200 މީޓަރު ދުވުމުން ސާއިދަށް 6 ވަނަ

މިދިޔަ އަހަރުގެ ސައުތު އޭސިއަން ގޭމްސްގައި ހަސަން ސާއިދު(މ) ދުވަނީ: ސާއިދު ވަނީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުން ހަ ވަނަ ހޯދާފައި --- ސަން ފައިލް ފޮޓޯ/ އިމޭޖަސް އެމްވީ/ ހުސެން ސިނާން

އަޒަރްބައިޖާންގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަ ވަނަ ހޯދައިފިއެވެ.

ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލުގައި ރޭ ދުވެ، ހަ ވަނަ ހޯދި ސާއިދު ރޭސް ފުރިހަމަކޮށްފައިވަނީ 21.23 ސިކުންތުންނެވެ.

އެ އިވެންޓްގެ އެއްވަނަ ހޯދި ތުރުކީގެ ގުލިއެވް ރަމިލް 20.08 ސިކުންތުން ރޭސް ފުރިހަމަކުރިއިރު، ދެވަނަ ހޯދި ބުރުނާއީގެ ޔަގޫބު ސަލީމް އީދު ރޭސް ފުރިހަމަކުރީ 20.56 ސިކުންތުންނެވެ. ތިންވަނަ ހޯދި ގުޔާނާގެ ޖޯޖް ވިންސްޓަން 20.62 ސިކުންތުން ރޭސް ފުރިހަމަކުރިއިރު، ހަތަރުވަނަ ހޯދި ގެމްބިއާގެ ޖަމާހް އެޑަމާ ރޭސް ފުރިހަމަކުރީ 20.86 ސިކުންތުންނެވެ.

ސާއިދުގެ ކުރިން ފަސްވަނާގައި ނިންމާލި ތުރުކީގެ ސަފަރް އިއްޒަތު ރޭސް ފުރިހަމަކުރީ 21.12 ސިކުންތުންނެވެ. ސާއިދުގެ ފަހަތުން ހަތްވަނާގައި ނިންމާލި ސުރިނާމްގެ ވަނަން ޖެފްރީ 21.25 ސިކުންތުން ރޭސް ފުރިހަމަކުރިއިރު، ފުލުގައި ނިންމާލަން ޖެހުނު އަލްޖީރިއާގެ އަތުމަނީ ސިކަންދަރު ޖަމީލް ރޭސް ފުރިހަމަކުރީ 21.38 ސިކުންތުންނެވެ.

ސާއިދު ވަނީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލް އަދި ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެ އިވެންޓްގެ ފައިނަލުގައި ދުވެ، އޭނާ ރޭސް ނިންމާލީ ހަތަރުވަނާގައެވެ.

ރާއްޖޭގެ 200 މީޓަރު ގައުމީ ރެކޯޑު އޮތީ ވެސް ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑް ގާއިމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއަން ގްރޭޑް ޕްރީގައި ދުވެ، 20.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ އިވެންޓްގެ އިތުރުން 100 މީޓަރު އަދި 400 މީޓަރު ގައުމީ ރެކޯޑު ވެސް އޮތީ ސާއިދު އަތުގައެވެ.

comment ކޮމެންޓް