ކީޕަރު އިމްރާންގެ 'ވަރުގަދަ' ޝަކުވާގެ ބަޔާން ރައްދުވަނީ އެފްއޭއެމަށް!

ސަތާރަ އަހަރުވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރު އިމްރާން، ނިއުގެ އެކަޑަމީ ކުދިންނާއެކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ދެ މެޗަށް ސަސްޕެންޑްކުރުމާ ގުޅިގެން އޭނާގެ ޝަކުވާތަކާއެކު ބަޔާނެއް ނެރެފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މާލޭ ލީގު މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއު ރޭޑިއަންޓްގެ ކެޕްޓަން އިމްރާންގެ އިތުރުން ނިއުގެ ގަލާޑޯ ވަލްޑޭސް އެޑްރިއަނާއި، ބޮއޭސްޓްރާ ޖަމާލް ރޮމާނޯއާއި، ސޮލާހާއި، އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އަދި އެޓީމުގެ އެސިސްޓަންޓް ކޯޗު އަހްމަދު ނިމާދު (ނިމާ)އަށް ވެސް ފިޔަވަޅު އަޅާފައިވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިމްރާން ނެރުނު ބަޔާނުގައި ބުނީ، އެ ސަސްޕެންޝަނަކީ އޭނާގެ އަމަލުތަކަށް ބިނާކޮށް ދެވިފައިވާ ސަސްޕެންޝަނެއް ކަމުގައި އެފްއޭއެމްއިން ބުނި ކަމަށްވިޔަސް އެކަން ގަބޫލުކުރަން ވަރަށް އުނދަގޫ ކަމަށެވެ. އަދި 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލުތަކެއް ފެނުނު ކަމަށް ބުނެފައިވާއިރު ދަނޑުމަތީގައި ހުރިހާ ކުޅުންތެރިން ވެސް ހަމަހަމަވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަނޑުމަތީގައި އަޅުގަނޑު ވީމަ ތަފާތު ގޮތެއް ނޯވެއެވެ. ހަމަ އެހެންމެ 17 އަހަރުދުވަހު ގައުމީ ޓީމަށް ކުޅެފައި، ރަސްމީކޮށް ރިޓަޔާކޮށް އެފްއޭއެމްއަށް 17 އޮކްޓޯބަރު 2017 ވަނަ ދުވަހު ފޮނުވި ސިޓީއާ ބެހޭގޮތުން ސިޓީއެއް ނުވަތަ ސޯޝަލް މީޑިއާ ޕޯސްޓެއް ވެސް ފެނިފައި ނުވުމަކީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ.،" އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.

އިމްރާން ބުނީ، ހުރިހާ ކްލަބުތަކާ ކުޅުންތެރިންގެ ބެލެނިވެރި ފަރާތްކަމުގައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އޭނާ 17 އަހަރު ގައުމީ ޓީމަށް ކުޅެފަ ހުއްޓާލީމަ "ޝުކުރިއްޔާއޭ" ވެސް ބުނެ ނުލުމަކީ ދިވެހި ފުޓްބޯލައިގައި މިސާލު ދައްކަންޖެހޭ ފަރާތުން ކަން ކުރަންޖެހޭ އެންމެ ރަނގަޅުގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

"ނަމަވެސް ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިން އަޅާފައިވާ ފިޔަވަޅަކަށްވާތީ އަޅުގަނޑު އެ ފިޔަވަޅަށް ފުރިހަމައަށް އިހުތިރާމްކޮށް ބޯ ލަނބާކަން ތި ހުރިހާ ސަޕޯޓަރުންނަށް ޔަގީންކޮށް އަރުވަމެވެ. އަޅުގަނޑު މި ވާހަކަ މިގޮތަށް ހާމަ މިކޮށްލީ، އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންނަށް ޖުމްލަކޮށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މިކަން ސާފުވެފަ އޮތުން ރަނގަޅު ކަމަކަށް ފެންނާތީއެވެ.،

އެންމެ ފަހުގެ ސާފް ސުޒުކީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ރާއްޖެއާއި އަފްގާނިސްތާނު ކުޅުނު މެޗުގައި ކީޕަރު އިމްރާން --- ސަން ފޮޓޯ/ އިމޭޖްސް. އެމްވީ

"ﷲގެ ވާގިފުޅާއެކު، ކުރިއަށްއޮތް ތަނުގައި މިފަދަ ތުހުމަތެއް ކުރެވޭވަރުގެ ކަމެއް އަޅުގަނޑުގެ ފަރާތުން ނުފެންނާނެކަމުގެ ޔަގީންކަން އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންނަށް ޖުމްލަކޮށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް އަރުވަމެވެ. ދިވެހި ފުޓްބޯޅައަށް އަބަދުވެސް އެދެނީ އަދަށްވުރެ ފެހި މާދަމާއެކެވެ.." އިމްރާންގެ ސޯޝަލް މީޑިއާ ބަޔާނުގައި ބުނެފައިވެއެވެ.

އިމްރާންގެ 17 އަހަރުދުވަހުގެ ހިދުމަތް ކުލަގަދަގޮތެއްގައި އެފްއޭއެމްއިން ފާހަގަކުރާނެކަމުގެ ޔަގީންކަމެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިން ދެއްވައިފައެވެ. އޭޝިއަން ކަޕްގައި މާޗްމަހުގެ 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސަން ސްޕޯޓްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ، 17 އަހަރަކީ ވަރަށް ދިގު މުއްދަތެއް ކަމަށާއި އެކަން ފާހަގަކުރުމަށް އެފްއޭއެމްއިން ވަރަށް އަވަހަށް ކަންތައްތަކެއް ރާވާނެ ކަމަށެވެ.

ނިއު-އީގަލްސް މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ގަލާޑޯއާއި، ސޮލާހު އަދި އިމްރާނަށް ދިން އަދަބު އެ ކްލަބުން އިސްތިއުނާފްކުރި ނަމަވެސް، އެފްއޭއެމްގެ އިސްތިއުނާފް ކޮމިޓީން ނިންމީ އެ ކުޅުންތެރިންނަށް ދީފައިވަނީ ހައްގު އަދަބުތަކެއް ކަމަށެވެ.

comment ކޮމެންޓް