ބަގީޗާ ވަރަށް ޗާލު، އެކަމަކު އެންމެ "މިސްވަނީ" ކިނބޫ ނެތީމަ!

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ހިދުމަތަށް ސައްތަ އަހަރުވީ މުނާސަބާ ފަހަގަ ކުރުމަށް 1998 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ހުޅުވި ކުޑަކުދިންގެ ބަގީޗާއަކީ ފުރާވަރުގެ ކުދިންގެ ފޮނި މާޒީއެއް އެތަނަކާ އެކުވާ ތަނެކެވެ. އުސް އިމާރާތް ތަކުން މާލޭގެ މަލަމަތި ކޮންކްރީޓް ޖަންގައްޔަކަށް ބަދަލު ވަމުންދިޔައިރު ހިތް ފަސޭހަކޮށްލާ ކުޑަކުދިންނަށް ކުޅެލެވޭނެ މާހައުލެއް ފަހިކޮށްދިނީ ކުޑަކުދިންގެ ބަގީޗާއިންވެ.

ކުޑަ ކުދިންގެ ބަގީޗާ ވުޖޫދަށް އައިސް މާލޭއަށް އަންނަ ކޮންމެ ކުޑަ ކުއްޖަކު އެންމެ ގަޔާވާ ތަނަށް އެތަން ވެގެން ދިޔައިރު އެތަން އިތުރަށް ފުރިހަމަ ވެގެން ދިޔައީ އެތަނުގައި ގައިމުވެފައި ހުރި މުހިއްމު ވަސީލަތްތަކެވެ. ބޮޑު ސިޑިއަކާއެކު ކުޑަކުދިން ދުވެލާޏެ ސަރަހެއްދެއް އޮތްއިރު މަސްފެންގަނޑަކާ އެކު ކުދިން ކުޅެލާނެ ވަސީލަތްތައް ލިބިގެންދިޔުމަކީ އޭރު މާލޭގައި ތިބި ބެލެނިވެރިންނަށް ދަރިން މަސަލަސް ކުރަން އޮތް އެންމެ ފުރިހަމަ ވަސީލަތައް ވެގެންދިޔައެވެ.

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ބަގީޗާ ދުވަސްތަކަަކަށް އެއްވެސް ބަދަލެއް ނައިސް ކުދިކުދި އާބާތުރަ ފިލުވުން ފިޔަވާ އިތުރު ބަދަލެއް ނައިސް އެހެން އޮންނަތާ އަހަރުތަކެއް ފަހުން މިދިޔަ އަހަރު ވަނީ އެ ތަނުގެ ބޮޑު މަރާމާތުގެ މަސައްކަތެއް ކޮށްފަ އެވެ. ވޭތުވެދިޔަ އަހަރު ޑިސެމްބަރު މަހު ފެށި އެ މަސައްކަތް ނިމި މި މަހުގެ އެއް ވަނަ ދުވަހު އެތަން ހުޅުވިގެން ދިޔައިރު ބޮޑެތި ބަދަލްތަކެއްވަނީ ގެނެސްފައެވެ. ކުދިން ހިތް އެދޭހާ ހުރިހާ ވަސީލަތެއް ގާއިމް ކުރެވޭތޯ އެ ތަން ހިންގާ ސިފައިންގެ ކޯޕަރޭޝަން (ސިފްކޯ) އިން ވަނީ ބަލާފައެވެ.

ނަމަވެސް ކުޑަކުދިންގެ ބަގީޗާ އާންމުގެ ތެރޭގައި އަދި ހާއްސަކޮށް ކުޑަކުދިންގެ ތެރޭގައި މަޝްހޫރުވީ އެތަނުގެ ހަގީގީ މޫނުމަތި ކަމަށްވާ 2000 ވަނަ އަހަރުން ފެށިގެން އެ ބަގީޗާއަށްދާ ކުދިން ފުހި ފިލުވަދޭ ކިނބުލެވެ. ގިނަ ބަޔަކު ކުޑަކުދިންގެ ބަގީޗާއަށް ޝައުގުވެރި ކުރުވީ މި ކިނބޫކަމީ މުޖައްރިބު ކަމެކެވެ. ހަވީރު ބަގީޗާ ހުޅިވިގެން ގޮސް އިރު އޮއްސޭއިރު ވެސް އެންމެ ބާރު ބޮޑުވާނީ ކިނބޫ ކޮށި ކައިރީގައެވެ.

