ސިޔާސީވެ އަޑުގަދަވެލާތާ ގިނަ ދުވަހެއްނުވެ މާލެއިން ގެގަންނަ ވާހަކަ އެވެ. ތެޔޮ ބޯޓަކަށް އަރާ ދަތުރު ފަށާތަނުން އެކައުންޓަށް ލައްކަލައްކައިން ލާރި ޖަމާކުރާ ވާހަކަ އެވެ. ކަންމަތީ ގްރޫޕުހަދައިގެން އަތުން ފައިން ކަމެއްނުކޮށް އުޅޭ މީހުން އުޅޭ މުއްސަނދި ދިރިއުޅުމުގެ ވާހަކަ އެވެ. ދައުލަތުގެ ހަރަދުގައި ތިމާ މަގުބޫލު މީހަކަށް ވާން ކުރާ ހަރަދުތަކުގެ ވާހަކަ އެވެ. ކިޔަނާނެ ކަމެއްނެތެވެ. ނިކަމެތިން ނިކަމެތިވެ މުއްސަނދިން މުއްސަދިވަމުން އަންނަނީ އެތައް ޖަރީމާއެއްގެ ތެރެއިންނެވެ.
ނުހައްގު މުއްސަދިކަން ބެލޭނެ ގޮތެއް އަދިނެތް
އެތައް ބަޔަކު ނުހައްގު ޖަރީމާތަކުގެ ތެރެއިން ފައިސާ ހޯދައި އަމިއްލަ ދިރިއުޅުން އޭގެން ތަނަވަސް ކުރަމުން އަންނަ އިރު ގައުމަށް އޭގެ ސަބަބުން ލިބޭ ގެއްލުން ފޫނުބެއްދެ އެވެ. ދޭން ޖެހޭ ހިދުމަތްތައް އެކަށޭނަ ގޮތުގައިނުދެވެ އެވެ. ޓެކްސް ފައިސާ އިން "ނާޗަރަންގީ" ކުޅެނީ ވަކިބައެކެވެ. އެއީ ފަހުގެ ހުރިހާ ވެރިކަމެއްގައި ވެސް ފެނުނުމަންޒަރެވެ.
ސިންގަޕޫރު އަދި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ލިބޭ އާމްދަނީއާއި ނުހައްގު މުއްސަދިކަމެއް އެމީހަކަށް ލިބިގެން އުޅޭ ނަމަ އެއީ ކިހިނެއް ހޯދި މުއްސަނދި ކަމެއްތޯ އެމީހެއް ކުރެ ސުވާލުކުރެވެ އެވެ. އަދި އެފައިސާ ހޯދިގޮތް ސާބިތުކޮށްނުދެވިއްޖެ ނަމަ އެ ފައިސާ ދައުލަތަށް ނަގަ އެވެ. އެއީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަނާއި ނަހަމަ މުއްސަނދިކަން ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ނުހައްގުން މުއްސަނދިވާ މީހުން އެ މީހުން އެ ފައިސާ ހޯދި ގޮތް ސާބިތުކޮށްދޭން ޖެހޭ އިރު ރާއްޖޭގައި އެކަން އޮތީ އަނެއްކޮޅަށް ކަމަށް ލުތުފީ ވިދާޅުވި އެވެ.
ރާއްޖޭގައި ނަމަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެފަދަ މާއްދާއެއް އޮވެ އެވެ. އެ ގާނޫނުގެ 160 ވަނަ މާއްދާގައި ބުނަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ފައިސާ ހޯދި ގޮތެއް އޭގެ ވެރިފަރާތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނުދެވިއްޖެ ނަމަ އެ ފައިސާ އާއި މުދާ ދައުލަތަށް ނެގެ އެވެ. ނަމަވެސް ހަމައެކަނި މަސްތުވާތަކެތި ވިއްކައިގެންވާ މުއްސަނދިކަމުގަ އެވެ. ރައްޔިތުންގެ ވަސީލަތްތައް ވަގަށް ނަގައިގެން ކުރެވޭ ވައްކަމުގައި މިކަމެއްނެތެވެ.
އޮޑިޓާ ހަސަން ޒިޔަތު ވިދާޅުވާ ގޮތުގައި އެމީހެއްގެ މަގާމާއި އާމްދަނީއާއި ނުބައްދަލު މުއްސަދިކަން ލިބިގަތުން ހުއްޓުވުމަށް އޭސީސީއަށް އެކަށޭނަ ގާނޫނީ ބާރު ލިބިދޭން ޖެހެ އެވެ.
