ފިލްމު 'ނީރްޖާ' އުފެއްދި ފަރާތްތައް ގޮވައިގެން ނީރްޖާ ބަނޮޓްގެ އާއިލާ ކޯޓަށް!

ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު، 'ނީރްޖާ' އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ އެ ފިލްމަކީ، 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހު ޕޭން އޭމްގެ ފްލައިޓު 73، ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓުގައި ހައިޖެކްކުރި ހާދިސާގައި، އެ ފްލައިޓުގެ ފްލައިޓު އެޓެންޑަންޓްގެ ގޮތުގައި މަސައްކަތްކުރި ނީރްޖާ ބަނޮޓްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.

ފްލައިޓް ހައިޖެކްކުރި ހާދިސާގައި ނީރްޖާ ވަނީ ފްލައިޓުން ދަތުރު ކުރި ގިނަ އަދަދެއްގެ ބަޔަކު ސަލާމަތް ކޮށްފައެވެ. ނަމަވެސް ޓެރަރިސްޓުން ދިން ހަމަލާގައި ނީރްޖާ ވަނީ މަރުވެފައެވެ.

ފިލްމު ބެލި ގިނަ ބަޔަކު ރޮއްވާލި އިރު، ނީރްޖާ ބެނޮޓްގެ އާއިލާގެ ފަރާތުން ވެސް ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފިލްމުގެ ސްކްރިޕްޓު ލިޔުމާއި، ޑައިރެކްޝަންގައި ވެސް އާއިލާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައެވެ.

ނަމަވެސް، މިހާރު ނީރްޖާގެ އާއިލާ އިން ފިލްމާ މެދު ހިތްހަމަ ނުޖެހި، ފިލްމު އުފެއްދި ފޮކްސް ސްޓަރ ސްޓޫޑިއޯޒް އާއި ބްލިންގް އަންޕްލަގްޑް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ޚަބަރުތައް މިވަނީ ބުނެފައެވެ.

ޚަބަރުތައް ބުނާގޮތުން، ނީރްޖާގެ އާއިލާއިން ފިލްމު އުފެއްދި ފަރާތްތަކާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ ފިލްމަށް ލިބޭ ފައިދާގެ 10 ޕަސެންޓު ނީރްޖާ ބަނޮޓް ޓްރަސްޓް އަށާއި އޭނާގެ އާއިލާއަށް ދޭނެ ކަމަށް ބުނެ އެއްބަސްވެފައި ވީނަމަވެސް، އެގޮތަށް އެކަން ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

ނީރްޖާގެ ބޭބެ، އަނީޝް ބަނޮޓް ބުނީ އެކަމާ ގުޅިގެން ވާހަކަ ދައްކާނީ އާއިލާގެ ވަކީލު ކަމަށާއި، އެ އާއިލާ އަކީ ބޭއިންސާފު ބަރުދާސްތު ކުރާނެ ބައެއް ނޫން ކަމަށެވެ.

ޚަބަރުތައް ބުނާގޮތުން ނީރްޖާގެ އާއިލާއިން މައްސަލަ ހުށަހަޅަން ނިންމާފައިވަނީ ޕަންޖާބް އަދި ހަރިޔާނާ ހައި ކޯޓަށެވެ. އަދި މިހާރު އެ މައްސަލައިގެ ނޯޓިސް ވެސް ވަނީ ފިލްމު އުފެއްދި ފަރާތްތަކަށް ފޮނުވައިފައެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ރާމް މާދްވާނީ އެވެ.

comment ކޮމެންޓް