ގާސިމްގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލައިފި

އޭޕްރީލް 13ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ގާސިމް އިބްރާހިމްގެ ޝަރީއަތަށް ހާޒިރުވަނީ. ޕީޖީން މިއަދު ވަނީ ގާސިމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައި -- ސަން ފައިލް ފޮޓޯ

ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން އެންމެ ފަހުން ހުށަހެޅި މައްސަލައިގައި ދައުވާކޮށްދެވެން ނެތްކަމަށް އަންގައި އެ މައްސަލަ ޕީޖީން އަނބުރާ ފުލުހުންނަށް ފޮނުވާލައިފިއެވެ.

ޕީޖީގެ އޮފިޝަލެއް 'ސަން' އަށް ވިދާޅުވީ، ގާސިމްގެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލީ ދައުވާ ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ނެތުމުން ކަމަށެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި ޝަރީއަތް ކުރެވެމުންދާއިރު އެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. ގާސިމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

އެންމެ ފަހުން ގާސިމް ހައްޔަރުކޮށްފައިވަނީ، 42 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއި ހޯދުމަށް އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް 19 ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު ޝަރުތުތަކަކާއި އެކު ގާސިމް ވަނީ ދޫކޮށްލާފައެވެ.

ޝަރުތުތައް:

  • ތަހުގީގަށް އެއްބާރުލުން ދިނުން
  • ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަަށް ނުދިއުން
  • މުޖުތަމައުތަރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުން
  • މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުން
  • މުޖުތަމައުތެރޭގައި ފިތުނަ އުފައްދާ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުން
  • މުޖުތަމައުތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހީމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރަން އެހެން މީސްމީހުންނަށް އެތަންތަން ނުދިނުން
  • ދައުލަތުގެ ތިންބާރާއި ތިންބާރުގެ ވެރިންނާއި ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކުން
comment ކޮމެންޓް