ރޯދައަށް ފައްކާކުރި ތޮއްޑޫ ދަނޑުތައް ވިއްސާރާގައި ހަލާކުވެއްޖެ

ތޮއްޑޫގެ ފަޅޯދަނޑެއްގެ ގަސްތައް ވިއްސާރާގައި ބިމާހަމަވެފައި --- ފޮޓޯ/ ވިޝާލް

ރާއްޖޭއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫގެ ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެދުނުކެނޑި ދެ ދުވަސް ވަންދެން ތޮއްޑޫއަށް ވާރޭވެހުނެެވެ.

ގަދަ ވަޔާއެކު ވެހުނު ވާރޭގެ ސަބަބުން ހަލާކުވި ދަނޑުތަކުގެ ތެރޭގައި ފަޅޯ ދަނޑުތަކާއި ކަރާ ދަނޑުތަކާއި ކިއުކަންބާ ދަނޑުތަކާއި ބަށި ދަނޑުތަކުގެ އިތުރުން ވެޔޮ ހައްދައިގެން މޭވާ އާއި ތަރުކާރީ ހައްދާފައިވާ ގިނަ ދަނޑުތައް ހިމެނެ އެވެ.

ތޮއްޑޫއަށް ކުރި ވިއްސާރައިގައި ބިމާ ހަމަވި ދަނޑުތަކުގެ ފޮޓޯ "ސަން"އަށް ވަނީ ލިބިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ޅަ ފަޅޯ އަޅާފައިވާ ފަޅޯ ތަނޑުތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ތޮއްޑޫ ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް "ސަން"އަށް ވިދާޅުވީ، ވިއްސާރާގައި ތޮއްޑޫ ދަނޑުބިންތަކަށް ލިބުނު ގެއްލުން މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ. ވިއްސާރާގައި 1،500 އަށް ވުރެ ގިނަ ގަހަށް ގެއްލުންވެފައިވާ ކަމަށާއި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ފަޅޯ ދަނޑުތަކަށް ކަމަށެވެ.

ތޮއްޑޫގެ ފަޅޯދަނޑެއްގެ ގައްތައް ވިއްސާރާގައި ބިމާހަމަވެފައި --- ފޮޓޯ/ ވިޝާލް

ހަސަން އިބްރާހީމް ވިދާޅުވީ ގިނަ ދަނޑުތަކެއްގެ ގަސްތައް ބިނދިގެން ވެއްޓިފައިވާ އިރު، އެ ދަނޑުތަކުގައި ގިނަ އަދަދަކަށް ފަޅޯވެސް ހުރި ކަމަށެވެ.

ތޮއްޑޫގައި ރޯދައަށް އެންމެ ފޯރިއަރުވައި ކޮންމެ އަހަރަކު ވެސް ފައްކާ ކުރަނީ ކަރާ ދަނޑުތަކެވެ. ހަސަން އިބްރާހީމް ވިދާޅުވީ، ވިއްސާރާގެ ސަބަބުން ކަރާ ދަނޑުތަކަށް މާބޮޑު ގެއްލުމެއް ނުވީ ނަމަވެސް، ބައެއް ދަނޑުތަކަށް ގަދަޔަށް ވައިޖެހުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ސަން"އަށް ވާހަކަ ދެއްކި ތޮއްޑޫ ދަނޑުވެރިއަކު ބުނީ، ކޮންމެ އަހަރަކު ވެސް ކަރާ ހައްދާ ދުވަސްވަރަކީ ހުޅަނގު މޫސުމާ ދިމާވާ ދުވަސްވަރު ކަމަށެވެ. ނަމަވެސް މިއަހަރުގެ ވިއްސާރާގައި މީގެ ކުރިން ލިބުނު ވަރުގެ ގެއްލުންތައް އެ ރަށުގެ ދަނޑުބިންތަކަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ތޮއްޑޫގެ ފަޅޯދަނޑެއްގެ ގަސްތައް ވިއްސާރާގައި ބިމާހަމަވެފައި --- ފޮޓޯ/ ވިޝާލް

އޭނާ ބުނީ، ގަދަ ވައިގެ ސަބަބުން ބޮޑަށް ގެއްލުންވީ ބިމުން މައްޗަށް ހެދޭ ގަހުގެ ބާވަތްތަކަށް ކަމަށެވެ. އެގޮތުން ފަޅޯދަނޑުތަކާއި ބިލެއް ގަސްތަކަށް ގެއްލުންތައް ލިބޭ ކަމަށް އޭނާ ބުންޏެވެ.

ތޮއްޑޫގެ ދަނޑުވެރިން ބުނީ، މޫސުން ގޯސްވި ނަމަވެސް، މިއަހަރު ވެސް ރޯދަމަހު އެހެން އަހަރުތަކެކޭ އެއްވަރަށް ތޮއްޑޫ އިން ކަރާ ބޭރު ކުރެވޭނެ ކަމަށެވެ. ތޮއްޑޫ އިން ވަނީ މިދިޔަ ރޯދަމަހު އެކަނިވެސް 19000 ޓަނުގެ ކަރާ އެ ރަށުން ބޭރުކޮށްފަ އެވެ.

ތޮއްޑޫ ކަރާދަނޑެއް --- ސަން ފައިލް ފޮޓޯ

ތޮއްޑޫގެ ދަނޑުވެރިން ބުނަނީ ރޯދަ ފެށުމުގެ ދެ ދުވަހެއް ކުރިން، ރޯދަ މަހަށް ހާއްސަކޮށް ފައްކާކުރި ކަރާ ދަނޑުތަކުން މާލެއަށް ކަރާ ގެނެވޭނެ ކަމަށެވެ.

ކަރާ ހެއްދުމަށް މިއަހަރު ވަނީ ތޮއްޑޫ އިން ޖުމްލަ 2،103،200 އަކަފޫޓުގެ ބިން ދޫކޮށްފަ އެވެ. އެއީ 114 ދަނޑެވެ.

comment ކޮމެންޓް