ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރަން ފެށީ މުސްލިމުންނެވެ.

ޒަމާނީ ފާމަސީގެ ބިންގާ އެޅީ މުސްލިމުން ----

ނޯޓް: މިމަޒުމޫނަކީ ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ ލިޔުއްވައިފައިވާ މަޒުމޫނަކަށް ބައެއް މައުލޫމާތު އިތުރުކޮށްގެން ލިޔެފައިވާ މަޒުމޫނެކެވެ. ޑޮކްޓަރ ނަދުވީއަކީ ޢަލީގަޅުމުސްލިމް ޔުނިވަރސިޓީގެ ތަސްނީފާއި ތައުލީފާ ބެހޭ ޑިޕާރޓްމަންޓުގެ އެހީތެރިޔެކެވެ. އިންޑިޔާގައި ހިނގާ އިސްލާމީ ވަރަށް ގިނަ މުހިންމު ޢިލްމީ ހަރަކާތްތަކެއްގެ މުޢާވިނެކެވެ. ޚާއްޞަކޮށް އިންޑިޔާގެ ޖަމާއަތެ އިސްލާމީގެ ތަޞްނީފާ ބެހޭ އެކެޑެމީގެ ސެކްރެޓަރީއެވެ.

*********

ބަދުރު ހަނގުރާމައެކޭ އެއްފަދައިން އުޙުދު ހަނގުރާމައިގައިވެސް އައްސައްޔިދާ ނުސައިބާ އިސްލާމީ ލަޝްކަރާއެކު ހަނގުރާމައަށް ނިކުމެވަޑައިގެންނެވިއެވެ. އެކަމަނާއާއި އެކަމަނާގެ ފަންވަތުގެ ޞަޙާބިއްޔާތުންގެ މަސައްކަތްޕުޅަކީ މުޖާހިދުންނަށް ފެންދެއްވުމާއި ޞިއްޙީ ފަރުވާދެއްވުމެވެ. މައިދާނަށް ވެރިފައި ހުންނަ ހަތިޔާރުތައް ހޮއްވަވައި މުޖާހިދުންނަށް ރައްދުކޮށްދެއްވުމެވެ.

ނަމަވެސް އުޙުދު ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި މުޖާހިދުންކުރެ ގިނަ ބޭކަލުންތަކެއްގެ ފައިތިލަފުޅުތައް މައިދާނުން ލުހުނެވެ. މުޝްރިކުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަށައިގެން ގޮނިހަދައިލިއެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ނުސައިބާގެ ހިތްޕުޅު އޮބިއޮންނަގޮތެއް ނުވިއެވެ. ގެންގުޅުއްވި ފެންހަން އެއްލައިލެއްވުމަށްފަހު ހެދުންކޮޅުން ދަރެއް ހިއްޕަވައިލެއްވިއެވެ. ކަނޑިކޮޅު ހިއްޕަވައިގެން ކައުސާހިބާގެ އަރިހަށް ވަޑައިގެން އެމާތް ސާހިބާގެ ދިފާއުގައި ހަނގުރާމަކުރައްވަން ފެއްޓެވިއެވެ. އޭރު ނުސައިބާގެ އަތްޕުޅުގައި އައްޑަނަކޮޅެއްވެސް ނެތެވެ. ނަމަވެސް އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދިމާޔަށް އަރައަރައިގެން އަންނަ ދުޝްމިނުންގެ ގަދަފަދަ ފަހުލަވާނުން ފޭކުރައްވަމުން ގެންދެވިއެވެ.

