ޔުވެންޓަސް އިން ވިދިވިދިގެން ތިން ވަނަ ފަހަރަށް ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފި

ކޮޕާ އިޓާލިއާގެ ތައްޓާ އެކު ޔުވެންޓަސް އިން އުފާފާޅުކުރަނީ: ފާއިތުވެދިޔަ ތިން އަހަރު ވެސް އެ މުބާރާތް ކާމިޔާބުކުރީ ޔުވެންޓަސް --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފުގައި ލާޒިއޯ ކޮޅަށް ޖެހި ލަނޑުތަކުން މޮޅުވެ، ޔުވެންޓަސްއިން ކޮޕާ އިޓާލިއާގެ ތަށި ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދައިފި އެވެ.

ކޮޕާ އިޓާލިއާގެ ފައިނަލުގައި ލާޒިއޯގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ކޮޕާ އިޓާލިއާގެ ތައްޓާ އެކު ޔުވެންޓަސްއިން އުފާފާޅުކުރަނީ: ފާއިތުވެދިޔަ ތިން އަހަރު ވެސް އެ މުބާރާތް ކާމިޔާބުކުރީ ޔުވެންޓަސް --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗު ޔުވެންޓަސްއިން ފެށީ ވެސް ވަރުގަދަ ކުޅުމަކާއެކު އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. އެލެކްސް ސެންޑްރޯ ނަގައިދިން ހުރަހަކުން ޔުވެންޓަސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑަނީ އަލްވޭސް އެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. ކޯނަރެއްގެ ތެރެއިން ޔުވެންޓަސް އިން ކާމިޔާބުކުރި އެ ލަނޑު އެޓީމަށް ޖަހައިދިނީ އިޓަލީ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ އެވެ. އެ ލަނޑަކީ ވެސް ސެންޑްރޯގެ ހުރަހަކުން ފެނިގެން ދިޔަ ލަނޑެކެވެ.

ކޮޕާ އިޓާލިއާގެ ފައިނަލުގައި ޔުވެންޓަސްއާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޔުވެންޓަސް އިން ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދެއްކައި ފުރުސަތުތަކެއް ތަނަވަސްކުރި އިރު، ލާޒިއޯއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ލާޒިއޯގެ ޑުސާން ބަސްޓާ އަދި ސިރޯ އިމޯބައިލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

މިސީޒަނުގައި ކޮޕާ އިޓާލިއާގެ އިތުރުން އިޓާލިއަން ސެރީއާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހު ރެއާލްއާ ދެކޮޅަށް ޔުވެންޓަސް ނުކުންނަންޖެހޭ އިރު، ސެރީއާގެ ޗެމްޕިއަންކަން ހޯދަން ޔުވެންޓަސް އިން ބޭނުން ވަނީ އެންމެ މޮޅެކެވެ.

comment ކޮމެންޓް