މަރުވުމުގެ އަށް ގަޑިއިރު ކުރިން ރީމާ ވަނީ 'ނާމްކަރަން'ގެ މަންޒަރުތަކެއް ޝޫޓުކޮށްފައި

ރީމާ ލަގޫ ---

މި މަހުގެ 18 ވަނަ ދުވަސް ވެގެން ދިޔައީ ހިންދީ ފިލްމީ ދާއިރާ އަށް ބޮޑު ހިތާމައެއް ގެނުވި ދުވަހަކަށެވެ. ދުވަހުގެ އިރު އަރައިގެން އައީ ބޮލީވުޑްގެ އެންމެ މަގުބޫލު މަންމައިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓަރު ރީމާ ލަގޫގެ މަރުގެ ޚަބަރާ އެކު އެވެ.

ރީމާ ފިލްމީ ދާއިރާ އަށް ނުކުތީ 1979 ވަނަ އަހަރު ރިލީޒް ކުރި މަރާޓީ ފިލްމު ސިންހާސަން އިންނެވެ. އެއަށް ފަހު ރީމާ ވަނީ ގިނަ އަދަދެއްގެ ހިންދީ ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ރީމާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'ހަމް އާޕްކޭ ހޭ ކޯން'، 'ހަމް ސާތު ސާތު ހޭ'، 'މޭނޭ ޕިޔާރް ކިޔާ'، އަދި 'ކަލް ހޯ ނަ ހޯ' ފަދަ ފިލްމުތައް ހިމެނެ އެވެ.

ރީމާ ވަނީ ޝާހްރުކް ޚާން، ސަލްމާން ޚާން، އަކްޝޭ ކުމާރު، ސްރީދޭވީ، މާދުރީ ޑިކްޝިޓް ފަދަ ތަރިންނާ އެކު މަސައްކަތް ކޮށްފަ އެވެ.

އަދި ރީމާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ފިލްމުފެއާ އެވޯޑު ހަތަރު ފަހަރު ހޯދައިފަ އެވެ.

ރީމާ އަކީ ޓީވީ ޑްރާމާތަކުން ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. ރީމާގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި 'ތޫ ތޫ މޭ މޭ' އަދި 'ޝްރިމާން ޝްރިމަތީ' ހިމެނެ އެވެ. ރީމާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސްޓާ ޕްލަސް އިން ގެނެސްދޭ ސީރީޒް 'ނާމްކަރަން' އިންނެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ރީމާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މަރުވި އިރު އުމުރަކީ 59 އަހަރެވެ. މަރުވުމާ ހަމައަށް ވެސް ރީމާ އަކީ ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި މީހެއް ކަމަށް އާއިލާ އިން މައުލޫމާތު ދެ އެވެ.

ރީމާގެ ހުނަރުވެރި ކަމާއި، ކޮންމެ ރޯލެއް ވެސް އަދާކުރާ ފުރިހަމަ ކަމުގެ އިތުރުން، އޭނާ އަކީ މަސައްކަތަށް ފަރުވާތެރި ފަންނާނެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ. ގަޑިއަށް ފަރުވާތެރި ވުމާއި، އެންމެނާ ވެސް ގުޅިގެން މަސައްކަތް ކުރުމަކީ ރީމާގެ ގައިގައި ހަރުލާފައި ހުރި ރަނގަޅު އާދަތަކެވެ.

މިހާރު ސްޓާޕްލަސް އިން ގެނެސްދޭ ޑްރާމާ 'ނާމްކަރަން' އަކީ ރީމާ ޓީވީ އާއި ތަންކޮޅެއް ދުރުގައި އުޅުމަށް ފަހު އެނބުރި އައިސް ކުރި ފުރަތަމަ މަސައްކަތެވެ. އެ ޑްރާމާގައި ރީމާ އަދާކޮށްފައި ވަނީ ނެގެޓިވް ރޯލެކެވެ. އެ ރޯލަށް އޭނާ އަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބިގެން ދިޔަ އެވެ.

ޚަބަރުތައް ބުނާ ގޮތުން، ރީމާ ވަނީ ރީމާ މަރުވުމުގެ ކުރިން ބުދަ ދުވަހުގެ ރޭ ވެސް ވަނީ ޝޯގެ ބައެއް މަންޒަރުތައް ޝޫޓު ކޮށްފަ އެވެ. އަދި ހޯމަ ދުވަހު ވަނީ ޝޯގެ އާ ޕްރޮމޯޝަން އަށް ވެސް ޝޫޓު ކޮށްފަ އެވެ.

ރީމާ އާ އެކު އެ ޑްރާމާގައި މަސައްކަތް ކުރަމުން ދިޔަ ބައެއް ފަންނާނުން ކަމުގައިވާ، ބަރްޚާ ބިޝްތު، ސަޔަންތަނީ ގޯޝް، ޒައިން އިމާމް އަދި ގުލްފާމް ޚާން އަށް އަދިވެސް ރީމާގެ މަރު ގަބޫލު ނުކުރެވެ އެވެ.

ކަރުނުން ފޯވެފައި ހުރި މީޑިއާ އަށް މައުލޫމާތު ދެމުން ގުލްފާމް ބުނީ ރޭގަނޑު ހަތެއް ޖަހަންދެން ވެސް ރީމާ އުޅުނީ ޝޫޓިންގައި ކަމަށާއި، ޝޫޓިންގައި އުޅުނީ ވެސް ވަރަށް މަޖާވެލާފައި ކަމަށެވެ.

"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ ރީމާ މަރުވި ކަމަކަށް. ކަރު ސަކަރާތް ވެގެން ރަނގަޅަށް ވާހަކަ ނުދެއްކޭތީ އުޅުނީ. އެކަމަކު ސަންގީތުގެ ޝޫޓިން ކުރިއަށް ގެންދިޔަ އިރު ވެސް ވަރަށް ރަނގަޅަށް ހުރީ. ހަޔާތުގައި ކަން ހިނގާފާނެ ގޮތެއް ބުނެދޭކަށް ނޭނގޭނެ،" ޑްރާމާގައި ފާތިމާގެ ރޯލުން ފެނިގެންދާ ގުލްފާމް ބުންޏެވެ.

'ނާމްކަރަން'ގެ ޑައިރެކްޓަރު މަހޭޝް ބަޓް ބުނީ އެންމެ ފަހުން ރީމާ އާއި ފޯނުން ވާހަކަ ދެއްކި ދުވަހު އަލުން ބައްދަލު ވާނެ ކަމަށް ވައުދުވި ކަމަށެވެ.

"އެހެން ނުވީތީ ހިތާމަ ކުރަން. އަހަރެން ހީކުރީ އަދި ވަގުތު އެބަ އޮތް ކަމަށް. އެކަމަކު ހީކުރެވުނީ މުޅިން ގޯސްކޮށް،" އޭނާ ބުންޏެވެ.

ޑްރާމާގެ މުޅި ކާސްޓް އަދި ކްރޫ ވެސް ތިބީ ޝޮކެއްގަ އެވެ. ރީމާގެ މަރުގެ ޚަބަރަކީ އެމީހުންނަށް ގަބޫލު ކުރަން ދަތި ވާހަކަ އެކެވެ. ބުދަ ދުވަހު ރީމާ ޝޫޓު ކޮށް ނިންމާލީ ޑްރާމާގެ 200 ވަނަ އެޕިސޯޑުގެ މަންޒަރުތަކެވެ.

'ނާމްކަރަން'ގައި އަވްނީގެ ރޯލުން ފެނިގެން ދިޔަ ޗައިލްޑް އާޓިސްޓް، އަރްޝީން ބުނީ ރީމާ އަށްޓަކައި އޭނާގެ ހިތުގައި ދެވިފައިވާ ޖާގަ އެހެން މީހަކަށް ނުދެވޭނެ ކަމަށާއި އޭނާގެ ކާމިޔާބީތަކުގައި އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ވެސް ރީމާ ކަމަށެވެ.

ރީމާ މަރުވެފައި މޭގައި ރިއްސާތީ ބުދަ ދުވަހުގެ ރޭ ދަންވަރު މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް