ފަޒީލް ބޮޑު ކުރިއެރުމެއް ހޯދައި، 1500 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލުމާ ގާތަށް

ރާއްޖޭގެ އެތުލީޓް ހުސައިން ފަޒީލް ހާރޫން: އޭނާ ވަނީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 1500 މީޓަރު ދުވުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައި --- ސަން ފައިލް ފޮޓޯ

އަޒަރްބައިޖާންގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 1500 މީޓަރު ދުވުމުގައި ރާއްޖޭގެ ހުސައިން ފަޒީލް ހާރުން ބޮޑު ކުރިއެރުމެއް ހޯދައި، ގައުމީ ރެކޯޑު މުގުރާލުމާ ގާތަށް ޖެހިލައިފިއެވެ.

ގޭމްސްގައި މިއަދު ކުރިއަށްދިޔަ 1500 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ވާދަކޮށް، ފުލުގައި ނިންމާލަން ޖެހުނު ފަޒީލް ރޭސް ފުރިހަމަކުރީ ހަތަރު މިނެޓާއި، 3.43 ތިން ސިކުންތުންނެވެ.

ފަޒީލް ކުރިން 1500 މީޓަރު ދުވުން އެންމެ އަވަހަށް ފުރިހަމަކުރީ ހަތަރު މިނެޓާއި 20 ސިކުންތުންނެވެ. ފަޒީލް ވަނީ 23 އަހަރުވީ ރާއްޖޭގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލުމާ ވެސް ގާތަށް ޖެހިލައިފައެވެ. ސައުތު އޭޝިއަން ގޭމްސް 1993ގައި ދުވެ، އެ ރެކޯޑު ގާއިމްކޮށްފައިވަނީ ހުސައިން ރިޔާޒެވެ. އޭރު އޭނާ އެ ރޭސް ފުރިހަމަކުރީ ހަތަރު މިނެޓާއި 00.06 ސިކުންތުންނެވެ.

ފަޒީލް ދުވި ހީޓްގެ ނުވަ ބައިވެރިންގެ ތެރެއިން އެއްވަނަ ހޯދާފައިވަނީ ތިން މިނެޓާއި 45.11 ސިކުންތުން ރޭސް ފުރިހަމަކުރި ބަހްރޭނުގެ މިކޫ ސަޑިކްއެވެ. އޭނާއާއި ފަޒީލްގެ އިތުރުން ދެން އެ ހީޓުގައި ވާދަކޮށްފައިވަނީ މޮރޮކޯގެ ކާޒޯޒީ ބްރާހިމްއާއި، ޔުގެންޑާ މަޔަންޖާ ސާލިމް އަބޫއާއި، އަލްޖީރިއާގެ މެސައޫދީ އަލީއާއި، ތުރުކީގެ އޮޒްޑެމީރް ރަމަޒާންއާއި، އެފްރިކާގެ ކުޑަ ގައުމެއް ކަމަށްވާ ޖިބޫތީގެ އަބްދީ މައުހީޔަޑިންއާއި އެކުވެރި އަރަބި އިމާރާތުގެ އަލްޒާބީ ސައުދު އަދި މެލޭޝިއާގެ ހަމިޒާން އަހްމަދު ލޫތެވެ.

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގައި ރާއްޖޭގެ އެތުލީޓުން ދަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެ ގޭމްސްގެ 100 އަދި 200 މީޓަރުގެ ފައިނަލުގައި ވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކޮށްފައިވެއެވެ.

comment ކޮމެންޓް