ރިޔާޒުގެ އިތުރު މައްސަލައެއް ލިބިފައި ނެތް: ޕީޖީ އޮފީސް

އަބްދުﷲ ރިޔާޒް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ އުފުލި މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަ ނޫން އެހެން މައްސަލައެއް ފޮނުވާފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، ފުލުހުން ރިޔާޒުގެ އިތުރު މައްސަލަތަކެއް ޕީޖީއަށް ފޮނުވާފައިވާކަން އޭނާ އަށް އެންގި ނަމަވެސް ރިޔާޒުގެ އިތުރު މައްސަލައެއް އެ އޮފީހުގައި ނެތް ކަމަށެވެ.

ރިޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ރިޔާޒުގެ އިތުރު ދެ މައްސަލައެއް ފުލުހުން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ރިޔާޒަށް ދީފައިވާ ކުށުގެ ރިކޯޑު ފޯމް ބުނާ ގޮތުން ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ދެ މައްސަލައަކީވެސް ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ ފިތުނަ އުފެދޭ ވާހަކަ ދެއްކުމުގެ ދެ މައްސަލަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް މިވަގުތު ވިދާޅުވެވެން ނެތް ކަމަށެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާގެ އަޑުއެހުންތައް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ނިންމާލާފަ އެވެ.

އެ މައްސަލައިގެ ހުކުމް ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފައެވެ.

އަޑުއެހުންތައް ނިންމާލާފައިވާއިރު، މިއަދު ރިޔާޒު ވަނީ އިތުރު ފުރުސަތުގެ ދަށުން މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިވަޑައިގެން ފޯމު ހުށަހަޅައިފައެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އިތުރު ފުރުސަތަށް އެދި ފޯމު ހުށަހެޅުއްވިކަން ޕީޖީން ވަކީލަށް އަންގާފައި ނުވާ ކަމަށެވެ.

ރިޔާޒު އިތުރު ފުރުސަތަށް އެދިވަޑައިގެންކަން ކަށަވަރު ކުރުމަށްފަހު އެކަން ދެ ދުވަސް ތެރޭގައި ލިޔުމަކުން އެންގުމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލަށް އަންގައިފައެވެ.

comment ކޮމެންޓް