ޖަރުމަނުގެ ކޮންފެޑަރޭޝަންސް ކަޕް ސްކޮޑުގައި ކްރޫސް، މުލާ އަދި އޮޒިލް ނުހިމެނޭ

ކޮންފެޑަރޭޝަންސް ކަޕަށް ނެގި ޖަރުމަންގެ ސްކޮޑުގައި ނުހިމެނޭ ކްރޫސް(ކ)، އޮޒިލް(މ) އަދި މުލާ(ވ) ---

ޓޯނީ ކްރޫސްއާއި، ތޯމަސް މުލާ އަދި މެސުޓް އޮޒިލް ނުހިމަނައި އަންނަ މަހު ރަޝިޔާގައި ބާއްވާ ކޮންފެޑަރޭޝަންސް ކަޕްގައި ޖަރުމަނުން ވާދަކުރާ ގައުމީ ސްކޮޑު އިއުލާންކޮށްފި އެވެ.

ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ، އެ މުބާރާތަށް ނެގި ސްކޮޑުގައި މުހިންމު ގިނަ ކުޅުންތެރިން ހިމަނާފައިނުވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އަންނަ ސީޒަނަށް އެ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.

ކްރޫސް، އޮޒިލް އަދި މުލާގެ އިތުރުން ޖަރުމަނުގެ ސްކޮޑުން ޖާގަ ނުދިން މުހިންމު ކުޅުންތެރިންގެ ތެރޭގައި ޖެރޯމް ބޯޓެންގާއި މާރިއޯ ގޮމޭސްއާއި މެޓްސް ހުމުލްސްއާއި ސެމީ ކެޑީރާ ވެސް ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ފާއިތުވެ ދިޔަ ސީޒަނުތަކުގައި އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު މާކޯ ރޮއިސް ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.

ޖަރުމަނުގެ ޓީމުން އާންމުކޮށް ފެންނަ މޫނުތަކެއް ވެސް އަނިޔާއާ ކުރިމަތިލަމުންދާތީ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ބެނެޑިކްޓް ހޮވޭޑޭސްއާއި، މާރިއޯ ގޮޓްޒޭއާއި، ގޯލްކީޕަރު މެނުއެލް ނޯޔާ އަދި ޖޫލިއަން ވޭލް ހިމެނެ އެވެ.

މުބާރާތަށް ކޯޗު ލޯ ނެގި ޖަރުމަންގެ 23 ކުޅުންތެރިންގެ ސްކޮޑުން ވަނީ މުޅިން އަލަށް ހަތް ކުޅުންތެރިޔަކަށް ފުރުސަތުދީފަ އެވެ. އެ ކުޅުންތެރިންނަކީ ކެވިން ޓްރެޕް، މާވިން ޕްލެޓެންހާޓް، ކެރެމް ޑެމިރްބޭ، ޑިއޭގޯ ޑެއްމޭ، ލާސް ސްޓިންޑެލް، ސެންޑްރޯ ވެގްނާ އަދި އަމިން ޔޫނުސްއެވެ. ސްކޮޑުގައި ހިމެނޭ ނިކްލަސް ސުލޭއާއި ބެންޖަމިން ހެންރިކްސް އަދި ޓިމޯ ވާނާއަކީ ޖަރުމަން ޓީމުގައި ކުރިން އެންމެ ފަހަރަކު ހިމެނުނު ކުޅުންތެރިންނެވެ.

ވޯލްޑް ކަޕް 2014 ކާމިޔާބުކުރި ޖަރުމަނުގެ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކޮންފެޑަރޭޝަންސް ކަޕުން ޖާގަ ދިނީ އެންމެ ތިން ކުޅުންތެރިންނަށެވެ. އެއީ މެތިއަސް ގިންޓާއާއި، ޝްކޮޑްރާން މުސްތާފީ އަދި ޖޫލިއަން ޑްރެކްސްލާ އެވެ.

އަންނަ މަހުގެ 17 އިން ފެށިގެން ޖުލައި 2ގެ ނިޔަލަށް ކުރިއަށްދާ ކޮންފެޑަރޭޝަންސް ކަޕްގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ހިމެނެނީ ކެމަރޫން އާއި ޗިލީ އަދި އޮސްޓްރޭލިއާއާއެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާ އާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި މެކްސިކޯ އަދި ނިއު ޒިލޭންޑެވެ.

ޖަރުމަންގެ ކޮންފެޑަރޭޝަންސް ކަޕް ސްކޮޑު:

ގޯލްކީޕަރުން- ބާންޑް ލެނޯ، މާކް-އަންދްރޭ ޓާ ސްޓެގެން، ކެވިން ޓްރެޕް.

ޑިފެންޑަރުން- މެތިއަސް ގިންޓާ، ޖޯނަސް ހެކްޓާ، ބެންޖަމިން ހެންރިކްސް، ހޯޝުއާ ކިމިޗް، ޝްކޮޑްރާން މުސްތާފީ، މާވިން ޕްލެޓެންހާޓް، އެންޓޯނިއޯ ރުޑިގާ، ނިކްލަސް ސުލޭ.

މިޑްފީލްޑަރުން އަދި ފޯވާޑުން: ޖޫލިއަން ބްރޭންޓް، އެމްރީ ޗޭން، ކެރެމް ޑެމިރްބޭ، ޑިއޭގޯ ޑެއްމޭ، ޖޫލިއަން ޑްރެކްސްލާ، ލިއޯން ގޮރެޓްޒްކާ، ސެބަސްޓިއަން ރޫޑީ، ލެރޯއީ ސާނޭ، ލާސް ސްޓިންޑެލް، ސެންޑްރޯ ވެގްނާ، ޓިމޯ ވާނާ، އަމިން ޔޫނުސް.

comment ކޮމެންޓް