އެވަގުތު ފުރަގަސްދީގެން ހުރި މުސްލިމެއްގެ އަތުގައި އައްޑަނައެއް އޮއްވައި ފެނިވަޑައިގެން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ހަދީޘުކުރެއްވިއެވެ. ކަލޭގެ އައްޑަނަ ހަނގުރާމަކުރާ މީހަކަށް ދޭށެވެ. އޭނާ އައްޑަނަ އެއްލުމުން ނުސައިބާ އެއައްޑަނަ ނަންގަވައިގެން ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. އެގޮތަށް ހަނގުރާމަ ކުރައްވަނިކޮށް އެކަމަނާގެ ދަރިކަލުން ޢަބްދުﷲ ބިންޒައިދުގެ އަތްޕުޅުގައި މުޝްރިކުން ކަނޑީން ޖަހައި ޒަޚަމްކޮށްލުމުން ދަރިކަލުންގެ އަތްޕުޅު ބެންޑޭޖްކޮށްދެއްވިއެވެ.

އައްސައްޔިދާ ނުސައިބާ ރަޟިޔަﷲ ޢަންހާ އެދުވަހުކުރެއްވި ހިތްވަރުފުޅުގަދަ ޖިހާދުގެ ވާހަކަ އިސްލާމީތާރީޚުގައި ވަނީ ރަންއަކުރުން ތާރީފާއެކު ފާހަގަކޮށްފައެވެ. އެވާހަކަތަކުގެ ތެރޭގައި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅުވެސް ވަނީ ފުރޭފުކުރެވިފައެވެ.

"އުޙުދުގެ ދުވަހު އަހުރެން ކަނާތް ފަރާތަށް އެނބުރިލިޔަސް ވާތްފަރާތަށް ބަލައިލިޔަސް ފެންނަނީ އެކަމަނާ ހަނގުރާމަ ކުރައްވާ މަންޒަރެވެ. އެކަމަނާ އެމަސައްކަތްޕުޅު ކުރެއްވީ އަހުރެންގެ ދިފާއުގައެވެ."

އުޙުދު ހަނގުރާމައިގައި އަވަސްފަރުވާދެއްވައި ޒަޚަމީންނަށް ހޭހަންކުރެއްވި ޞަޙާބިއްޔާއިންގެ ފަންވަތުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާޔާ އައްސައްޔިދާ އުއްމު އައިމަން ރަޟިޔަﷲ ޢަންހާ އާއި، އައްސައްޔިދާ އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާވެސް ހިމެނިވަޑައިގެންނެވިއެވެ. އެދެބޭކަނބަލުންވެސް ޒަޚަމީ ޞަޙާބީންނަށް ޞިއްޙީ ފަރުވާ ދެއްވިއެވެ. އެބޭކަނބަލުންގެ ލާމަސީލު ޤާބިލިއްޔަތުގެ ފައިދާ މުސްލިމު މުޖާހިދުންނަށް ދެއްވަމުންގެންދެވިއެވެ.(އަލްއިޞާބާ ފީ ތަމްޔީޒުއްޞަޙާބާ،އިބްނުޙަޖަރު ޢަސްޤަލާނީ : (2730/4

ޚައިބަރު ހަނގުރާމަޔަކީ ޞިއްޙީފަރުވާ ދެއްވާ ޞަޙާބިއްޔާއިން ތަންކޮޅެއްގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވި ހަނގުރާމާއެކެވެ. އައްސައްޔިދާ ކުޢައިބާ ބިންތި ސަޢުދު އަލް އަސްލަމިއްޔާ އެހަނގުރާމައިގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ޚިދުމަތްތަކެއްކުރެއްވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ މަސައްކަތްޕުޅުގެ އަގުވަޒަންކުރެއްވިއެވެ. ޣަނީމާ ބެއްސެވިއިރު އެކަމަނާއަށް ޚާއްޞަ ބައެއްދެއްވިއެވެ. ( އުސުދުލްޣާބާ : 252/7 ،އަލްއިޞާބާ : 2621 ޠަބަޤާތު އިބްނުސައުދު : 212/6)

ޚައިބަރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބިއްޔާތުންގެ ޞިއްޙީ ޚިދުމަތްދެއްވާ ވިލީގައި ހިމެނިވަޑައިގެންނެވި އެއްބޭކަނބަލަކީ އުއްމު ސިނާނު އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެކަމަށް އެދިވަޑައިގެންނެވުމުން އެކަން ޤަބޫލުކުރެއްވިއެވެ. ކައުސާހިބާ ހަދީޘުކުރެއްވިއެވެ. ކަމަނާވެސް ހިންގަވާށެވެ. ކަމަނާގެ ޤަބީލާގެ ބައެއް އެހެނިހެން ބޭބޭކަނބަލުންވެސް ވަނީ ތިޔަ ޚިދުމަތްދެއްވަން އެދިވަޑައިގެންފައެވެ. އަހުރެންވަނީ އެބޭކަނބަލުންނަށް ހުއްދަދީފައެވެ. ކަމަނާ ބޭނުންފުޅުނަމަ އެބޭކަނބަލުންނާއެކުވެސް ހުންނެވިދާނެއެވެ. ނުވަތަ އަހުރެންގެ އަންހެނުން އުއްމުސަލަމަތާއެކުވެސް ހުންނެވިދާނެއެވެ. އުއްމުސިނާނު އެދިވަޑައިގެންނެވީ އުއްމުލްމުއުމިނީން އައްސައްޔިދާ އުއްމުސަލަމަތުގެ ވިލީގައި ހުންނެވުމަށެވެ. އެހެންކަމުން އިތުރުސާހިބާ އެކަމަނާއަށް އެފުރުސަތުދެއްވިއެވެ. ( ޠަބަޤާތު އިބްނުސަޢުދު : 213/6 ، އަލްއިޞާބާ: 2707/4)

އައްސައްޔިދާ އުމައިމާ (ނުވަތަ އުމައްޔާ ނުވަތަ އަމީނާ ) ބިންތި ޤައިސު އަލްޣިފާރިއްޔާ ރަޟިޔަﷲ ޢަންހާ އަކީވެސް ޚައިބަރު ހަނގުރާމާއިގައި ބައިވެރިވެވަޑައިގެންނެވި ހޭހަނީންގެ ވިލީގައި ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެދުވަސްވަރު އެކަމަނާއަކީ ވަރަށް ޅަފުޅުބޭކަނބަލެކެވެ. ބާލީޣުވެވަޑައެއްވެސް ނުގަންނަވައެވެ. އެކަމަނާގެ ޤަބީލާގެ އަންހެންވިއްޔަކާއެކު ވަޑައިގެން ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދަ އެދިވަޑައިގެންނެވިއެވެ. ޒަޚަމީ ޞަޙާބީންނަށް ފަރުވާކުރެއްވުމުގެ މަޤްސަދުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށްވެސް ހުއްދަ ދެއްވިއެވެ. ( ޠަބަޤާތު އިބްނުސަޢުދު : 213/6 ، އުސުދުލްޣާބާ: 31/7)

މިއީ 12 ވަނަ ޤަރުނުގައި، ނިއުޓްރިޝަނާއި ބެހޭގޮތުން މުސްލިމް ބޭސްވެރިޔަކު ލިޔުއްވި ފޮތެއްގެ ސަފްހާއެކެވެ.

2. ޢާއްމުބަލިތަކަށް ފަރުވާދެއްވުން.

ބައެއް ޞަޙާބިއްޔާއިންނާ ބެހޭގޮތުން ޞަރީޙުކޮށް މަޢުލޫމާތު ލިބިފައިވާގޮތުގައި ހަނގުރާމައިގެ މައިދާނުގައި ނޫނަސް އެބޭކަނބަލުން ބޭސްފަރުވާކުރައްވައި އުޅުއްވިއެވެ. އެބޭކަނބަލުންގެ އަރިހުން ޞަޙާބީން ފަރުވާހޯއްދަވަމުން ގެންދެވިއެވެ.

