ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް ލޯންޗްކޮށްފި

ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން ---- ސަން ފައިލް ފޮޓޯ

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަން ދޭ ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.

ލޯޔާސްއެމްވީ.ކޮމްގެ ނަމުގައި އުފައްދާފައިވާ އެވެބްސައިޓުގައި ރާއްޖޭގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިމެނިފައިވެ އެވެ.

ލޯޔާސްއެމްވީގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ނަސީރު ވިދާޅުވީ، އެ ޚިދުމަތަކީ ގާނޫނީ ވަކީލުންގެ އެހީތެރިކަން ފުރިހަމައަށް ލިބުމުގައި ހުރި ދަތިތައް ދިރާސާ ކުރުމަށް ފަހު އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ނިޔަތުގައި ގާނޫނީ ވަކީލުންގެ ޚިޔާލާއެކު އުފައްދާފައިވާ ވެބްސައިޓެއް ކަމަށެވެ.

އެ ވެބްސައިޓް މެދުވެރިކޮށް ވަކީލަކު އައްޔަނުކުރުމުން، ގާނޫނީ ވަކީލާ ވަކީލު އައްޔަނުކުރަން އެދޭފަރާތާމެދު އޮންނަ މަސައްކަތު އެއްބަސްވުން އެކުލަވާލުމާއި، ގާނޫނީ ވަކީލާ އެކު ހިންގަން ޖެހޭ މުއާމަލާތުތައް ހިންގުމުގައި އެހީތެރިވެދިނުމާއި އަދި މައްސަލައާ ގުޅިގެން ކުރަން ޖެހޭ އިދާރީ މަސައްކަތަކުގައި މުވައްކިލުގެ ފަރާތުން ގާނޫނީ ވަކީލާއެކު ލޯޔާސްއެމްވީ އިން މަސައްކަތްކުރާނޭ ކަމަށް ނަސީރު ވިދާޅުވި އެވެ.

ޖިނާއީ ގިނަ މައްސަލަ ތަކުގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލު ޢަބްދުﷲ ޝާޢިރު ވިދާޅުވީ އެ ޚިދުމަތަކީ މިހާރު ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތެއް ކަމަށެވެ.

"ބައެއް މައްސަލަތަކުގައި އެބަހުރި ގާނޫނީ ވަކީލުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުން މުވައްކިލުންނަށް ބޮޑެތި ގެއްލުންވެފައި. އަދި ގާނޫނީ ފީ ނެގުމުގައި ވެސް ބައެއް ފަހަރު މުވައްކިލުންނާ އެބަހުރި މައްސަލަތަކާ ކުރިމަތިލާންޖެހިފައި. ގާނޫނީ ވަކީލުންގެ ޚިދުމަތް ހޯދުމުގައި އެދާއިރާ ދަންނަ ބަޔަކު މެދުވެރިކޮށް މަސައްކަތްކުރުމަކީ ރަނގަޅުކަމެއް،" ޝާއިރު ވިދާޅުވި އެވެ.

ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ބައެއް ގާނޫނީ ވަކީލުންގެ ޚިދުމަތްދޭ ގޮތާމެދު ކަންބޮޑުވުންތަކެއް ހުރިކަން އެއީ ހަގީގަތެއްކަމަށާއި، ގާނޫނީ ވަކީލު މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ފާރަވެރިވާނޭ ބަޔަކު މެދުވެރިކޮށް ވަކީލުން އައްޔަނުކުރުމުން އެފަދަ މައްސަލަތައް ދިމާވާ މިންވަރު މަދުކުރެވޭނޭ ކަމަށެވެ.

ލޯޔާސްއެމްވީ އިން ދޭ އެއްވެސް ޚިދުމަތަކަށް ޚިދުމަތް ހޯދާފަރާތުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ. އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް ވެސް ލޯޔާސްއެމްވީގެ ޚިދުމަތް ލިބޭނޭކަމަށް ޕްރޮޖެކްޓް މެނޭޖަރު ނަސީރު ވިދާޅުވި އެވެ.

comment ކޮމެންޓް