"ފައިސާ ހޯދިގޮތް ބަޔާންކޮށް ނުދެވޭ މިފަދަ މުއްސަދިކަންހޯދާ ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށްގެނެވޭނެ ފަދަ ގޮތަކަށް މުވައްސަސާތަކުން ވެސް އަމަލުކޮށްދެއްވުމަކީ ކޮންމެހެން ބޭނުންކަމެއް،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕްރޮގުރާމް މެނޭޖާ މުހައްމަދު ތޯރިގް ހާމިދު ވިދާޅުވި ގޮތުގައި ގާނޫނުގެ ދަށުން މަޖިލިސް މެމްބަރުންނާއި މިނިސްޓަރުން ފަދަ މަގާމްތައް ފުރުއްވާ ފަރާތްތަކުން މާލީ ބަޔާން ހުށައަޅަން ޖެހޭ އިރު އެމާލީ ބަޔާނުގެ މައުލޫމާތަކީ ތެދު މައުލޫމާތުތޯ ޔަގީންކޮށް، އަދި ދޮގު މައުލޫމާތެއް ހުށައަޅައިފި ނަމަ އަދަބުދެވޭނެ ގޮތެއް ނެތުމަކީ ވެސް ކޮރަޕްޝަން ހުއްޓުވަން އޮތް ހުރަހެއް ކަމަށެވެ.
ދެން އޮތީ މީޑިއާގެ ދައުރެވެ. ތަހުގީގީ ނޫސްވެރިކަމެއްގެ ތެރެއިން ކޮރަޕްޝަން ހޯދާ ފަޅާ އެރުވުމެވެ. އަބުރުގެ ނަމުގައި ފާސްކުރި ގާނޫނާ އެކު ގާތްގަނޑަކަށް އެމަގު ނޫސްވެރިނަނަށް ވަނީ ބަންދުވެފަ އެވެ.
ގާނޫނޫ ބަންޑާރަ ނައިބަށް ފޮނުވައިފި
ނުހައްގު މުއްސަދިކަން ހުއްޓުވުމަށް ޓަކައި ދުނިޔޭގެ ތަރައްގީވެފައިވާ އެހެން ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ ފަދަ "އިލިސިޓް އެންރިޗްމަންޓް" ގާނޫނެއް ބަންޑާރަ ނައިބު އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ އެ ގާނޫނުގެ ދަށުން އެމީހަކަށް ނުލިބޭ އާމްދަނީއާއި ނުބައްދަލު ދިރިއުޅުމެއް އުޅޭ ނަމަ ސުވާލުކޮށް އެމުދާ ހޯދިގޮތް ސާބިތު ކޮށްނުދެވިއްޖެ ނަމަ ދައުލަތަށް އެމުދާ ނެގޭނެ ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް މަޖިލީހުންކޮށްދޭން ޖެހޭ ކޮންމެކަމެއް ކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. ކޮރޮޕްޝަން ހުއްޓުވުމަށް އެތައް މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ.
"މަޖިލީހުން ކޮށްދޭން ޖެހޭ ކަމެއް ކޮށްދިނުމަށް ތައްޔާރަށް މިތިބީ، އެއާ އެކު ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާގެ ދައުރު ވެސް އެބައޮތް، މަޖިލީހުގެ ތެރެއިން މިހާރު ވެސް އަންނަނީ ކޮށްދޭން ޖެހޭ ކަންކަން ކޮށް ދެމުން، އަޅުގަނޑު އުންމީދު ކުރަނީ ލަހެއްނުވެ އިސްލާހުތައް އަންނާނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.
މުދާ ނެގޭނެއިރު ހަރުދަނާ އުސޫލްތަކެއް ހުންނަންޖެހޭ
ތުހުމަތެއް ކުރެވުމަކީ ތިމާގެ ވިޔަފާރީގެ ސިއްރުތައް ހާމަކުރަންޖެހޭ ސަބަބަކަށް ވެސް ވެގެން ނުވާނެ އެވެ. އަދި އެއީ ފަރުދުންގެ މުދާ ނަގައިގަނެވޭނޭ ސަބަބަކަށް ވެސް ވެގެން ނުވާނެ އެވެ. ހައްގު ގޮތުގައި މުއްސަނދިކަން ހޯދާ މީހުންގެ ހައްގުތައް ވެސް ކަށަވަރުވާން ޖެހޭނެ އެވެ.
އެފަދަ ނިޒާމެއް ގާއިމް ކުރުމަށް އެންމެ މުހިންމު އެއް ނިޒާމަކީ އިންކަމް ޓެކްސްގެ ނިޒާމެވެ. އޭރުން ވަކިވަކި މީހުންގެ މާލީ ބަޔާންތައް ބެލި އޭގައި އެކަށީގެން ނުވާ އާމްދަނީއެއް މީހަކަށް ލިބިގެންވާނަމަ އެކަންކަން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ނުހައްގު މުއްދަސިކަން ވަރަށް ގިނަ އެވެ. ކޮރަޕްޝަން އިންތިހާ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމު މިވަނީ ބުރެކިޖެހިފަ އެވެ. އެހެންކަމުން ނުހައްގު މުއްސަދިކަން ބަލައި އެފައިސާ ދައުލަތަށް ނެގޭ ގޮތަށް ބަދަލު ގެނައުން މިވަނީ އަވަސް ކުރަންޖެހިފަ އެވެ. އަދި އެކަން ކުރުމަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ތިބި މުއައްސަސާތައް މިނިވަންވެ ޝަރުއީ ދާއިރާ ހަރުދަވާ ވާންޖެހެ އެވެ. މައްސަލަތަކުގެ ސްޕީޑް އަވަސްވާން ޖެހެ އެވެ.