ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތް ބަލާނަން: އެމްއެންޑީއެފް

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ --

ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދީންގެ ބަގީޗާގެ ކޮއްޓެއްގެ ތެރޭގައި ބާއްވާފައި އޮތް ކިނބުލާ މެދު ކަންތައްކޮށްފައިވާ ގޮތް ބަލާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ކިނބޫ ކުޑަކުދިންގެ ބަގީޗާއިން ގެންދިޔައީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެއާ މެދު ކަންތައް ކުރި ގޮތެއް ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. އޭރު އަޑު ފެތުރުނު ގޮތުގައި ކިނބޫ ވަނީ ބަޑި ޖަހައި މަރާލާފައެވެ.

މިއަދު އެމްއެންޑީއެފްގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ކިނބޫ ގެންދިޔަ އިރު އޭނާވެސް އެމްއެންޑީއެފްގައި އުޅުއްވި ނަމަވެސް، އެއަށް ހެދި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު ކިނބުލަށް ހެދި ގޮތް ބައްލަވާނެ ކަމަށާއި، ބައްލަވާފައި ވީ ގޮތް އެނގުމުން ޖަވާދެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިންޓާނަލް ކަމެއް ކަމަށްވާތީ އަޅުގަނޑުމެން މިކަން ބަލާނަން. ބަލާފައި އަޅުގަނޑުމެންނަށް އޭގެ ޖަވާބެއް މީޑިއާއަށް ދެވޭ ހިސާބަށް އާދެވުނީމަ އެ މައުލޫމާތު ފޯރުކޮށްދޭނަން،" ވައިސް ޗީފް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން 2015 ވަނަ އަހަރު ބުނީ ކިނބޫ، ސިފައިންގެ ބެލުމުގެ ދަށުން ރައްކާތެރި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު ކިނބޫ އެހެން ތަނަކަށް ބަދަލުކުރީ ކީއްވެ ކަމެއް ހާމަކޮށްފައި ނުވެއެވެ.

ކުޑަ ކުދިންގެ ބަގީޗާގައި އޮތް ކިނބޫ އަތުލައިގެންފައި ވަނީ ވިލިމާލެ ފަޅުތެރެއިން މީގެ ވިއްސަކަށް އަހަރު ކުރިންނެވެ.

comment ކޮމެންޓް