ކުޑަކުދިންގެ ބަގީޗާ ހުޅުވުން ލަސްވަނީ ބޭރުން ތަކެތި ގެނައުން ލަސްވާތީ: ސިފައިން

ކުޑަކުދިންގެ ބަގީޗާ --- ފޮޓޯ/ ޕެނޯރާމިއޯ

ކުޑަކުދިންގެ ބަގީޗާ ހުޅުވުން ލަސްވަނީ ރާއްޖޭން ބޭރުން އެތަނަށް ގެންނަންޖެހޭ ބައެއް އެއްޗެހި ގެނައުމުގައި ލަސްތަކެއް ހުރުމުން ކަމަށް އެ ބަގީޗާ ބަލަހައްޓަމުންދާ އެމްއެންޑީއެފުން ބުނެފިއެވެ.

ކޮންމެ ދުވަހެއްގެ ވެސް ހަވީރު ގިނަ އަދަދެއްގެ ކުޑަކުދިން އާއިލާއާއެކު ހިތް އުފާކޮށް މަޖާ ކޮށްލަން ކުރީއްސުރެއް އޮންނަ ކުޑަކުދިންގެ ބަގީޗާ މަރާމާތަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ސިފައިންގެ ކޯޕަރޭޓިވް ސިފްކޯ އިން ބަލަހައްޓަމުންދާ އެ ތަން މަރާމާތަށްފަހު ހުޅުވަން ކުރިން ނިންމާފައި އޮތީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެތަން ހުޅުވާފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ތަން ހުޅުވުމަށް ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ.

"އަދިވެސް ބައެއް އެއްޗެހި ރާއްޖޭން ބޭރުން ބޭނުންވޭ. އެހެންކަމުން ލަސްތަކެއް އަންނަނީ. އުއްމީދު ކުރެވޭ ގޮތުގައި ބޮޑެތި ބަދަލުތަކަކާއެކު ބަގީޗާ ވަރަށް އަވަހަށް ހުޅުވޭނެ،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަ ނީ ބަގީޗާ މަރާމާތުކޮށް ހުޅުވާއިރު އެތަނުގައި ކުޑަކުދިން ޝައުގުވެރިވާ ފަދަ ޒަމާނީ ތަކެތި ބަހައްޓާފައި ހުންނާނެއެވެ. އޭގެ އިތުރުން ބަގީޗާ އެތެރޭގެ ޖާގަ ތަނަވަސް ވާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އެތަނަށް ގެންނަ ބަދަލުތަކުގެ ތަފްސީލެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް