ޖޭއެސްސީއަށް ވަކީލަކު އިންތިހާބު ކުރާ ވޯޓަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ގާނޫނީ ވަކީލުން ހުވާކުރުމުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރާ ވޯޓަށް ރަޖިސްޓްރީވުމުގެ ފުރުސަތު ބާ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން މި އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. ވޯޓުލުމަށް ރެޖިސްޓްރީ ވުމަށް ހުޅުވާލެވިފައިވަނީ އޮންލައިންކޮށް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެގޮތުން އެ ކައުންސިލްގެ ވެބްސައިޓްއިން ފޯމް މެދުވެރިކޮށް މިއަންނަ ހުކުރު ދުވަހުގެ 23:59ގެ ނިޔަލަށް ރެޖިސްޓާކުރުމަށް އެ ކައުންސިލުން އެދެއެވެ.

ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަންކުރަން ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެހެންކަމުން، ބާ ކައުންސިލުން ވަނީ، ޖޭއެސްސީއަށް ވަކީލުންގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިދިޔަ ބުދަ ދުވަހު ހުޅުވާލައިފައެވެ.

ޖޭއެސްސީއަށް ވަކީލުން ފަރާތުން ބޭފުޅަކު އިންތިޚާބު ކުރަން ޖެހެނީ މީގެ ކުރިން އެމަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް