ދައުލަތަށް ދައްކަންޖެހޭ ލޯ ލާރިއެއް އޮތްނަމަ ގާނޫނު އެމީހެއްގެ ކައިރިއަށްދާނެ: ހަލީލް

ސަރުކާރު ހިންގާ ކޯލިޝަނުގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަމްބަރު އަބްދުﷲ ހަލީލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ

ހައްގުތައް ނުލިބެޔޭ ބުނިނަމަވެސް، ދައުލަތަށް ދައްކަންޖެހޭ ލޯ ލާރިއެއް އޮތްނަމަ ގާނޫނު އެމީހެއްގެ ކައިރިއަށްދާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކޯލިޝަން އިން އެމްޑީއޭގެ ޖަގަހައިގާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޚަލީލް ވަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް ކަމަށެވެ. އެހެންކަމަށްވާނަމަ ގާނޫނު އެމީހަކާ ފައިހަމަ ކުރުމަށްފަހު އެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ދައުލަތަށް ދައްކަންޖެހޭ އެންމެ ލޯ ލާރިއެއް އޮތްނަމަވެސް، އެ ލޯ ލާރީގެ ހައްގު ކޮންމެ މީހަކަށްވެސް އެބައޮތް. އެ ނުދައްކާނަމަ ދައުލަތުގެ ފަރާތުން އެމީހެއްގެ ފަރާތުން ދާނެ. އެ ދައުލަތު ދަނީއެއް ނޫން. އެއީ ގާނޫނު އެމީހެއްގެ ފަހަތުން،" ހަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

މި ސަރުކާރުން ހައްގުތައް ނިގުޅައިގަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، އެންމެ ގިނައިން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތް ސަރުކާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތަފްސީލު ދެއްވަމުން ޚަލީލް ވިދާޅުވީ ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އެއްވެސް ރަށެއްގެ މިސްކިތެއް ވެސް ދައުލަތުގެ އިމާރާތެއް ވެސް އާބާތުރަ ފިލުވާފަ ނެތް ކަމަށާއި "ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ޑަކްޓަރުންނާއި ނަރުހުން ވެސް ނެތް" ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ގައުމުގެ އަމާންކަން ނެތިގޮސް، ބިރުވެރިކަން އުފެދިގެން ދިޔަ ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން އަނބުރާ ގެނެސްދީފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ސިޔާސީ ކަންތައްތަކެއް ކުރުމުގެ ނަމުގައި" ފުލުހުންނާ ދެކޮޅަށް ޕެޓިޝަން ހަދައިގެން ފުލުހުންނާ ދިމާކުރާކަށް ވެސް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް