އަސްކަރީ އެއްބާރުލުން ދޭން ޕާކިސްތާނާއި ރާއްޖެއިން ތިން ވަނަ ފަހަރަށް މަޝްވަރާކޮށްފި

ޕާކިސަތާންގެ އަސްކަރިއްޔާއިން އެމްއެންޑީއެފް އާ އެކު ބޭއްވި ބައްދަލުކުރެއްވުނުގެ ރެރެއިން--ފޮޓޯ/އެމްއެންޑީއެފް

އަސްކަރީ އެއްބާރުލުން ދޭން ޕާކިސްތާނާއި ރާއްޖެއިން ތިން ވަނަ ފަހަރަށް މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

އިއްޔަ ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާގެ ވަފުދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ޑައިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިހާރު އަހުމަދު ވައީން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ސަޓާފް ޓޯކްސްއަކީ ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ޕާކިސްތާން އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން އެމްއެންޑީއެފް ގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑއިގެންފައެވެ.

ޕާކިސްތާން އަސްކަރިއްޔާގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ އިސް ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދު ފަށާފައިވާ ޑިފެންސް ސްޓާފް ޓޯކްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. އަދި ދެވަނަ ޑިފެންސް ސްޓާފް ޓޯކްސް މިދިޔަ އަހަރު ބާއްވާފައިވަނީ ޕާކިސްތާނުގައެވެ.

comment ކޮމެންޓް