ގައުމީ ފުޓްބޯޅަ ޓީމާއި އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް އަލުން ނިއުއާ ގުޅިއްޖެއެވެ.
އޮއްޕޮ ނިއުއާ ގުޅުނުކަން އެ ކްލަބުން ހާމަކޮށްފައި މިވަނީ، އެޓީމުގެ ކުރީގެ ފޯވާޑް އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނިއުއާ ގުޅުނުކަން ހާމަކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
މީގެ ކުރީން ތިން ފަހަރެއްގެ މަތީން ނިއުއަށް ކުޅެފައިވާ، އޮއްޕޮ އަލުން އެ ކްލަބާ ގުޅުނީ، ކިހާދުވަހަކަށްކަން އެ ކްލަބުން ވެސް އަދި އޮއްޕޮވެސް ހާމަކޮށްފައެއް ނުވެއެވެ.
މަޖީދިއްޔާ ސްކޫލުން ފުޓްބޯޅައަށް ތައާރަފްވުމަށް ފަހު، ކްލަބު ނިއު ލެގޫންސުން ސީނިއަރ ކެރިއަރު ފެއްޓި ހަލުއި ކުޅުންތެރިޔާ، އެންމެ ފުރަތަމަ ނިއުއަށް ކުޅުނީ، 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ވީބީ ސްޕޯޓްސް ކްލަބާ ގުޅުމަށް ފަހު ހަމަ އެ އަހަރު ބުރޫނާއީގެ ޑީޕީއެމްއެމްއަށް ކުޅުމަށް ފަހު، 2012 ވަނަ އަހަރު އެނބުރި ނިއުއަށް އައުމުގެ ކުރީން އޮއްޕޮ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގައި 3 އަހަރު ހޭދަކޮށްފައެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު ބީޖީ ސްޕޯޓްސް އަށް ކުޅުމަށްފަހު އޮއްޕޮ ވަނީ، 2015 ވަނަ އަހަރާ ހަމައަށް ނިއުއަށް ކުޅެފައެވެ. އޭގެ ފަހުން އޭނާ ފެނިގެން ދިޔައީ ވޭލްސްގެ ހަ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބޮޑޯގަން އެފްސީއިންނެވެ. އޭގެ ފަހުން އޮއްޕޮ ވަނީ، ވޭލްސްގެ ދެ ވަނަ ޑިވިޝަނުގައި ވާދަ ކުރާ ކްލަބެއްކަމަށްވާ ލާންގެފްނީ ޓައުން އެފްސީއަށް ވެސް ކުޅެފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެޓޭކިންގް މިޑްފީލްޑަރު، އޮއްޕޮ ފިޔަވައި ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ޔޫރަޕުގެ މި ފަންތީގެ ފުޓްބޯޅައިގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ނިއުއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އޮއްޕޮ އަކީ، 2008 ވަނަ އަހަރު ރާއްޖެއިން ސާފްޗެމްޕިއަންޝިޕް ކާމިޔަބުކުރި އިރު އެޓީމުގައި މުހިއްމު ދައުރެއްއަދާކޮށް އެ މުބާރަތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައިވާ ކުޅުންތެރިއެކެވެ.
ހިލޭ ޖެހުންތަކާއި ޕެނަލްޓީ ޖެހުމުގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ އޮއްޕޮ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.