ރަންބީރު ނުހިމަނައި ވެސް ކިޝޯރު ކުމާރުގެ ބަޔޮޕިކް ކުރިއަށް ގެންދާނެ

ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ޕްލޭބެކް ލަވަކިޔުންތެރިޔާ، ކިޝޯރު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި، ރަންބީރު ކަޕޫރު ނުހިމަނައި ވެސް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ބުނެފި އެވެ.

އަނޫރާގް ބާސޫ އާއި ރަންބީރު ވަނީ މީގެ ކުރިން 'ބަރްފީ' އަދި 'ޖައްގާ ޖާސޫސް'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އަނޫރާގް ބާސޫ ވަނީ ކިޝޯރު ކުމާރުގެ ބަޔޮޕިކް ހަދަން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ. އަދި ފިލްމުގައި ރަންބީރު ހިމަނަން އޭނާ ބޭނުންވި އެވެ.

ނަމަވެސް ރަންބީރު އަންނަނީ މިހާރު ވެސް ސަންޖޭ ދަތުގެ ބަޔޮޕިކްގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ފިލްމުގެ މަސައްކަތް ނިމުމާއެކު އާލިއާ ބަޓް އާއެކު އަޔާން މުކަރްޖީގެ ފިލްމު 'ޑްރެގަން' ގެ މަސައްކަތް ފަށާނެ އެވެ.

އަނޫރާގް މަޑުކޮށްގެން ހުރީ ރަންބީރަށް ފަސޭހަ ތާރީޚުތަކެއްގައި ފިލްމު ޝޫޓު ކުރަން ނިންމައިގެންނެވެ. ނަމަވެސް ރަންބީރު އަދިވެސް ވަކި ތާރީޚުތަކެއް އަނޫރާގަށް ދީފައެއް ނުވެ އެވެ.

އެހެންކަމުން ފިލްމުގެ މަސައްކަތް އިތުރަށް ލަސްކުރަން ބޭނުން ނުވާތީ، ރަންބީރަށް ވަގުތު ނުވާ ނަމަ، އޭނާ ނުހިމަނައި ވެސް ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން އޭނާ މިހާރު ވަނީ ނިންމައިފަ އެވެ.

އަނޫރާގް ބުނީ ފިލްމަށް ދެން ހަމަޖައްސާނީ ކޮން އެކްޓަރެއް ކަމެއް އަދި މަސައްކަތް ފަށާނީ ކޮން ތަރީޚެއްގައި ކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.

އަނޫރާގް ބާސޫ ޑައިރެކްޓު ކޮށް ރަންބީރު އަދި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޖައްގާ ޖާސޫސް' ރިލީޒް ކުރާނެ ތާރީޚު ވެސް އެކި ފަހަރު މަތިން ވަނީ ބަދަލު ކޮށްފަ އެވެ. ފިލްމު ރިލީޒް ކުރުމަށް މިހާރު ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

comment ކޮމެންޓް