މިގޮތުން ޚިދުމަތްކުރެއްވި އެންމެ މަޝްހޫރު ބޭކަނބަލަކީ އަސްލަމްވަންހައިގެ ރުފައިދާ ރަޟިޔަﷲ ޢަންހާއެވެ. އިބްނު އިސްޙާޤު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. އަޙްޒާބު ހަނގުރާމައިގެ ތެރޭގައި ސަޢުދުބުނު މުޢާޛު ރަޟިޔަﷲ ޢަންހުގެ އަތްޕުޅުގެ ލޭހޮޅިފުޅަކަށް ތީރެއް އަމާޒުވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ އަތްޕުޅުން ލޭފޮދު މަނައެއް ނުވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީންނަށް އަމުރުކުރެއްވިއެވެ.

"އެކަލޭގެފާނު ރުފައިދާގެ ފޭލިގެކޮޅަށް (ކްލިނިކް / ހޮސްޕިޓަލް ) ގެންދާށެވެ. އަހުރެންނަށް އެކަލޭގެފާނުގެ ޙާލުކޮޅު ޙާއްސަގޮތެއްގައި ބަލަން ފަސޭހަވާނީ އޭރުންނެވެ." (ސީރަތު އިބްނު ހިޝާމު : 58/3)

މިލިޔުއްވުމުން އެނގޭގޮތުގައި ޒަޚަމީންނަށް ފަރުވާދެއްވުމަށާއި ، ޢާއްމު ބަލިތަކަށް ފަރުވާދެއްވަން އަލްމަސްޖިދުއްނަބަވީގައި ވަނީ ފޭލިގެއެއް (ކްލިނިކެއް / ހޮސްޕިޓަލެއް ) ޤާއިމުކުރައްވާފައެވެ. އެކްލިނިކްގެ ޒިންމާދާރުވެރިޔަކީ އައްސައްޔިދާ ރުފައިދާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާއާ ބެހޭގޮތުން ސީރަތު ޢިލްމުގެ އެދުރުން ވިދާޅުވެފައިވާ ގޮތުގައި އެކަމަނާއަކީ ކަނޑިފާރުބޭހުގެ ވަރަށް ކުޅަދާނަ މާހިރާއެކެވެ. އެކަމަނާ ބަލިމީހުންނަށް ބޭސްފަރުވާކޮށްދެއްވީ ހިލޭސާބަހަށެވެ.

އެކަމަނާއާ ބެހޭގޮތުން ޞަރީޙު އިބާރާތުން ސީރަތުގައި ބަޔާން ކުރެވިފައިވެއެވެ.

"އެކަމަނާއަކީ ކަނޑިފާރު ބޭސްވެރިޔެކެވެ. އެކަމަނާ ޒަޚަމީންނަށް ފަރުވާދެއްވައި އުޅުއްވީ މުސްލިމުންގެ ވޭންތައް ލުއިކޮށްދެއްވައި ހޭހަންކޮށްދެއްވުމުގެ ގޮތުންނެވެ. އެއްވެސް އަގަކާނުލައެވެ. ހަމައެކަނި ﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބު އެދިވަޑައިގެންނެވެ." (ސީރަތު އިބްނު ހިޝާމް : 258/3 ، އަލްއިޞާބާ : 2505/4، އުސުދުލްޣާބާ:10/7)

މިފަދަ އަނެއްބޭކަނބަލަކީ އައްސައްޔިދާ ކުޢައިބާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާއާއި ބެހޭގޮތުން މުއައްރިޚުން ލިޔުއްވައިފައިވެއެވެ.

" އެކަމަނާ ފަރުވާކުރައްވައި އުޅުއްވީ ހަމައެކަނި ޒަޚަމީންނަކަށެއް ނޫނެވެ. ޢާންމު ޙާލަތުގައި އެކަމަނާ ޢާއްމު ބަލިތަކަށްވެސް ބޭސްކުރައްވައި އުޅުއްވިއެވެ." (އަލްމަރްއަތުލް ޢަރަބިއްޔާ ފީ ޖާހިލިއްޔަތިހާ ވަ އިސްލާމިހާ ޢަބްދުﷲ އަލްޢަފީފީ :39/2 ގެ ޙާޝިޔާ)

އަޙްޒާބު ހަނގުރާމަޔަށް ފަހުގައިވެސް މަސްޖިދުއްނަބަވީގައި ކުޢައިބާގެ ކްލިނިކް ހިންގަވަމުންގެންދެވިކަން އެނގެއެވެ. އެކަމަނާ ޒަޚަމީންނަށާއި، ޢާއްމު ބަލިމީހުންނަށްވެސް ފަރުވާކުރެއްވިއެވެ. ސަޢުދުބުނު މުޢާޛު ރަޟިޔަﷲ ޢަންހުއަށް ފަރުވާދެއްވި ޓީމުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. (ޠަބަޤާތު އިބްނު ސައުދު:212/6 ، އަލްއިޞާބާ2621/4 )

އިބްނު ސީނާގެ މަޝްހޫރު އަލް ޤާނޫނުގެ ފޮޓޯއެއް..

3. ސިއްޙީ މައުލޫމާތު ހޯއްދެވުމާއި ފެތުރުއްވުން

އެދުވަސްވަރު ޢަރަބި އަންހެނުންގެ ވަރަށްގިނަ ބަޔަކަށް ބޭސްވެރިކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ. އެމަޢުލޫމާތުގެ އަލީގައި އެކިވަރުގެ އެކިކަހަލަ ބަލިބައްޔަށް އެމީހުން ފަރުވާކުރަމުންގެންދިޔައެވެ. އެމަޢުލޫމާތުގެ ފެންވަރަކީ ރާއްޖޭގައި ޑޮކްޓަރީ ބޭސްވެރިކަން ފެށުމުގެ ކުރީން ޢާއްމުކޮށް ބަލިމީހުންނަށް ބޭސްކުރައްވައި އުޅުއްވި ދިވެހި ބޭސްވެރިންގެ ފެންވަރުކަމުގައި ދެންނެވިދާނެއެވެ. އެދުވަސްވަރު މުޅިދުނިޔޭގައިވެސް ބޭސްވެރިކަން އޮތީ އެފަންނުގެ ފިރުކުމުގެ މަރްހަލާގައެވެ. އެހެންކަމުން އެދުވަސްވަރަށް އެމަޢުލޫމާތުތަކަކީވެސް ވަރަށް މުހިންމު މަޢުލޫމާތުތަކެއްކަމުގައި ދަންނަވާންޖެހެއެވެ.

ޢުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދިޤާ ރަޟިޔަﷲ ޢަންހާ އަކީ ތަފާތު އެތަކެއް ޢިލްމުތަކެއްގެ އެދުރުބޭކަނބަލެކެވެ. އެޢިލްމުތަކުގެތެރޭގައި ކީރިތިޤުރުއާނާއި، ވާރުތަ މުދަލުގެ ހުކުމްތަކާއި، ޙަރާމް ޙާލާލް (ނުވަތަ ފިޤުހާއި) ޅެންވެރިކަމާއި، ޢަރަބީންގެ ތާރީޚާއި، ނަސަބުގެ ޢިލްމާއި، ބޭސްވެރިކަންފަދަ އެތައް ޢިލްމުތަކެއް ހިމެނެއެވެ.

އުއްމުލް މުއުމިނީނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢުރުވަތު ބުނުއް ޒުބައިރު ރަޙިމަހުﷲ އެއްދުވަހަކު އެކަމަނާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ ! " ލޯބިވާ މަންމާފުޅާއެވެ! ކަމަނާގެ ހިތްޕުޅުއަލިކަމާއި، ވިސްނުންފުޅު ތޫނުކަމާމެދު އަޅުގަނޑު އަޖާއިބެއްނުވަމެވެ. މަންމަފުޅަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙުރުމަތްތެރި އަނބިކަނބަލުންނެވެ. އަބޫބަކުރުގެފާނުގެ ލޮބުވެތި ދަރިކަނބަލުންނެވެ. މިހުރިހާ ޢިލްމުތަކެއްގެ އެންމެ ކުޅަދާނަފުޅު އެއް މާހިރަކީ އަބޫބަކުރުގެފާނެވެ. އަޅުގަނޑު ހައިރާންވަނީ ބޭސްވެރިކަމުގެ މަޢުލޫމާތު މަންމަޔަށް ލިބިވަޑައިގެންފައިވާ ތަނަވަސްކަމާމެދުގައެވެ. މަންމާފުޅު ބޭސްވެރިކަން ދަސްކުރެއްވީ ކިހިނަކުންތޯއެވެ؟"

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ޢުރުވަތުގެ ކޮނޑުފުޅުގައި އަތްޕުޅުން ޖައްސަވައިލައްވައި ވިދާޅުވިއެވެ. " ދަރިފުޅާއެވެ. ކައުސާހިބާ ޞައްލަﷲ އެކަލޭގެފާނުގެ އަރިހަށް އަންނަ ވަފުދުތަކާ ދައްކަވާ ވާހަކަފުޅު މަންމަ ވަރަށް ސަމާލުކަންދީގެން ކަނުލައި އަޑުއަހަމެވެ. އެވަފުދުތަކުގެ މެމްބަރުން ބޭސްވެރިކަމާ ބެހޭގޮތުން ދެއްވާ މައުލޫމާތުތައް މަންމަގެ ހިތުގައި ޚަޒާނާކޮށްރައްކާކުރަމެވެ. (މަސްނަދު އަޙްމަދު :67/6 )

އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ އަންޙާއަކީ ޙަބަޝާގެ މުހާޖިރާއެކެވެ. އެކަމަނާ ޙަބަޝާގައި އިންނެވިއިރު ތަފާތު ފަންނުތަކުން ތަޖްރިބާއާއި މަޢުލޫމާތު ހޯއްދެވިއެވެ. އޭގެތެރޭގައި ބޭސްވެރިކަންވެސް ހިމެނެއެވެ. އެކަމަނާ އެމަޢުލޫމާތުގެ ބޭނުން ހިއްޕެވިއެވެ. މީހުންނަށް އެކިބަލިބަލީގެ ބޭސްތައް ވިދާޅުވެދެއްވައި އެހީތެރިވެވަޑައިގެންނެވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅުގައި އުޅުއްވިއިރު އެކަމަނާ އިތުރުސާހިބާއަށް ބޭސްކޮޅު ހައްދަވަން މަސައްކަތްޕުޅުކުރެއްވިއެވެ. (ޒާދުލްމަޢާދު : 4 )

މިއީ ބޭސްވެރިކަމުގެ ގަސްގަހާގެއްސާ ބެހޭ ފޮތެއްކަމަށްވާ ކިތާބް އަލް ދިރްޔާޤްގެ ސަފްހާއެކެވެ. ލިޔެވުނީ 13 ވަނަ ޤަރުނުގައި---

އައްސައްޔިދާ ޝައްފާޢު ބިންތި ޢަބްދުﷲ ރަޟިޔަﷲ ޢަންހާއަކީވެސް ތަފާތު ބަލިބަލީގެ ފަރުވާތައް މީހުންނަށް އުގަންނައިދެއްވި ބޭކަނބަލެކެވެ. އޭގެތެރޭގައި ނަމްލާއަށް ( ހަމުގެ ބައްޔެއް) ފަންޑިތަ ހެއްދެވުންވެސް ހިމެނެއެވެ. އެކަމަނާއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފުޞާ ބިންތި ޢުމަރު ރަޟިޔަﷲ ޢަންހާގެ ތިމާގެފުޅު ދައިތާފުޅެކެވެ. އައްސައްޔިދާ ޙަފުޞާއަށް ލިޔުއްވަން ދަސްކޮށްދެއްވީ އެކަމަނާއެވެ. އެކަމަނާ އެއްދުވަހަކު ޙަފުޞާގެ އަރިހަށް ވަޑައިގެންނެވުމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް ހަދީޘުކުރެއްވިއެވެ.