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އަލުން ބަގީޗާ ހުޅުވިއިރު ގިނަ ކުދިން އެންމެ "މިސްވީ" އެ ކިނބޫ މަތިންނެވެ. ބަގީޗާގެ ދޮރުން ވަނުމާއެކު ގިނަ ކުދިން ދުއްވައިގަންނަނީ އެއްކަލަ ކިނބޫ ހޯދާށެވެ. އެ ކުދިންގެ ރަހުމަތްތެރި "ކޮރޮކޮޑައިލް" އޮތްތޯ ގިނަ ކުދިން ދިޔަ ނަމަވެސް ބަގީޗާގެ ހަގީގީ ފަހުރު މިހާރު އެތަނަކު ނެތެވެ. ކިނބޫ ނެތްކަން އެނގުމުން ބައެއް ކުދިންނަށް ވެރިވެގެން ދިޔަ މާޔޫސްކަން ބޮޑާ ހޭކުމަށް ބަދަލުވެގެން ދިޔައިރު ބައެއް ބެލެނިވެރިންގެ ފަރާތުން ވެސް އެކަން ވަނީ ފާހަގަވެފައެވެ.

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޕާކު ވަރަށް ރީތިި. ހާއްސަކޮށް ފުޓްސަލް ދަނޑު އޮތީމަ ވަރަށް އަންނަ ހިތްވޭ. އެކަމު އައި މިސް ކިނބޫ،" ޕާކަށް ހުރި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ބުންޏެވެ.

"މި އުޅެނީ ބޮޑާހާކާ ގަނެގެން. އައިގޮތަށް މި ބުނަނީ މަންމި ހިނގާށޯ ކިނބޫ ބަލަން. ދެން ކިނބޫ ނެތީމަ އެކަމާ އެ ބޮޑާ ހާކަނީ،" އަޑުން އަޑު ނަގައި ރޮމުން ދިޔަ ކުއްޖަކު މަސަލަސް ކުރަން މަސައްކަތް ކުރަމުންދިޔަ ޒުވާން މަންމަ އަކު ބުންޏެވެ.

ކޮންމެ އަކަސްް ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. އެންމެންވެސް ކިނބޫ މިސްވާތީ ވަރަށް އުޅެއެވެ. ކިނބުލަށް ވީ ގޮތް މިހާތަނަށް އެއްވެސް ބަޔަކު ހާމަކޮށްފައި ނުވިނަމަވެސް ސިފްކޯއިން ވަނީ ކިނބޫ ނެތްތަން ފޫބެއްދުމަށް ބަގީޗާއަށް އިތުރު ބައިވަރު ވަސީލަތްތައް ގާއިމުކޮށްފައެވެ.

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަގީޗާ އަލުން ހުޅުވިއިރު އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ބަގީޗާއަށް ވަންނަ ގޭޓާއި ދިމާއަށް ހުންނަ ބޮޑު ސިޑިއާ އެކު އެ ތަނުގެ ކުރިމައްޗަށް ވާގޮތައް ކުރަހާފައި ހުރި ތްރީ ޑީ ކުރެހުމެވެ. މީގެ އިތުރުން ކަނޑުގެ މުއްސަނދި ދިރުން ދައްކުވައިދޭ ގޮތަށް ހަދާފައިވާ މަސްޓޭންކަކީވެސް ކުޑަކުދިންގެ ހިތް ލަންބުވައިލި ތަނެކެވެ. އަދި އާއިލާއަށް ހިތްހަމަ ޖެހިލައިގެން ތިބެވޭ ގޮތަށް މަސް ފެންގަނޑަކާއެކު ހަދާފައިވާ ރެސްޓިން އޭރިއާ ވެސް އެހާމެ ފުރިހަމައެވެ.

ސެޕްޓެމްބާރ 1، 2017: ކުޑަކުދިންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން ފުޓްސަލް ދަނޑެއް އަޅާފައިވާއިރު މުޅި އެ ސަރަހައްދުގައި ވަނީ ކާޕެޓް އަޅާފައެވެ. އަދި ރޯލާ ސްކޭޓް ކުރެވޭނެ ސަރަަހައްދެއް ހަދަމުންދާއިރު ކުޑަކުދިން ކުޅެން ގާއިމުކޮށްފައިވާ ވަސީލަތްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކެވެ.

ކުޑަކުދިންގެ ބަގީޗާގެ ބޮޑު ބައި ތަރައްގީކޮށް ޕާކު ހުޅުވާފައި ވީ ނަމަވެސް އަދިވެސް އެތަން ދަނީ އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ ޕާޓީތަކާއި އިތުރު ހަފްލާތައް ބޭއްވޭ ގޮތަށް ތަން ނިމޭއިރު އިންތިޒާމް ހަމޖެހިގެންދާނެ ކަމަށް ސިފްކޯއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް