ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، އޭނާ ކުރިން ކުޅުނު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އަލުން ގުޅިއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި، މިހާރު އުމުރުން 31 އަހަރުގެ ފޯވާޑް ވަނީ މީގެ ކުރީންވެސް ދެފަހަރެއްގެ މަތީން ނިއުއަށް ކުޅެ އެ ކްލަބާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ. މިސީޒަންގައި އޭނާ ކްލަބަކާ ނުގުޅި މިހާތަނަށް މަޑުކޮށްގެން ހުރީ އަނިޔާގައި ހުރުމުގެ ސަބަބުންނެވެ.
ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް (ޓެޑް) ވިދާޅުވީ، އަލީ އަޝްފާގު އަނެއްކާވެސް އެ ކްލަބާ ގުޅިފައިވާ ކަމަށެވެ. އެހެން ނަމަވެސް މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތު އޭނާ ހާމައެއް ނުކުރެއެވެ.
"މިހާރު ދަގަނޑޭ ވަނީ ނިއުއަށް ސޮއިކޮށްފައި. މި އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު، އަޅުގަނޑުމެން ތަންކޮޅެއް ފަހުން ހިއްސާކުރާނަން،" ޓެޑް ވިދާޅުވިއެވެ.
މެލޭޝިއާގެ ޕީޑީއާރުއެމަަށް ކުޅުމަށް ފަހު މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެނިގެން ދިޔަ ތަޖްރިބާކާރު ފޯވާޑާ ގުޅޭ ގޮތުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާރޑް މުހައްމަދު ޒިޔާދު މީގެ ކުރީން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ޓީމަކުން ދަގަނޑޭ ފެންނަ ނަމަ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ނިއުއިން ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އަޝްފާގު އަޅުގަނޑަށް ޔަގީންކަން ދީފައިއޮތީ މި ސީޒަނުގައި ވެސް ދިވެހި އެެއްވެސް ޓީމަކަށް ކުޅެންޏާ ފެނުން އެންމެ ގާތީ ނިއު އިން ކަމަށް،" ޒިޔާދު ވިދާޅުވެފައިވެއެވެ.
It's @nrsc_mv! #blues pic.twitter.com/OtTba7Et8i
— Ali Ashfaq (@AliAshfaq07) May 21, 2017
ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ، 2006 ވަނަ އަހަރު ކްލަބު ވެލެންސިއާއިންނެވެ. އެފަހަރު އޭނާ ނިއުއަށް 59 މެޗު ކުޅެދީފައިވާއިރު، 30 ލަނޑު ކާމިޔާބުކުރިއެވެ.
އޭގެ ފަހުން ބުރޫނާއީގެ ޑީޕީޕީއެމްއަށް ކުޅުމަށް ފަހު، ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބުގައި ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށް ފަހު، ދެވަނަ ފަހަރަށް ނިއުއާ ގުޅުނީ، 2013 ވަނަ އަހަރުއެވެ. އެފަހަރު އޭނާ ވަނީ، 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރުއެމް އާ ގުޅުމުގެ ކުރީން ނިއުއަށް 51 މެޗު ކުޅެ 66 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ނިއުގެ ސްކޮޑް ވަރުގަދަކުރުމަށް އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، މީގެ ކުރީން އެ ކްލަބަށް ކުޅުނު، އަދި ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ނަން މަޝްހޫރު ކުރީގެ ހުނަރުވެރި ފޯވާޑް އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް ވަނީ ދާދިފަހުން ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެހެން ނަމަވެސް، އޮއްޕޮ ނިއުއާ ރަސްމީކޮށް ގުޅުނުކަން އެ ކްލަބުން ހާމައެއް ނުކުރެއެވެ.