި ވިއްކާލަނީ

ނީލަމުގައި ވިއްކާލަން ނިންމާފައިވާ އެލްވިސްގެ ޕްރައިވެޓް ޖެޓް ---

ނިއު މެކްސިކޯގެ ރަންވޭއެއް މަތީގައި އަޅާނުލާ އޮންނަތާ 30 އަހަރަށްފަހު ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީގެ ޕްރައިވެޓް ޖެޓެއް ނީލަމެއްގައި ވިއްކާލަން ނިންމައިފިއެވެ.

މަޝްހޫރު ނަމުންނަމަ "ކިންގް އޮފް ރޮކް އެންޑް ރޯލް" އެލްވިސްގެ އެ ޖެޓަކީ ނޭޝަނަލް ޖިއޮގުރެފިކް ޗެނަލުން ގެނެސްދީފައިވާ އެލްވިސްގެ ގިނަ ޖެޓްތަކުގެ ތެރެއިން ޖެޓެކެވެ. އެ ޖެޓުގައި އިންޖީނެއް ނެތްއިރު، ކޮކްޕިޓްގެ ކުޑަ މަރާމާތެއް ވެސް ކުރަންޖެހެއެވެ. ޖެޓްގެ އެތެރޭގައި ހުރީ ރެޑް ވެލްވެޓް ސީޓްތަކާއި ރެޑް ކާޕެޓެކެވެ.

ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ ނިއު މެކްސިކޯގެ ހުޅަނގުއުތުރުގައި އޮންނަ ކުޑަ ސަހަރެއްގައި އޮންނަ އެއާޕޯޓެއްގެ ތާރު މަތީގައި އެއްވެސް މީހަކު އަތްނުލައި ނުވަތަ ނުގެންގޮސް އެހާ ގިނަ އަހަރުތަކެއް ވަންދެން އެ ޖެޓް އޮތުމުންނެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވާ، އެލްވިސްގެ ޕްރައިވެޓް ޖެޓްގެ އެތެރެ ---

ނީލަން ކުރިއަށްގެންދާ ލައިވްއޮކްޝަނާސް.ކޮމް އިން ބުނި ގޮތުގައި، އެ ޖެޓަކީ އެލްވިސްގެ އިތުރުން އޭނާގެ ބައްޕަ ވާނަން ޕްރެސްލީ ބޭނުންކުރި ޖެޓެކެވެ. އަދި ނީލަމުގައި އެ ޖެޓް ދެ މިލިއަނާއި 3.5 މިލިއަނާ ދޭތެރޭ ވިކިގެންދާނެ ކަމަށް ނީލަން ބާއްވާ މީހުން ލަފާ ކުރެއެވެ.

ވިހި ވަނަ ގަރުނުގެ ތެރޭގައި އެންމެ މަގްބޫލް އަދި ނުޒޫފުގަދަ މިއުޒީޝަނުންގެ ތެރޭގައި ހިމެނޭ އެލްވިސް އަކީ މިއުޒިކްގެ ތާރީހުގައި އެންމެ ކާމިޔާބު ސޯލޯ އާޓިސްޓެވެ. އެގޮތުން މުޅި ދުނިޔެއިން އޭނާގެ ރެކޯޑް ސޭލްސް 600 މިލިއަނާ ގާތްކުރެއެވެ.

ތިން ގްރޭމީ އެވޯޑާއި، އުމުރުން 36 އަހަރުގައި ގްރެމީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދާފައިވާ އެލްވިސް މަރުވީ 1977 ވަނަ އަހަރު މެމްފިސްގައެވެ. މަރުވި އިރު އުމުރަކީ 42 އަހަރެވެ.

comment ކޮމެންޓް