ގަދަ ހަތަރަކަށް ވުރެ އަހަންނަށް މުހިއްމީ ޓްރޮފީ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ (މ) ގަބޫލުކުރާ ގޮތުގައި ގަދަ ހަތަރަކަށް އެރުމަށް ވުރެ މުހިއްމީ ޓްރޮފީއެއް ހޯދުން -- ފޮޓޯ: އޭޕީ

ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށްވުރެ މުހިއްމީ، ޓްރޮފީއެއް އަތުގައި ޖެއްސުންކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 ލަނޑުން ބަލިވި މެޗަށްފަހު، އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ރަށްދުވާގޮތަށް ވައްބަހުން ފާޑުކިޔަމުން މޮރީނިއޯ ބުނީ، ބައެއް ކްލަބްތަކަށް ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އޭނާއަށް އަބަދު ވެސް މުހިއްމުވަނީ، ޓްރޮފީއެއް ލިބެން އޮތްގޮތަކުން އެ ހޯދުންކަމަށް މެންޔޫގެ ކޯޗު ބުންޏެވެ.

"އަހަންނަކަށް ނޭނގެ އެހެން ކްލަބުތަކުގެ ގޮތެއް، އެމީހުން ވިސްނާގޮތެއް، އަދި އެމީހުންނަށް މުހިއްމުވަނީ ކޮންކަމެއްކަންވެސް. އަހަރެމެން މެންޗެސްޓަރ ޔުނައިޓެޑަށް ގަދަ ހަތަރެއްގައި ނިންމާލުމަށް ވުރެ މުހިއްމީ ޓައިޓްލް ހޯދުން،" ޔުއެފާ ޔޫރޮޕާ ލީގުގެ ޓްރޮފީއަށް އަމާޒު ހިފާފައިވާ ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

މޮރީނިއޯ ގަބޫލުކުރާ ގޮތުގައި، ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވިއްޖެ ނަމަ، ދެންވެސް ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން އޭނާ ބޭނުންވަނީ ޓްރޮފީއަކާ އެކުއެވެ. އެގޮތުން ޔުނައިޓެޑަށް މިވަގުތު އެންމެ މުހިއްމީ، ޔޫރޮޕާ ލީގު ކާމިޔާބުކުރުންކަމަށް އޭނާ ބުނެއެވެ.

"އަހަރެމެންނަށް ތިންވަނަ ޓައިޓަލް (ކޮމިއުނިޓީ ޝީލްޑް ހިމެނޭގޮތަށް) ކާމިޔާބުކުރެވިއްޖެ ނަމަ. ނުވަތަ ކަލޭމެން ބުނާގޮތުން ނަމަ ދެވަނަ ޓައިޓަލް، އެވާނީ އަހަރެމެންނަށް ވަރަށް ބޮޑު ކާމިޔާބަކަށް. އަހަރެމެންނަށް އެނގޭ، ޔޫރޮޕާ ލީގު ފައިނަލުން އަހަރެމެން ބަލިވެއްޖެ ނަމަ، އަހަރެމެންނަށް ޗެމްޕިއަންސް ލީގު ނުކުޅެވޭނޭކަން،" މޮރީނިއޯ ބުންޏެވެ.

"އަހަރެމެން ވާދަކުރަނީ ޓްރޮފީއެއް ހޯދަން، އެކަމަކު ހަމަ އެގޮތަށް ގަދަ ހަތަރަކަށް ހިފާ ކްލަބުތައްވެސް ބޭނުންވާނެ އަހަރެމެން މިތިބި ހިސާބަށް ވާސިލްވާން، ޓްރޮފީއެއް ހޯދަން."

މިވަގުތު ޕްރިމިއަރ ލީގުގެ ތާވަލުގެ ހަ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން 2-1 ލަނޑުން ބަލިވުމާއެކު މޮރީނިއޯގެ ޓީމަސް ވަނީ، މި ސީޒަންގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ.

ޔޫރޮޕާ ލީގު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ އަޔެކްސް ބައްދަލުކުރާ މެޗު ކުޅޭނީ މޭ 24 ވަނަ ދުވަހުގެ ރޭ، ރާއްޖޭ ގަޑިން 11:5ގައެވެ.

comment ކޮމެންޓް