ސެލްޓާ އަތުން ހޯދި މޮޅާއެކު، ލީގު ހޯދުމަށް ރެއާލަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރެއާލާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ސެލްޓާ ވިގޯ އަތުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. ރޭގެ އެ މޮޅާއެކު ލަލީގާ ކާމިޔާބުކުރުމަށް ފަހު މެޗުން ރެއާލަށް ބޭނުންވާނީ އެންމެ ޕޮއިންޓެވެ. ލަލީގާގެ އެއްވަނައަށް ޖެހިލި ރެއާލާއި ދެވަނާގައި އޮތް ބާސެލޯނާއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.

ސްޕެނިޝް ލަލީގާގައި ރެއާލާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ވެސް ރެއާލުންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އިސްކޯ ދިން ބޯޅައަކުން ރެއާލަށް ލީޑު ހޯދައިދިނީ ރޮނާލްޑޯއެވެ. އޭނާއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ވަރަށް ރީތިކޮށް ސެލްޓާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްފަހުން ރޮނާލްޑޯ ވަނީ ކައުންޓާ އެޓޭކެއްގައި ރެއާލަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްދީފައެވެ. އެ ލަނޑު ވެސް ރޮނާލްޑޯ ކާމިޔާބުކުރީ ސްޕެއިން މިޑްފީލްޑަރު އިސްކޯ ދިން ބޯޅައަކުންނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ސެލްޓާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއެކު އެޓީމުގެ އިއާގޯ އަސްޕާސްއަށް ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނަމަވެސް، މެޗުގެ 69 ވަނަ މިނެޓުގައި ސެލްޓާއިން ލަނޑެއް ކާމިޔާބުކުރިއެވެ. އެ ލަނޑު ސެލްޓާއަށް ކާމިޔާބުކޮށްދިނީ ޖޯން ގުއިޑެއްޓީއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ސެލްޓާއިން ލަނޑުޖެހިތާ މިނެޓެއް ފަހުން ރެއާލުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. ރެއާލްގެ އެ ލަނޑަށްފަހު މެޗުގެ 75 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ހެޓްރިކް ފުރިހަމަކުރުމަށް ހުސް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. ބެންޒެމާ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ.

comment ކޮމެންޓް