އަޔެކްސް އަތުން ބަލިވެއްޖެ ނަމަ މެންޔޫއަށް 21 މިލިއަން ޕައުންޑުގެ ގެއްލުމެއް!

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ: ޔޫރޮޕާ ލީގު ފައިނަލްގައި އަޔެކްސް އަތުން އެޓީމު މޮޅު ނުވެއްޖެ ނަމަ 21 މިލިއަން ޕައުންޑުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ --

އަންނަ ހަފްތާގައި ކުޅޭ ޔުއެފާ ޔޫރޮޕާ ލީގު ފައިނަލްގައި އަޔެކްސް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ ނަމަ، ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުގެ އިތުރުން އެޓީމަށް 25 މިލިއަން ޕައުންޑުގެ ބޮޑު ގެއްލުމެއް ލިބޭނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ހަވަނައިގައި މިވަގުތު އޮތް މެންޔޫ، އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 ލަނޑުން ބަލިވުމުން، އެޓީމަށް މިހާރު ވަނީ ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ. އެގޮތުން މިހާރު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ޔޫރޮޕާ ލީގު ކާމިޔާބުކުރުމެވެ.

ސްޓޮކްހޯމްގައި މޭ 24 ވަނަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުފައިނަލް މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ، ހޯޒޭ މޮރީނިއޯގެ ޓީމަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލި، ސްޕޮންސަރޝިޕް ފައިސާއިން ޔުނައިޓެޑަށް ލިބެން އޮތް 25 މިލިއަން ޕައުންޑު އެ ކްލަބަށް ނުލިބޭނެއެވެ.

ޔުނައިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރ، ކްލިފް ބެޓީ ވަނީ، ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައި ނުވެއްޖެ ނަމަ، އެޑިޑާސްއާއެކު އެ ކްލަބުން ހަދާފައިވާ، ކިޓް އެއްބަސްވުމުގެ ދަށުން އަހަރަކު ލިބެންޖެހޭ 70 މިލިއަން ޕައުންޑުގެ އާމްދަނީގެ 30 އިންސައްތަ ފައިސާ ނުލިބޭނޭ ކަމަށެވެ.

"އެއީ ކުރިއަށް އޮތް އަހަރުގެ އާމްދަނީން %30ގެ އުނިވުމެއް،" ޔުނައިޓެޑްގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އެ ކްލަބުގެ އިންވެސްޓަރުންނާ ހިއްސާކުރަމުން ބެޓީ ވިދާޅުވިއެވެ.

"ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމަ، އެޑިޑާސްއިން 70 މިލިއަން ޕައުންޑުގެ އާމްދަނީއެއް ލިބޭ، އެ ނޫންނަމަ އޭގެ %30 މަދުވާނެ. މާނައަކީ 21 މިލިއަން ޕައުންޑުގެ ގެއްލުމެއް.

"ވިސްނަން ޖެހޭ ކަމަކީ، ކޮންޓްރެކްޓްގެ ބާކީ އޮތް ބަޔަށް މީގެ އަސަރުކުރާނޭކަން."

comment ކޮމެންޓް