"ކަމަނާ ޙަފުސާއަށް ލިޔުއްވަން ދަސްކޮށްދެއްވިފަދައިން ނަމްލާގެ ފަންޑިތަ (ރުޤްޔާ)ވެސް ދަސްކޮށްދެއްވާށެވެ." (އަބޫދާއުދު،ކިތާބުއްޠިއްބި ބާބުއްރުޤިއްޔި: 3887)

ވާހަކަތަކުގެ ޚުލާސާއެއްގެ ގޮތުން ދަންނަވައިލަމެވެ.

  1. ނަރުހުންގެ ޚިދުމަތާއި ހަނގުރާމައިގެ މައިދާނުގައި ހޭހަނީންގެ އަވަސް ފަރުވާ (ފަސްޓް އެއިޑު)ގެ ޚިދުމަތަށް ވިލިތަކެއް އުފައްދައި އެޚިދުމަތްދޭން ފެށީ މުސްލިމުންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި އެމާތްސާހިބާގެ ބެއްލެވުމުގެ ދަށުންންނެވެ. އެޚިދުމަތް ދެއްވީ އެކަލޭގެފާނުގެ ދަރަޖަމަތިވެރި ޞާޙާބިއްޔާއިންނެވެ. މިއީ އިންކާރު ނުކުރެވޭ ވަރަށް ތާރީޚުން ސާބިތުވާ ހަޤީޤަތެކެވެ.
  2. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބޭސްފަރުވާ ކުރުމަށާއި، ބޭސްފަރުވާ ދަސްކުރުމަށް ބާރު އަޅުއްވައިފައެވެ. އެކަމަށް އަމުރުކުރައްވައިފައެވެ.
  3. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ޞިއްޙީފަރުވާދޭ ކްލިނިކުތަކުގެ ބިންގާ އަޅުއްވައިފައެވެ. އައްސައްޔިދާ ރުފައިދާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާއަށާއި، އައްސައްޔިދާ ކުޢައިބާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާއާ ދެބޭކަނބަލުންނަށް އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ދެކްލިނިކް ހައްދަވައިދެއްވައި (ދެފޭލިގެ ޖައްސަވައި ދެއްވައި) ފައެވެ.
  4. އަންހެނުންގެ މިނިވަންކަމުގެ ތާރީޚުން އެނގޭގޮތުގައި ހުޅަނގުގައި އަންހެހުންނަކަށް މަތީ ތަޢުލީމުގެ ދޮރުހުޅުވުނީ ނަވާރަވަނަ ސައްތައިގެ ފަހުކޮޅުގައްޔާއި ވިހިވަނަ ސައްތައިގެ ކުރީކޮޅުގައެވެ. އޭގެ ކުރީން ހުޅަނގުގެ އަންހެނުންނަށް އެފުރުޞަތެއް ނެތެވެ. ނަމަވެސް އިސްލާމްދީން މީގެ ސާދަސަތޭކަ އަހަރުކުރިން ވަނީ ޢިލްމު އުނގެނުމަކީ ވާޖިބެއްކަމުގައި ކަނޑައަޅައިފައެވެ. އަންހެނުންނާއި، ފިރިހެނުންގެ ތަފާތުކުރެމެއް ނެތިއެވެ. ޚާއްސަކޮށް އުންމަތް އެކަމަށް ބޭނުންވާ ހިނދު ބޭސްވެރިކަންފަދަ ފައިދާހުރި ޢިލްމުތައް އުނގެނުމަކީ ކިފާޔަތުގެ ފަރުޟެއްކަމުގައި ކަނޑައަޅައިފައެވެ. އެހެންކަމުން ބޭސްވެރިކަމުގެ ތާރީޚުގައި މުސްލިމު ކަނބަލުންގެ ދައުރަކީ ވަންހަނާކުރެވޭ ވަރަށްވުރެ ފާޅުކަންބޮޑު ރަން ދައުރެކެވެ.

(ނިމުނީ)

comment ކޮމެންޓް